ގާޒާގެ ދެކުނުން އިޒްރޭލުގެ ބައެއް ސިފައިން ފައިބައިފިއެވެ.

އިޒްރޭލުގެ ޑިފެންސް ފޯސްގެ ތަރުޖަމާނާ ޕީޓާ ލާނާއާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުން، އެ ގައުމުގެ ސިފައިންގެ ފައުޖުގެ ތެރެއިން ދެކުނު ގާޒާގައި ތިބި ސިފައިންގެ އަދަދު މަދުކޮށް ބައެއް ސިފައިން އެ ސަރަހައްދުން ވަނީ ފައިބައިފައެވެ. އެއީ ހަނގުރާމަ ނިމުން ނޫން ކަމަށާއި ގާޒާގެ ވަކި ސަރަހައްދަކުން ސިފައިން މަދުކުރި ނަމަވެސް ހަނގުރާމަ ކުރިއަށްދާނެ ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

ގާޒާގައި ހަރަކާތްތެރިވާ ހަމާސް ޖަމާއަތް ނައްތާލުމަށް ކަމަށް ބުނެ އިޒްރޭލުން ފަލަސްތީންގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލްއާންމުގައި މިހާތަނަށް ފަލަސްތީންގެ 33،000 އަށްވުރެން ގިނަ މީހުން މަރުވެފައިވެއެވެ. އަދި އިޒްރޭލުން 1200 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

އެ ހަނގުރާމަ ހުއްޓާނުލާނެ ކަމަށް އިޒްރޭލުން ބުނަމުންދާއިރު، ހަމަލާތައް ހުއްޓާލުމަށް އިޒްރޭލާއި ހަމާސް ޖަމާއަތާ ދެމެދު މިސްރުގެ ވެރިރަށް ކެއިރޯގައި އިއްޔެ ވަނީ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފައެވެ.