ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރެވޭ ގޮތަށް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަކިކުރެވޭ ގޮތެއް ވެސް އޮންނަން ޖެހޭ ކަމަށް ރައީސް އޮފީހުގެ ސްޕެޝަލް އެޑްވައިޒަރު، އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އިދިކޮޅު މައި ޕާޓީ، އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް މެންބަރުންގެ ވޯޓުން އެކަނިވެސް ރައީސް ނުވަތަ ނައިބު ރައީސް ވަކިކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވައިދަށް ވަނީ އިސްލާހުތަކެއް ގެނެސްފައެވެ. ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހެޅުމާއެކު މަޑުޖެހުމެއް އައި ނަމަވެސް، އެމްޑީޕީން އަދިވެސް ގެންދަނީ އެ މަސައްކަތްކުރަމުންނެވެ.
އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުރުން ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލާއި ރަށު ކައުންސިލާއި އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ގޮނޑި ގެއްލޭ ގޮތަށް ހުށަހެޅި އެންޓި ޑިފެކްޝަން ބިލު ވެސް މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ. އެ ބިލު ހުށަހަޅާފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ.
ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ހޯރަފުށީ ދާއިރާއަށް ވާދަކުރައްވާ އަލީ މޫސާގެ ކެމްޕޭން ބައްދަލުވުމެއްގައި މިއަދު ހަވީރު ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޮޑެތި ވައުދުތަކެއް ވެވަޑައިގެންފައިވާ ކަމަށާއި އެ ވައުދުތައް ފުއްދުމަށްޓަކައި ގާނޫނުތަކަށް އިސްލާހު ގެނައުމާއި އަލަށް ގާނޫނުތަކެއް ވުޖޫތައް ގެނެސް، އަދި ގާނޫނުއަސާސީއަށް ވެސް އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށެވެ.
"ހަމަ ހަގީގަތުގައި ވެސް ގާނޫނުއަސާސީއަށް އިސްލާހު ގެންނަން އެބަޖެހޭ. އެހެން މި ދަންނަވާލި ސަބަބަކީ ބުއްދީގެ ހަމަތަކުން ބަލާ އިރު، ގަބޫލު ނުކުރެވޭ ކަންތައްތަކެއް އެބަހުރި މިހާރު. މުޅި ރާއްޖޭގެ ރައްޔިތުންގެ ވޯޓަކުން އިންތިހާބުކުރަނީ ރައީސުލްޖުމްހޫރިއްޔާ. ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް މި އިންތިހާބުކުރަނީ 5000 ރައްޔިތުން ހިމެނޭ ދާއިރާއެއް. އެހެންނަމަވެސް މިހާރު މި އޮންނަގޮތުން މުޅި ރާއްޖޭގެ ރައްޔިތުން ވޯޓުލައިގެން އިންތިހާބުކުރާ ރައީސުލްޖުމްހޫރިއްޔާ ވަކިކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް އެބަ ލިބޭ. އެކަމަކު 5000ގެ އާބާދީއަކުން އިންތިހާބުކުރާ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ވަކިކުރެވޭނެ އެއްވެސް ގޮތެއް ނެތް،" އޭނާ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ރައީސް އުލުޒުކުރެވޭ އިރު، މަޖިލިސް މެންބަރުން ވަކިކުރެވޭ ގޮތެއް ނެތުމަކީ ދެކޮޅު ދިމާވާ ކަމެއް ނޫން ކަމަށާއި އެއީ ސަރުކާރުން އެކަމާ ވަކި ގޮތަކަށް ވިސްނުން ހުރެގެން ދަންނަވާ ވާހަކައެއް ނޫން ކަމަށެވެ.
"އެހެންވީމާ ކެންޑިޑޭޓެއްގެ ހައިސިއްޔަތުން އަދި ކުރިން ދެ ދައުރު މަޖިލީހުގައި އުޅުނު މީހެއްގެ ހައިސިއްޔަތުން ވެސް މި ދަންނަވަނީ އަޅުގަނޑު ގަބޫލެއް ނުކުރަމޭ ރައީސުލްޖުމްހޫރިއްޔާ ވަކިކުރުމުގެ ބާރު މަޖިލީހަށް އޮންނަ އިރު، މަޖިލިސް މެންބަރުން ވަކިކުރުމުގެ ބާރު ކޮންމެވެސް ބަޔަކަށް އޮންނަން ޖެހޭ. އެހެންނޫނީ މީގައި ދެކޮޅު ދިމައެއް ނުވޭ. މިއޮތީ ރިޔާސީ ނިޒާމެއް، އެކަމަކު މި ނިޒާމުގައި މިހާރު މި ރާއްޖޭގައި ކަންތައް މިއޮތް ގޮތުން ރައްޔިތުންގެ މަޖިލީހުން ބޭނުންނުވާ އެއްވެސް ކަމެއް ރައީސުލްޖުމްހޫރިއްޔާއަށް ކުރެވޭކަށް ނޯވޭ. ރައްޔިތުންގެ މަޖިލީހުން މި ބުނަނީ ރައީސުލްޖުމްހޫރިއްޔާ ގާތުގައި މުލިއާގޭ ކޮޓަރިއެއްގައި އިންނާށޭ 24 ގަޑިއިރުން އެއް ފަހަރުއޭ ނުކުންނަންވާނީ ބޭރަށް، ބުނީމަ އެގޮތަށް އިންނަންވީ،" އޭނާ ވިދާޅުވިއެވެ.
އަދުރޭ އިތުރަށް ވިދާޅުވީ ހަގީގަތުގައި ހުރިހާ ބާރެއް އޮތީ ރައްޔިތުންގެ މަޖިލީހަށް ކަމަށާއި އެހެންކަމުން ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ޖެހޭ ކަމަށެވެ. އަދި ރައީސް މުއިއްޒު ބޭނުންފުޅުވާ ތަރައްގީ އެމަނިކުފާނުގެ ދުވެލީގައި މި ގައުމަށް ގެނައުމަށް ގާނޫނުއަސާސީ އިސްލާހުކޮށް، ގާނޫނުތައް އަލުން ހަދައި، މިހާރު ހެދިފައި ހުރި ގާނޫނުތަކަށް އިސްލާހު ގެންނަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު