ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އާއި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ދޫކުރި ކޮވިޑް ލޯނުތަކަށް އެރި އިންޓްރެސްޓު މާފު ކުރަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް، ލާމަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ ފޮނަދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ވަރަށް ގިނަ ބަޔަކު ހާލުގައި ޖެހުމުގެ ސަބަބުން ލޯނު ނެގި ކަމަށެވެ. އެ ލޯނުތަކުގެ އިންޓްރެސްޓް އަރަމުން ގޮސް މިހާރު އެ ލޯނު ނެގި ފަރާތްތަކަށް ނުކަތާ ވަރަށް އިންޓްރެސްޓް އަރާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެންވީމާ އިރާދަކުރެއްވިއްޔާ އީދު ބަންދަށްފަހު ހުޅުވޭ ދުވަހުން ފެށިގެން އެޕްލައި ކުރުމުގެ ފުރުސަތު ދޭނަން. ކޮވިޑުގެ ލޯނު ނަގައިގެން އެ އިންޓްރެސްޓް ސަރުކާރުން މާފުކުރަން މިހާރު އޮތީ ނިންމާފައި. އެ ލޯނު ނެގި ހުރިހާ މީހުންނަށް އިންޓްރެސްޓް މާފުވާނެ. ދެން އެ ލޯނު ނެގި ފަރާތްތަކަށް އީދު ބަންދަށްފަހު ހުޅުވޭ ދުވަހުން ފެށިގެން އެޗްޑީއެފްސީއަށް، އެ ބޭންކަށް އެޗްޑީއެފްސީ ބޭންކަށް އެޕްލައިކުރީމަ އެ އޮންނަ އެޕްލިކޭޝަނެއް ފުރިހަމަކޮށްފައި އެގްރީމެންޓް ހެދީމަ ލޯނު މާފުވާނެ. އިންޓްރެސްޓް މާފުވާނެ" ރައީސް ވިދާޅުވިއެވެ.

ކުރީ ސަރުކާރުން އެ އިންޓްރެސްޓު މާފުކޮށްދޭނެ ކަމަށް ބުނެފައިވިޔަސް އެކަން ކޮށްދީފައިނުވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ވިދާޅުވީ ކުރީ ސަރުކާރާ ހިލާފަށް މި ސަރުކާރުން ކަންކަން ކުރާނީ އިންތިހާބު ބޯމަތިވުމަކުން ނޫން ކަމަށާއި މި ސަރުކާރުން ވަނީ އެ ލޯނުތަކުގެ އިންޓްރެސްޓު މާފުކުރުމުގެ މަސައްކަތް މިދިޔަ ހަތަރު މަސް ދުވަހުގެ ތެރޭގައިކޮށް އެކަމުގެ ހުރިހާ ކަމެއް ނިންމާފައި ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ ސަރުކާރުން ބޭނުންވަނީ ރައްޔިތުންނަށް ލުއި ދޭން ކަމަށެވެ. ސަރުކާރުން ދަނީ ފައިސާ ޗާޕުނުކޮށް ރާއްޖެއިން ބޭރަށް ދައްކަން ޖެހޭ ދަރަނި ދައްކަމުން އަދި ސަރުކާރުގެ ކުންފުނިތަކުން، އަމިއްލަ ފަރާތްތަކަށް ދޭން ޖެހޭ ފައިސާތައް ހަވާލުކުރަމުން ކަމަށެވެ. އަދި ދައުލަތުގެ ސިޔާސަތަކީ ރާއްޖޭގެ އާމްދަނީ އިތުރުކުރުން ކަމަށް ވެސް ވިދާޅުވިއެވެ.

ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ސަރުކާރުގެ ދެތިން ކުންފުންޏެއް ފިޔަވައި އެހެން ހުރިހާ ކުންފުންޏެއް ވަނީ ދަރާފައި ކަމަށާއި ނަމަވެސް މިހާރު އެ ކުންފުނިތަކުގެ މާލީ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.