ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ މުހިންމު ވަނީ ކުރީ ސަރުކާރުން ގައުމަށް ހިޔާނާތްތެރިވެ، މާލިއްޔަތު ދޮވެލުމުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީގެ ފަރާތުން ފޮނަދޫ ދާއިރާއަށް ވާދަކުރައްވާ އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ރޭ ބޭއްވި އަދުރޭގެ ކެމްޕޭން ހަރަކާތެއްގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ދިވެހީންގެރާއްޖެ ބިނާކުރުމަށް އެންމެ މުހިންމު ކަމަކީ ރައްކާތެރިކަން ކަށަވަރުކުރުން ކަމަށާއި ރައްކާތެރިކަން ކަށަވަރު ކޮށްގެން ނޫނީއްޔާ ދިވެހީން ބޭނުންވާ ތަރައްގީ އާއި ކުރިއެރުމެއް ނުހޯދޭނެ ކަމަށެވެ. އަދި އެ ނޫން ގޮތަކަށް އުފާވެރި މުސްތަގުބަލެއްވެސް ނުހޯދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ދިވެހީންގެރާއްޖެއެއް ބިނާކުރަން އައި އިރު، ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި ކުރަން. ރައްޔިތުންނަށް ވަރަށް ގިނަ ކަންތައްތައް އެބަ ބޭނުންވޭ. މިހެން ވާން ޖެހުނީ ނިމިދިޔަ ސަރުކާރުން ގައުމަށް ހިޔާނާތްތެރިވީމަ، ރައްޔިތުންނަށް އަނިޔާވެރިވީމަ، ރައީސުލްޖުމްހޫރިއްޔާއަކަށް އޭރު ހުންނެވި ބޭފުޅާއަށް ވާނުވާ އެނގިގެން ނުވަތަ ނޭނގި ހުންނަވައިގެން މި ގައުމު މުޅި މާލިއްޔަތު ދޮވެ ހުސްކޮށްލީމަ، ގާނޫނީ އިމުގެ ބޭރުން އެތައް ކަންތައްތަކެއް ކުރީމަ، އެހެންވީމާ މިކަންކަން ހަމަ މަގަށް އެޅުވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ މި ބޭނުންވަނީ،" އޭނާ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ރައްކާތެރިކަން ކަށަވަރުކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރު ވަރަށް މުހިންމު ކަމަށާއި މަޖިލީހަކީ ވެރިކަން ކުރުމުގެ ނިޒާމު ހަމަޖެހިފައި އޮތް ގޮތުން ރައީސުލްޖުމްހޫރިއްޔާއަކަށް ވަޑައިގަންނަވާ ބޭފުޅަކަށް ރާއްޖެއަށް ހިދުމަތްކުރުމުގައި، ރައްޔިތުންނަށް ހިދުމަތްކުރުމުގައި، ގައުމު ބިނާކުރުމުގައި ވަރަށް މުހިންމު އެހީތެރިކަމެއް ފޯރުކޮށްދޭންޖެހޭ ތަނެއް ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ ވިދާޅުވަނީ 200 ވަރަކަށް ގާނޫނު އެބަ ބޭނުންވެއޭ ރައްޔިތުންނަށް ހިދުމަތްކުރުމަށް ބޭނުންވާ ކަންތައްތަކަށް، އަލަށް ވުޖޫދަށް ގެންނަން. އެކަންކަން ކުރެވޭނީ ރައްޔިތުންގެ ހައްގުގައި، ރައްޔިތުން އިސްކޮށްގެން، ގައުމު އިސްކޮށްގެން، ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކީގައި ވަކާލާތުކުރަން ކުރޭ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއް ތިބެގެން. އަޅުގަނޑަކަށް ނުފެނޭ ވާދަވެރި ފަރާތްތަކުން އެފަދަ އިހުލާސްތެރި، ތެދުވެރި މެންބަރުންތަކެއް،" އޭނާ ވިދާޅުވިއެވެ.
އަދުރޭ އިތުރަށް ވިދާޅުވީ ޕީޕީއެމް/ޕީއެންސީން ރާއްޖެ ހޯދަން ނުކުތީ ދިވެހީންގެރާއްޖެ ލޮލުކޮޅަށް އޮބާލައި ގޮސްފައި އޮއްވައި ކަމަށާއި އިސް ސަފުގައި ތިއްބެވި ބޭފުޅުންގެ ވިސްނުންތެރިކަމާއެކީގައި ދިވެހީންގެ އޮޑި މާކަނޑަށް ޣަރަގުވިޔަ ނުދީ ސަލާމަތްކޮށްގެން ދިވެހީންގެ ރާއްޖެއާ ދިމާއަށް ދަތުރު ފެށިފައިވާ ކަމަށެވެ. އަދި އެ ދަތުރު ކާމިޔާބު ކަމާއެކު ދިވެހި ރައްޔިތުންނާއެކީގައި ކުރަމުން އައިސް، މިއަދު މި ތިބީ ދިވެހީންގެ މާލިމީއަކާ އެކީގައި ދިވެހީންގެރާއްޖޭގައި ކަމަށް އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު