މި ފަސް އަހަރު ނިމޭއިރު ވަންއައިލެންޑް ކޮންސެޕްޓްގެ ހަތަރު ރިސޯޓް ލ. އަތޮޅުގައި ތަރައްގީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއް ކަމަށާއި އެ އަމާޒަމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިންގައި ރައީސް މުއިއްޒު ލ. އަތޮޅުގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ލ. ގަމަށް މިއަދު ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ، ކޮންމެ ރަށަކުންވެސް ބޭނުން ވަނީ އެރަށަކާ ކައިރީގައި ޓޫރިޒަމް ތަރައްގީ ކުރުމަށް ކަމަށެވެ.

އެހެންކަމުން ލ. އަތޮޅު ހިމެނޭގޮތުން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ހުރި ޓޫރިޒަމްގެ ފުރުސަތުތައް ވަކިވަކިން، ބައިނަލް އަގުވާމީ މާކެޓްތަކަށް މާކެޓްކޮށްދޭނެ ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތުން އެމްއެމްޕީއާރުސީ މެދުވެރިކޮށް ޑޮކިއުމެންޓްރީތައް ތައްޔާރުކޮށް ލ. އަތޮޅު މުޅި ދުނިޔޭގެ މާކެތްތަކަށް ދައްކާލަން މަސައްކަތްކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

"ސިންގަޕޫރު، ތައިލެންޑް ޑުބާއީގައި މިއަހަރުގެ ތިން އިންވެސްޓްމެންޓް ފޯރަމްއެއް ގެންދާނަން، އެގޮތުން ލ. އަތޮޅުގެ ހުރި ޕޮޓެންޝަލް ރައްތައް ކައުންސިލްތަކުން ބޭނުންވާ ގޮތަށް އެރަށްތައް އެތަންތަނުގައި މާކެޓްކޮށް އިންވެސްޓަރުން ހޯދުމުގެ މަސައްކަތް ކުރާނަން،" މިނިސްޓަރު ވިދާޅުވިއެވެ.

ނަމަވެސް އެކަންތައްތައް ފަސޭހަކަމާއެކު ކުރެވޭނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރައީސް ޑރ.މުހައްމަދު މުއިއްޒަށް މެޖޯރިޓީ ދީކެންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.