އައްޑޫ ސިޓީގެ ޓޫރިޒަމަށް އިންގިލާބީ ބަދަލެއް ގެންނަ ހެންކެޑެ މަޝްރޫއުގެ ބިންގާ އަޅައިފިއެވެ.
އައްޑޫގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއުގެ ބިންގާ އަޅުވައިދެއްވީ ހޯމް މިނިސްޓަރު އިހުސާން އަލީ އަދި ހެންކެޑެ މަޝްރޫއުގެ ކޮންޓްރެކްޓަރު، ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޗައިނާ ނެޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީ (ސީއެންއީއީސީ) ވައިސް ޕްރެސިޑެންޓް ޖިން ކިހޯއެވެ.
ގިނަ ދުވަސްތަކެއް ވަންދެން ނުހެދި އޮތް އައްޑޫ ހަންކެޑެ ތަރައްގީކުރުމުގެ މަޝްރޫއު ސީއެންއީއީސީ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ 30 ވަނަ ދުވަހުގައެވެ. އެ ކުންފުނިން ހަންކެޑެގައި 1،041 ކޮޓަރި ހެދުމަށް ވަނީ ނިންމައިފައެވެ. އެއީ 2،082 ޓުރީސްޓު އެނދެވެ. ހަންކެޑޭގައި އެއްފަހަރާ 25،000 ޓޫރިސްޓުންނަށް ހިދުމަތް ދެވެން ހުންނާނެއެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ގަރާރަކުން ސަރުކާރުގެ ޓުއަރިޒަމް ރިއަލްއެސްޓޭޓް ޑިވަލޮޕްމަންޓް ޕްރޮޖެކްޓް ސަރަހައްދަކަށް ހަންކެޑެ ކަނޑައަޅުއްވާފައި ވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހުއެވެ. ހަންކެޑެގައި ރިސޯޓެއް ތަރައްގީ ކުރަން މިހާތަނަށް ފަސް ފަހަރެއްގެ މަތީން މަސައްކަތް ކޮށްފައިވެއެވެ. ނަމަވެސް އެކަން ހަގީގަތަކަށް ނުވެ އޮއްވައި ނިމިދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ދިމާކޮށް، ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ މޯލްޑިވްސް ފަންޑު މެނޭޖުނަންޓް ކޯޕަރޭޝަނުން ވަނީ ހަންކެޑެ ތަރައްގީކުރުމަށް އިއުލާނުކޮށް ޑިޒައިންގެ ފޮޓޯތައް އާއްމުކޮށްފައެވެ.
ހަންކެޑެ މަޝްރޫއުގެ މަސައްކަތް ފަށައިގެން ކުރިއަށް ގެންގޮސްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު