ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ދެވަނަ ބެޗު، އިންޑިއާއަށް އަނބުރާ ފޮނުވާލާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، އައްޑޫ ސިޓީއަށް މިއަދު ވަޑައިގެން އެ ސިޓީ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ އިންޑިއާ ސިފައިންގެ ދެވަނަ ބެޗު ވަނީ މިމަހުގެ ނުވަވަނަ ދުވަހު، އިންޑިއާއަށް އަނބުރާ ގޮސްފައި ކަމަށެވެ.

"ފެށި މަސައްކަތް ގޮސްފައިވާ ހިސާބަަކީ ދެފަރާތުން އެއްބަސްވެވި ޓައިމް ޓޭބަލެއް، ތިން ބެޗަށް، ތިން ޕްލެޓްފޯމްގައި ތިބި ސިފައިން ފައިބާ ގޮތަށް، ފުރަތަމަ ޓީމް ފައިބާފައި، މިހާރު 9 އޭޕްރިލްގައި ދެވަނަ ޕްލެޓްފޯމްގެ ސިފައިން ފައިބައިފައި ވަނީ،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ބާކީ ތިބި އިންޑިއާ ސިފައިން މިއަންނަ މަހުގެ 10 ވަނަ ދުވަހު، އިންޑިއާއަށް ފުރާނެ ކަމަށެވެ.

"އެހެންވީމަ ވައުދު ފުދުނީ ނޫންތޯ، މިތާ ތިބި ބޭރުގެ ހުރިހާ ސިފައިން 10 މެއިގެ ކުރިން ފައިބާނެ. އަޅުގަނޑުވާ ވައުދެއް ވިއްޔާ އަޅުގަނޑު މަސައްކަތް ކުރާނީ އެންމެ ފުރިހަމައަކަށް އެކަމަށް ކޮށްދެވޭތޯ،" ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަކީ ރައީސް މުއިއްޒުގެ އެންމެ މުހިންމު އެއް ރިޔާސީ ވައުދުފުޅެވެ. ރައީސުލްޖުމްހޫރިއްޔާގެ ހުވާ ކުރެއްވި ދުވަހު ރައީސް މުއިއްޒު ވަނީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށް ރަސްމީކޮށް، އިންޑިއާގައި އެދިވަޑައިގެންފައެވެ.

އެފަހުން ރާއްޖެ އާއި އިންޑިއާ ދެމެދުގައި ވަނީ އިންޑިއާ ސިފައިން ކަންކަމުގައި މަތީ ފެންވަރުގެ މަޝްވަރާގެ ބައްދަލުވުންތަކެއް ބާއްވައިފައެވެ. އެ މަޝްވަރާތަކުގައި ދެގައުމުން އެއްބަސްވީ މާޗު 10 ނިޔަލަށް އައްޑޫގައި ތިބި އިންޑިއާ ސިފައިން ރާއްޖެ އިން ފޭބުމަށެވެ. އެ އެއްބަސްވުމާ އެއްގޮތަށް އައްޑޫގައި ތިބި އިންޑިއާ ސިފައިން ވަނީ އަނބުރާ ރާއްޖެއިން ފޮނުވާލައިފައެވެ. އިންޑިއާ ސިފައިން ދެން ތިބީ ހދ. ހަނިމާދޫ އަދި ލ. ކައްދޫގައެވެ. އެ އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަށް ހަމަޖެހިފައިވަނީ މެއި 10 ގެ ނިޔަލަށެވެ.