ވ. ތިނަދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނު މަސައްކަތު ސައިޓަށް ގެންގޮސްފިއެވެ.

އެ މަޝްރޫއު ހަވާލުކޮށްފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ބުނީ، ތިނަދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނު މަސައްކަތު ސައިޓަށް އިއްޔެ ގެންގޮސްފައިވާ ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން، 12,800 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަރު ބޭސިން ފުންކުރުމާއި 860 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމަށް ހަމަޖެހިފައިވާއިރު 77 މީޓަރުގެ ބޭރުތޮށި ލުމާއި 482 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި 249.66 މީޓަރުގެ އެއްގަމުތޮށިލުމަށް ވެސް ހަމަޖެހިފައިވެއެވެ.

އޭގެ އިތުރުން 1847 އަކަ މީޓަރުގެ ހާބަރު ޕޭވްމަންޓް ޖެހުމާއި 16 މީޓަރު ދިގު 6 މީޓަރު ފުޅާ ބްރިޖެއް ހެދުމާއި 10 މީޓަރު ދިގު 9 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި ބަނދަރު ބައްތި އާއި މޫރިން ބޯއީސް ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.

ޖުމުލަ 40.57 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ 11 ވަނަ ދުވަހުއެވެ.