ދަނޑުވެރިކަން ކުރިއެރުވުމަށް ސަރުކާރުން ކުރިއަށް ގެންދާ ސިޔާސަތަށް އޭޝިއަން ޑިވެލޮޕްމެންޓް ބޭންކު (އޭޑީބީ) އިން ތައުރީފު ކޮށްފިއެވެ.
އޭޑީބީ ނެރުނު އޭޝިއަން ޑިވެލޮޕްމެންޓް ރިޕޯޓުގައި ރާއްޖެއާ ބެހޭ ގޮތުން ބުނެފައިވަނީ ރާއްޖޭގައި ދަނޑުވެރިކަން ކުރިއެރުވުމަށް ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ ދިވެހިންގެ އަދަދު މަދުވުމާއި ދަނޑުވެރިކަމުގެ ސިނާއަތުގައި ލޯނު ލިބުމުގައި ދިމާވާ ދަތިތަކުގެ އިތުރުން ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ބައެއް ތަކެތީގެ އަގު ބޮޑުވުމަކީ ބައެއް ގޮންޖެހުންތައް ކަމަށް އޭޑީބީން ބުންޏެވެ.
ނަމަވެސް އޭޑީބީން ބުނީ ޒަމާނީ ޓެކްނޮލޮޖީއާ ރަހުމަތްތެރި ދަނޑުވެރިކަމުގެ ބާވަތްތައް ތައާރަފު ކުރުމަށް ރާއްޖެއިން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެކަމުގެ ސަބަބުން ރާއްޖޭގައި ދަނޑުވެރިކަން ކުރިއަރާފާނެ ކަމަށް ބެލެވޭ ކަމަށް އޭޑީބީން ބުންޏެވެ.
ހަނިމާދޫގައި ސަރުކާރުން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ދަނޑުވެރިކަމުގެ ޕްރޮގްރާމަށް އޭޑީބީން ވަނީ ތައުރީފު ކޮށްފައެވެ. އޭޑީބީން ބުނީ އެ ޕްރޮގްރާމުގެ ސަބަބުން މުޅި ރާއްޖޭގައި ކާނާގެ ޔަގީންކަން ކަށަވަރުކޮށް ދެމެހެއްޓެނިވި ދަނޑުވެރިކަމެއް ކުރުމަށް ބާރަކަށް ވެގެންދާނެ ކަމަށެވެ.
އޭޑީބީން ބުނީ ރާއްޖޭގައި ދަނޑުވެރިކަން ކުރާ ބިމުގެ ބޮޑުމިނަކީ ގާތްގަނޑަކަށް 5،900 ހެކްޓަރު ކަމަށެވެ. ރާއްޖޭގައި އުފައްދަނީ، ރާއްޖޭގެ އާބާދީއަށް ބޭނުންވާ ދަނޑުވެރިކަމުގެ ބާވަތްތަކުގެ އެންމެ 10 ޕަސަންޓު ކަމަށެވެ. 2005 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރުގެ ނިޔަލަށް ދަނޑުވެރިކަމުގެ ސިނާއަތުން ރާއްޖޭގެ ޖީޑީޕީގައި ހިއްސާކުރަނީ އެންމެ 1.5 ޕަސަންޓު ކަމަށާއި އެކަމުން އެނގެނީ ރާއްޖޭގައި ދަނޑުވެރިކަމުގެ ސިނާއަތު ފުޅާކުރުމުގެ މުހިންމުކަން ކަމަށް އޭޑީބީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު