ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ރިސޯޓުތަކުން ރަށްރަށުގެ ގެސްޓުހައުސްތަކަށް ފުރޮޅެމުން އަންނާތީ، މި އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން ކުރިއަރާނެ ކަމަށް ލަފާކުރި މިންވަރު ވޯލްޑް ބޭންކުން ދަށްކޮށްފިއެވެ.

ވޯކްޑް ބޭންކުން ކުރިން ލަފާކޮށްފައި ވަނީ ރާއްޖޭގެ އުފެއްދުންތެރިކަން 5.2 ޕަސަންޓުން ކުރިއަރާނެ ކަމަށެވެ.

ވޯލްޑް ބޭންކުން މިއަދު ނެރުނު ސައުތު އޭޝިއާ ޑިވެލޮޕްމަންޓް އަޕްޑޭޓު ރިޕޯޓުގައި ވާ ގޮތުގައި ރާއްޖޭގެ އުފެއްދުންތެރިކަން ކުރިއަރާނެ ކަމަށް މިހާރު ލަފާކުރަނީ 4.7 ޕަސެންޓްގައެވެ. މިއީ ކުރިން ވޯލްޑް ބޭންކުން ލަފާކުރި ވަރަށް ވުރެ 0.5 ޕަސަންޓުގެ ދަށްވުމެކެވެ.

އެ ރިޕޯޓުގައިވާ ގޮތުގައި ރާއްޖޭގެ އުފެއްދުންތެރިކަން ދަށަށް ދާނެކަމަށް ލަފާކުރެވޭ މައިގަނޑު ސަބަބަކީ، މަތީ ފަންތީގެ ރިސޯޓްތަކުން އަގުހެޔޮ ގެސްޓްހައުސްތަކަށް ފަތުރުވެރިން ބަދަލުވުމެވެ.

އެ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރުގައި ރާއްޖޭގެ އިގުތިސޯދު ކުރިއެރީ ދެ ޕަސެންޓެވެ. ނަމަވެސް 2022 ވަނަ އަހަރުގެ އެ ކުއާޓަރުގައި ރާއްޖޭގެ އިގުތިސޯދު 13.9 ޕަސެންޓް ކުރިއެރި ކަމަށް ރިޕޯޓުގައިވެއެވެ.

ރިޕޯޓުގައި ބުނި ގޮތުގައި އަންނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން ހުންނާނެ ކަމަށް ލަފާކުރެވެނީ 5.2 ޕަސަންޓުގައެވެ. ނަމަވެސް އެއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ނިމިއްޖެ ނަމައެވެ.

އެ ރިޕޯޓުގައި އިތުރަށް ބުނީ ރާއްޖޭގެ އިތުރުވަމުންދާ ދަރަންޏާމެދު ކަންބޮޑުވާ ކަމަށެވެ. އަދި އެއާޕޯޓު ތަރައްގީގެ މަޝްރޫއާއެކު ޑެފިސިޓް އިތުރުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ރިޕޯޓުގައިވެއެވެ.