އަންނަ އާދިއްތަ ދުވަހު ބާއްވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، ޕީޕަލްސް ނެޝަނަލް ފްރޮންޓް، ޕީއެންއެފްގެ ފުވައްމުލަކު އުތުރު ދާއިރާއަށް ކުރިމަތިލައްވާފައިވާ ދަނޑިމަގު އަނޯނާގެ މުހައްމަދު ޝަރަފުއްދީނަށް ތާއީދު ކުރަން އެމްޑީޕީން ނިންމައިފިއެވެ.

ފުވައްމުލަކު އުތުރު ދާއިރާއަކީ އެމްޑީޕީގެ ކެނޑިޑޭޓަކު ވާދަކުރާ ދާއިރާއެއް ނޫނެވެ. އެހެންކަމުން އެ ދާއިރާގައި ވާދަކުރަނީ، ޝަރަފުއްދީންގެ އިތުރުން ވެރިކަން ހިންގާ މައި ޕާޓީ ޕީއެންސީގެ ކެނޑިޑޭޓް ހަމަދު އަބުދުﷲއެވެ.

ޝަރަފުއްދީނަށް ތާއީދު ކުރަން ނިންމާފައިވާތީ، އެ ދާއިރާގެ ކެނޑިޑޭޓް ނަންބަރު ދޭކަށް، ފުވައްމުލަކު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރުންނާއި ޕާޓީއަށް ތާއީދުކުރާ ފަރާތްތަކުން ކެންޑިޑޭޓް ނަންބަރު ދޭކަށް ތާއީދުކޮށް ވޯޓުދިނުމަށް އެދޭ ކަމަށްވެސް އެމްޑީޕީން މިއަދު ވަނީ ބުނެފައެވެ.

ޕީއެންއެފް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގިނަ އަމަލުތައް ހުރީ ބާރުތައް ނަހަމަ ގޮތުގައި ބޭނުން ކުރުމާ ދިމާލަށް ކަމަށާއި ކުރިއަރަމުންދާ ރާއްޖޭގެ ޑިމޮކްރަސީގައި ހިޔާލު ފާޅުކުރުމާއި ޖަމިއްޔާ ޖަމާއަތްތައް ހެދުމަށް ބާރުގެ ބޭނުން ކުރި ހަމައެކަނި ވެރިޔަކީ ރައީސް މުއިއްޒު ކަމަށެވެ.

"މަޖިލިސް މުއިއްޒު ހޯދަން އުޅުއްވަނީ ބާރުތައް ނަންގަވާ ފަސާދަތައް ހިންގައި ފޮރުވުމަށާއި ސިޔާސީ ވާދަވެރިންނަށް އަނިޔާކުރަން. އެމްޑީޕީގެ މިނިންމުމަކީ ގުޅިގެން ޑިމޮކްރަސީ ސަލާމަތް ކުރުމަށް އެޅުއްވި ހަރުދަނާ ފިޔަވަޅެއް. މުޅި ރާއްޖެއިން އަދި ފުވައްމުލަކުންވެސް އޮންނާނީ މުއިއްޒު ނޫން ގޮތެއް!،" ޖަމީލް ވިދާޅުވިއެވެ.

މީގެކުރިން ވ. ފެލިދޫ ދާއިރާއަށް އަމިއްލަގޮތުން ވާދަކުރައްވާ ކެންޑިޑޭޓް އަލީ ޒާހިރުއަށް ތާއީދު ކުރަންވެސް އެމްޑީޕީން ވަނީ ނިންމައިފައެވެ.

ފެލިދޫ ދާއިރާއަކީ ވެސް އެމްޑީޕީން ވާދަކުރާ ދާއިރާއެއް ނޫނެވެ.

އަލީ ޒާހިރަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ. އޭރު ހުންނެވީ އެމްޑީޕީ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ނައިބު ރައީސްގެ މަގާމުގައެވެ.

ފެލިދޫ ދާއިރާގައި ހިމެނެނީ، ވ. އަތޮޅުގައި އޮތް ތިން ރަށެވެ. އެއީ ފެލިދޫ, އާއި ފުލިދޫގެ އިތުރުން ތިނަދޫއެވެ.

އެދާއިރާއަށް އަލީ ޒާހިރުގެ އިތުރުން ތިން ކެނޑިޑޭޓަކު ވާދަ ކުރައްވައެވެ. އެއީ އަމިއްލަ ގޮތުން ވާދަ ކުރައްވާ ހުސައިން ޒައިދު އާރިފް އާއި ޑިމޮކްރެޓްސްގެ ޝުޖާއު އަލީ އާއި ޕީއެންސީގެ އާދަމް ޒާހިރެވެ.