ރައްޔިތުންގެ ކިބައިން ބަދަލު ހިފަން ބޭނުންވާ ބައެއްގެ އަތްމައްޗަށް މަޖިލީހުގެ ލަގަން ދޫކޮށްލައިގެން ނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މި މަހުގެ 21 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނަށް ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ޕާކުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖެއިން މީގެ ކުރިން ފެނިފައިވަނީ ބަދަލު ހިފުމުގެ ގޮތުން ސިޔާސީ ގޮތުން މީހުން ހައްޔަރުކުރުމާއި ޖަލަށްލުން ކަމަށެވެ. އެ މަނިކުފާނު ބޭނުންފުޅުވަނީ އެ މާޒީ ބަދަލުކޮށް ރާއްޖެއަކީ ސުލްހަވެރި އަމާން ތަނަކަށް ބަދަލުކުރަން ކަމަށެވެ.
ނަމަވެސް ބައެއް ފަރާތްތަކުން ދައްކާ ވާހަތަކުން ދޭހަވަނީ ސިޔާސީ ހަމަނުޖެހުމެއްގައި އަބަދު ގައުމު ބޭއްވުމަށް ބޭނުންވާ މަންޒަރު ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ބަދަލު ހިފުމުގެ ރޫހު ނައްތާލަން ކަމަށެވެ. އެކަން އެގޮތަށް ކުރެވޭނީ ރިޔާސީ އިންތިހާބުގައި އެ މަނިކުފާނަށް ރައްޔިތުން އެއްބާރުލުން ދިން ގޮތަށް، މަޖިލިސް އިންތިހާބުގައި ވެސް ރައްޔިތުންގެ އެއްބާރު ލިބިގެން ކަމަށެވެ.
"އަޅުގަނޑުމެންގެ ތެރޭގައި ބައެއް ބޭފުޅުން ދައްކަވާ ވާހަކަފުޅުތައް ޕޯޑިއަމްތަކުގައާއި މައިކުތަކުގެ ބޭނުން ހިއްޕަވައިގެން. އެ ވާހަކަތަކުން އަޅުގަނޑުމެންނަށް މި އިހުސާސް ވެގެންދަނީ އެ ބޭފުޅުންގެ ހިތްޕުޅުގައި މިގައުމުގެ ހަމަޖެހުން ގާއިމުވާން ބޭނުންނުވާކަމުގެ އިހުސާސް. އަޅުގަނޑުމެންގެ ކިބައިން ބަދަލެއް ހިފަން ދިވެހި ރައްޔިތުންގެ ކިބައިން ބަދަލެއް ހިފަން ބޭނުންވެފައި ތިބިކަމުގެ އިހުސާސް. އެގޮތަށް އެކަން ކުރަން ތިބި ބައެއްގެ އަތްމައްޗަށް ރައްޔިތުންގެ މަޖިލީހުގެ ލަގަން ދޫކޮށްލައިފިއްޔާ ދެން އަނެއްކާވެސް ކުރިން މި ދެންނެވި ކުރީގައި ތަކުރާރުވި ބަދަލު ހިފުމުގެ ރޫހުގެ ސައިކަލްގެ ތެރެއަށް އޮއިވަރުގެ ތެރެއަށް ގައުމު ވަދެގެންދާނީ،" ރައީސް ވިދާޅުވިއެވެ.
އެފަދަ ވިސްނުމެއްގައި ތިބި ބަޔަކަށް މަޖިލިސް ލިބިއްޖެނަމަ، ސަރުކާރުން ރައްޔިތުންނަށް ކޮށްދޭން ބޭނުންވާ ކަންކަމަށް މަޖިލީހުން ހުރަސް އަޅާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިދިޔަ ހަތަރު މަސް ދުވަހުގެ ތެރޭގައި ވެސް މަޖިލީހުން ކަންކުރީ އެގޮތަށް ކަމަށާއި މަޖިލީހުގެ މެޖޯރިޓީ އެ މީހުންނަށް ލިބިއްޖެނަމަ އެއަށްވުރެ މާ ނުބައިކޮށް ކަންކަންކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މަޖިލިސް ތެރެއިން ސަރުކާރުގެ ކަންކަމުގެ ތެރެއަށް ހުރަސް އަޅައި ބަދަލު ހިފަމުންދާ އިރުވެސް އެ މަނިކުފާނު އެއިން އެއްވެސް ކަމަކަށް ބަދަލު ހިފާފައިނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ރައްޔިތުން ވެސް އެފަދަ މަޖިލީހަކަށް ފުރުސަތު ދީގެން ނުވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު