އެންމެ ފަހުން އިރާނުން ޑްރޯން އާއި މިސައިލް ހަމަލާތަކެއް އިޒްރޭލަށް ފޮނުވާލައިފިއެވެ.

އިރާނުން އެ ހަމަލާތައް ދީފައި މިވަނީ މި މަހުގެ އެއްވަނަ ދުވަހު ސީރިޔާގައި ހުންނަ އިރާނުގެ ކޮންސުލޭޓަށް އަމާޒުކޮށް އިޒްރޭލުން ދިން ހަމަލާދީ އިރާނުގެ ސިފައިންގެ ވަރުގަދަ ކޮމާންޑަރަކާއި ސަރުކާރުގެ އޮފިޝަލުންތަކެއް މަރާލުމާ ގުޅިގެން ބަދަލުހިފުމުގެ ހަމަލާތައް ދޭނެ ކަމަށް ބުނެ އިންޒާރު ދިނުމަށްފަހުއެވެ.

އިރާނުގެ ހަބަރުތައް ބުނާ ގޮތުން އިރާނުން އިސްރާއީލަށް ރޭގެ ވަގުތެއްގައި އެތައް ސަތޭކަ ރޮކެޓާއި ޑްރޯން ވަނީ ފޮނުވާލައިފައެވެ. ނަމަވެސް އެ ހަމަލާތައް އިޒްރޭލަށް އަމާޒުގުމުގެ ކުރިން ހަމަލާތަކުން ދިފާއުވާ ނިޒާމުތައް ބޭނުންކޮށް އެ ހަމަލާތައް ވަނީ ނާކާމިޔާބު ކޮށްލައިފައެވެ. ހަމަލާތައް ދިފާއު ކުރުމުގައި އެމެރިކާއާއި އިނގިރޭސި ވިލާތުގެ އިތުރުން އިޒްރޭލުގެ ފައިޓާ ޖެޓުތަކުންވެސް ހަރަކާތްތެރިވި އެވެ.

އެންމެ ފަހުގެ ޓެކްނޮލޮޖީ ހިމެނޭ ހަމަލާތަކުން ދިފާއުވާ ނިޒާމު އިޒްރޭލުން ބޭނުންކުރި ނަމަވެސް ރޭގައި އިރާނުން ފޮނުވާލި ބައެއް ރޮކެޓްތައް ވަނީ އިޒްރޭލުގެ އަސްކަރީ ސަރަހައްދުތަކަށް އަމާޒުވެފައެވެ.

އިޒްރޭލުގެ ސިފައިންގެ ތަރުޖަމާނު ވަނީ އިރާނުގެ ހަމަލާތަކުން ލިބުނީ ވަރަށް ކުޑަ ގެއްލުމެއް ކަމަށާއި ހަމަލާގައި އަނިޔާވެފައި ވަނީ އެންމެ މީހަކު ކަމަށް ބުނެފައެވެ.

އިރާނުގެ އިތުރުން ޔަމަނުގައި ހަރަކާތްތެރިވާ ޔޫތީން ވެސް ވަނީ ރޭގެ ވަގުތެއްގައި އިޒްރޭލުގެ އުތުރުގެ ސަރަހައްދުތަކަށް ރޮކެޓް ހަމަލާތަކެއް ދީފައެވެ. އެ ހަމަލާތަކުން އެެއްވެސް ގެއްލުމެއް ލިބުނު ކަމެއް އިޒްރޭލުން އަދި ހާމަކޮށްފައިނުވެއެވެ.