އައްޑޫގެ ކަރަންޓް ނެޓްވޯކް އަޕްގްރޭޑް ކުރަމުން އަންނަނީ 20 އަހަރު ދުވަހަށް އައްޑޫގެ ކަރަންޓުގެ މައްސަލައާ މެދު ކަންބޮޑުވާން ނުޖެހޭ ފެންވަރަށް ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ކަރަންޓް ނެޓްވޯކު އަޕްގްރޭޑު ކުރަން ޗައިނާގެ "ޑޮންގްފަންގް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަން" އާ ހަވާލުކޮށްފައިވަނީ އިއްޔެއެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނަށް މާލޭގައި ދިރިއުޅޭ އައްޑޫ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވައި މިރޭ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މާލެއާ އެއް ފެންވަރަކަށް އައްޑޫ ސިޓީ ތަރައްގީ ކުރަން އެމަނިކުފާނު ބޭނުންފުޅުވާ ކަމަށާއި މި ފަސް އަހަރު ތެރޭގައި އެކަން ކޮށްދެއްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުން މިހާރުވެސް މުހިންމު މަޝްރޫއުތަކެއް ފަށާފައިވާ ކަމަށާއި އެގޮތުން އައްޑޫ ބްރިޖުގެ މަސައްކަތާއި ފެނުގެ ނިޒާމު އަޕްޑްރޭޑް ކުރުމުގެ މަސައްކަތް ކުރުމަށް މިހާރު ސޮއިކުރެވިފައިވާ ކަމަށެވެ.
"އަނެއް ކަމަކަށް މިހާރު އެ އޮތީ ސޮއި ކޮށްފައި ދެ ދުވަސް ކުރިން ކަރަންޓް މަޝްރޫއު، އެ ކަރަންޓް އަޕްގްރޭޑިން މަޝްރޫއު ނިމޭ އިރުގައި، އެއީ ދޮޅު އަހަރުގެ މަޝްރޫއެއް. އެ މަޝްރޫއު ނިމުނީމައި އައްޑޫ ސިޓީގެ ކަރަންޓް ނެޓްވޯކް އަޕްޑްރޭޑްވެގެން އެދަނީ އިރާދަކުރެއްވިއްޔާ ދެން 20 އަހަރު ދުވަސް ވަންދެން އެކަމާ އަޅުގަނޑުމެން ވޮރީ ކުރަން ނުޖެހޭ ފެންވަރަށް،" ރައީސް ވިދާޅުވިއެވެ.
އައްޑޫގެ ކަރަންޓް ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ދަށުން ހިތަދޫގައި އަލަށް 32 މެގަވޮޓުގެ ޕަވާ ޕްލާންޓަކާ އެކު ޑިސްޓްރިބިއުޝަން ސިސްޓަމް އަޕްގްރޭޑް ކުރާނެއެވެ. މި މަޝްރޫއު ފޭސްތަކަކަށް ބަހާލައިގެން ކުރިއަށް ގެންއުމަށް ހަމަޖެހިފައިވާ އިރު، ފުރަތަމަ ފޭސްގައި އިންސްޓޯލް ކުރާނީ 9.8 ގެ ދެ ޖެން ސެޓާއި 5.8 ގެ ދެ ޖެން ސެޓެވެ.
ސޮއިކުރުމުގެ ރަސްމިއްޔާގައި ފެނަކައިގެ އެމްޑީ މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ ޕަވާ ޕްލާންޓް ތަރައްގީ ކުރާނީ ޒަމާނީ ވަސީލަތްތަކާ އެކު ކަމަށާއި އެ ޕްރޮޖްކެޓް ނިމޭއިރު 50 މެގަވޮޓްއާ ހަމައަށް އަޕްގްރޭޑް ކުރެވޭ ވަރުގެ ކެޕޭސިޓީއެއް ހުރި ޕަވާޕްލާންޓެއް ހުންނާނެ ކަމަށެވެ.
ޚަބަރު
ޚަބަރު