ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގާއިމް ކޮށްފައިވާ ވިނަރެސް ފުލެޓުތަކުގެ ތެރެއިން އެކި ސަބަބުތަކާ ހުރެ ނުވިކި ބާކީ ހުރި ފުލެޓުތައް ވިއްކަން ހުޅުވައިލި ފުރުސަތުގައި ކުރިމަތިލި ފަރާތްތަކުގެ ފޯމުތަކާ މެދު ގޮތެއް ކަނޑައެޅުމަށާއި އެނޫން ގޮތަކަށް ވިނަރެސް ފްލެޓް ވިއްކުމަށް އިތުރު ފުރުސަތެއް ހުޅުވައި ނުލެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައަށް ދިފާއު ހުށަހެޅުމަށް ސިވިލްކޯޓުން އެޗްޑީސީއަށް އަމުރު ކޮށްފިއެވެ.
މިއީ ނާޒިމް ހަބީބު ކިޔާ އަމިއްލަ ފަރާތަކުން އެޗްޑީސީއާ ދެކޮޅަށް ސިވިލްކޯޓުގައި ކޮށްފައިވާ މި ދައުވާއެވެ. މި ދައުވާގައި އޭނާ އެދިފައި ވަނީ ވިނަސް ފްލެޓްތަކަށް ކުރިމަތިލުމަށް، ފަހެއް ނޮވެމްބަރު 2023 ގައި އެޗްޑީސީން ކޮށްފައިވާ އިއުލާނާ ގުޅިގެން އެޕާޓްމަންޓް ގަތުމަށް އެކި ފަރާތްތަކުން ހުށަހަޅާފައިވާ ހުށަހެޅުންތަކާ މެދު ގޮތެއް ކަނޑައެޅުމަށް އެޗްޑީސީގެ މައްޗަށް އަމުރު ކޮށްދިނުމަށެވެ.
އެދުވަހު ވިނަރެސްގެ އެޕާޓެމެންޓުތައް ވިއްކަން އެޗްޑީސީން ކުރި އިއުލާނާ އެކު ހުޅުވައިލި ފުރުސަތުގައި، ވިއްކަން ހުޅުވައިލި ހުރިހާ ފްލެޓެއް 30 މިނެޓް ތެރޭގައި ވިކުނު ކަމަށް އޭރު އެޗްޑީސީން ވަނީ ބުނެފައެވެ. އެއީ ޖުމްލަ 281 ފްލެޓެވެ. ނަމަވެސް އެދުވަހުގެ މާގިނަ އިރެއް ނުވެ އެތަނުގެ އޮންލައިން ޕޯޓަލަށް މެދުވެރިވި ޓެކްނިކަލް މައްސަލަތަކާ ގުޅިގެން އެ އެޕާޓްމެންޓުތައް ވިއްކުން ވަނީ މަޑުޖައްސާލައިފައެވެ. އޭގެ ފަހުން އެކަމަށް ވަކި ގޮތެއް ކަނޑައެޅިކަން އެޗްޑީސީން ހާމަކޮށްފައެއް ނުވެއެވެ.
މި ދައުވާއާ ގުޅިގެން، ސިވިލް ކޯޓުގެ އިހުތިސޯސާ މެދު އެޗްޑީސީން ވަނީ ސުވާލު ސުފައްދައިފައެވެ. އަދި މި މައްސަލައިގައި ދައުވާ ކުރުމުގެ ހައިސިއްޔަތު ނާޒިމަށް ލިބިފައިނުވާ ކަމަށް ވެސް އެޗްޑީސީން ވަނީ ބުނެފައެވެ.
ނަމަވެސް އެކަމާ ގުޅިގެން ސިވިލް ކޯޓުން މިއަދު ނިންމި ނިންމުމުގައި ވަނީ ނާޒިމަކީ ވިނަސް ފްލެޓްތަކަށް ކުރިމަތިލުމަށް ފަހެއް ނޮވެމްބަރު 2023 ގައި އެޗްޑީސީން ކޮށްފައިވާ އިއުލާނާ ގުޅިގެން އެޕާޓްމަންޓް ގަތުމަށް ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރޭގައި ހިމެނޭ މީހަކަށްވާ އިރު، އެ މައްސަލައިގައި ދައުވާ ކުރުމުގެ ހައިސިއްޔަތު އޭނާއަށް ނެތް ކަމަށް ބެލޭނެ ޖާގައެއް ނެތް ކަމަށެވެ. އަދި މި މައްސަލައިގެ އިހުތިސޯސްއާ ބެހޭ އަޑުއެހުން ބޭއްވުމާ ހަމައަށް ވެސް ނާޒިމްގެ އެޕްލިކޭޝަނާ މެދު ގޮތެއް ނިންމާފައިވާކަން އެނގެން ނެތަތީ، ހުށަހަޅާފައިވާ މައްސަލައަށް ޝަރީއަތުން ގޮތެއް ކަނޑައަޅަން ޖެހޭ ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން މިއީ ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޝަނަށް ބެލުމުގެ އިހުތިސޯސް ލިބިގެންވާ މައްސަލައެއް ކަމަށް ކޯޓުން ވަނީ ކަނޑައަޅައިފައެވެ. އަދި މިއަދުން ފެށިގެން 14 ދުވަހުގެ ތެރޭގައި ދައުވާ ފޯމާ ހަވާލުވިކަން އަންގައިދޭ ލިއުން އަލުން ހުށަހެޅުމަށް އެޗްޑީސީއަށް އަންގައި، އެ ދައުވާއަށް ދިފާއު ހުށަހެޅުމާ ގުޅޭގޮތުން ކޯޓުން އަންގާ ގޮތުގެމަތިން އަމަލު ކުރުމަށް އެޗްޑީސީއަށް އަމުރުކުރާ ކަމަށްވެސް ސިވިލް ކޯޓުގެ ނިންމުމުގައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު