އިރާނާ ދެކޮޅަށް އަޅާނެ ފިޔަވަޅަކާމެދު އިސްރާއީލުން މަޝްވަރާ ކުރަން ފަށައިފިއެވެ.

އިސްރާއީލު ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ ސީއެންއެންގައި ބުނެފައިވަނީ މިދިޔަ ހަފުތާ ބަންދުގައި އިރާނުން ދިން އިސްރާއީލަށް ދިން ހަމަލާތަކާ ގުޅިގެން އެ ގައުމުގެ ހަނގުރާމަތަކާބެހޭ ހާއްސަ ކެބިނެޓުގެ ބައްދަލުވުމެއް އިއްޔެ ބާއްވާފައިވާ ކަމަށެވެ.

އެ ބައްދަލުވުމުގައި ހަމަލާއާ ގުޅޭ ހޫނު މަޝްވަރާތަކެއް ކުރި އިރު، ރައްދުގައި ދޭނެ ހަމަލާއަކާއި އެ ހަމަލާގެ ކުޑަ ބޮޑުމިނާމެދު މަޝްވަރާ ކޮށްފައި ކަމަށްވެސް އޮފިޝަލް ބުނެފައިވެއެވެ.

އިއްޔެގެ ކެބިނެޓް ބައްދަލުވުމުގައި އެ ކަބިނެޓުގައި ހިމެނިވަޑައިގަންނަވާ އިސް މެންބަރު ބެނީ ގަންޒު ވަނީ އިރާނަށް ރައްދު ދޭން މިހާރުވެސް މާލަސްވެއްޖެ ކަމަށާއި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ފަރާތުން އެކަމުގައި ގޮތް ނިންމުމުގައި ބޮޑު ލަސްތަކެއް ހުރި ކަމަށް ފާހަގަކޮށްފައެވެ. އަދި އިސްރާއީލުން ރައްދު ހަމަލާ ދިނުމުގައި ލަސްކުރާނަމަ އެކަމުގައި ބައިނަލްއަގުވާމީ ސަޕޯޓް ހޯދަން އުނދަގޫވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ނަތަންޔާހޫގެ ސަރުކާރަށް ވަނީ އެ ގައުމުގެ އެތެރޭގެ ސިޔާސީ ފަރާތްތަކުގެ ޕްރެޝަރުވެސް ބޮޑުވެފައެވެ. އެގޮތުން އިރާނުން ފޮނުވާލި ހަމަލާތައް ހުއްޓުވުމުގެ ގާބިލުކަން ނެތުމުން އެމެރިކާ އަދި އިނގިރޭސި ވިލާތުގެ އެހީ ހޯދުމުގެ ސަބަބުން އިސްރާއީލުގެ އަސްކަރީ ބާރާމެދު ސުވާލުކޮށް ގިނަ ބަޔަކު ދަނީ ސަރުކާރަށް ޕްރެޝަރު ކުރަމުންނެވެ.