ކުރީ ސަރުކާރުން ރަށްރަށުގެ ތަރައްގީއަށް ފަށައިފައިވާ މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށް ނުދާތީ ރައްޔިތުން ތިބީ ސަރުކާރާ މެދު މާޔޫސްވެފައި ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭން ނިންމާލުމަށް އެމްޑީޕީން މިއަދު ބޭއްވި "މިސްރާބު ހަމަމަގަމަށް ކެމްޕެއިން ޕެރޭޑު" ނިންމާލުމަށް ވާހަކަދައްވަމުން ސޯލިހު ވިދާޅުވީ މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް އެ މަނިކުފާނު ވަނީ ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް ދަތުރުކުރައްވާފައި ކަމަށެވެ. ކޮންމެ ރަށަކުން ވެސް އިވުނީ ސަރުކާރާ މެދު ހުރި ނުތަނަވަސްކަމާއި ހިތްހަމަނުޖެހުންތަކުގެ އަޑުތައް ކަމަށް ސޯލިހު ވިދާޅުވިއެވެ.
"އަޅުގަނޑު މި އައީ ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް ދަތުރުކޮށްފައި. ކޮންމެ ދިމާލަކުން އަޅުގަނޑަށް ފެންނަނީ މާޔޫސްކަން. ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގަންނަވަންވެގެން ވީ ވައުދުތައް ފުއްދަމުން ނުދާތީވެ އެކަމާ ކަންބޮޑުވެފަ ތިބީ. މިކަން ބަދަލު ކުރަން ޖެހިޖެއްކަން އެންމެންނަށް ރާއްޖޭގެ ކަންކޮޅުތަކުގެ އެންމެންގެ ފަރާތުން އަޑުއުފުލަމުން އެބަދޭ،" ސޯލިހު ވިދާޅުވިއެވެ.
ސޯލިހު ވިދާޅުވީ މަޖިލިސް އިންތިހާބު ކާމިޔާބު ކުރެއްވިއްޖެނަމަ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. ރާއްޖެ މިހާރު ވަނީ ހަމަމަގުން ކައްސާލައިފައި ކަމަށާއި ރާއްޖެ ހަމަމަގަށް އެޅުވުމުގެ މަސައްކަތް އެމްޑީޕީގެ މެޖޯރިޓީ އޮންނަ ސަރުކާރަކުން ކުރާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ޑިމޮކްރަޓިކް ގައުމެއްގައި ވެރިކަން ކުރަންވާނީ ރައްޔިތުން ބޭނުންވާ ގޮތަކަށް، ހާމަކަން ބޮޑު ގޮތެއްގައި ކަމަށް ސޯލިހު ވިދާޅުވިއެވެ. ނަމަވެސް މި ސަރުކާރަށް ފަސް މަސް ވެގެން ދިޔަ އިރުވެސް ސަރުކާރު ހިނގަމުންދާ ގޮތުގެ މައުލޫމާތު ނޭނގޭ ކަމަށާއި ދައުލަތުގެ ބަޖެޓުން ހަރަދުތައް ކުރަމުންދަނީ ކިހިނެތް ކަމެއް ނޭނގޭ ކަމަށެވެ. މިދިޔަ ތިން ހަފުތާ ތެރޭގައި ދައުލަތުގެ މާލިއްޔަތާ ބެހޭ އެއްވެސް މައުލޫމާތެއް ހާމަކޮށްފައިނުވާ ކަމަށް ސޯލިހު ވިދާޅުވިއެވެ.
"އެހެންވީމާ މި ކަންތައްތައް ހުއްޓުމަކަށް އެބަ ގެންނަން ޖެހޭ" ސޯލިހު ވިދާޅުވިއެވެ.
ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ މުސާރައަށް އެކަނި 450 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކުރަން ޖެހިފައިވާ ކަމަށވެ. ރިކަރަންޓު ހަރަދުތައް ވަނީ އިންތިހާއަށް މަތިވެފައި ކަމަށް ސޯލިހު ވިދާޅުވިއެވެ.
"ސަރުކާރުގެ މާލިއްޔަތު ހޭދަކޮށްގެން ކެމްޕޭން ކުރުމަށްޓަކައި 100 މިލިއަނަށްވުރެ ގިނަ ރުފިޔާ އެ ބޭފުޅުން ހަރަދުކޮށްފި. ސުވާލުކުރިޔަސް ޖަވާބެއް ނުލިބޭ. މިކަން ހަމަޔަކަށް އެޅުވޭނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން. އެހެންވެ އަޅުގަނޑުމެން ނުކުމެ މިތިބީ،" ސޯލިހު ވިދާޅުވިއެވެ.
މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް ވޯޓު ދޭންވީ ހުއްޓިފައިވާ މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ކަމަށާއި ސަރުކާރުގެ ތާއީދު އޮތް ކެންޑިޑޭޓުންނަށް ދޭ ވޯޓަކީ ތަރައްގީއާ ދެކޮޅަށް ދެވޭ ވޯޓެއް ކަމަށެވެ. މި ސަރުކާރުން ގެންގުޅެނީ ކުދި ރަށްރަށް ތަރައްގީން ބާކީ ކުރުމުގެ ވިސްނުމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މަޖިލިސް އިންތިހާބަށްފަހު ސަރުކާރުން ރައްޔިތުންގެ ގާތުގައި ބުނާނީ ކައުންސިލްގެ މެޖޯރިޓީތައް ދިނުމަށް ކަމަށާއި އެއަށްފަހު 2028 ބުނާނީ މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށް ގެންދެވެން ހުރީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިގެން ކަމަށެވެ. ސަރުކާރުގެ އެ ވާހަކައިގައި ރައްޔިތުން ނުޖެހުމަށް އެދިވަޑައިގަންނަވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު