ރައްޔިތުންގެ މަޖިލީހުގެ ސާޖަންޓް އެޓް އާމްސްގެ މަގާމަށް، ހަމަޖައްސަން މަޖިލީހުގެ ޖަލްސާއިން ފާސްކުރި ގ. ސާޓަންގެ/ މޭޖާ ރިޓަޔާޑް ތޮލްހަތު ހަސަން މަގާމުގެ ހުވައި ކުރައްވައި މިއަދު މަގާމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެންފިއެވެ.

ސާޖަންޓް އެޓް އާމްސްގެ މަގާމަށް އޭނާ އައްޔަން ކުރަން މަޖިލީހުން ފާސްކުރީ މިދިޔަ ހަފުތާގައެވެ. އެއީ އެދުވަހުގެ ޖަލްސާގައި ތިއްބެވި 37 މެންބަރުންގެ ތެރެއިން 35 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

ސާޖެންޓް އެޓް އާމްސްގެ މަގާމު އުފެއްދީ 31 އޮކްޓޯބަރު 2013 ގައެވެ. އެ މަގާމު އުފެއްދީއްސުރެ މިހާތަނަށް އެ މަގާމުގައި ހުންނެވީ މުހައްމަދު ހަލީމެވެ. އެ މަގާމު ހުސްވީ ގިނަ ދުވަސްތަކަކަށް އޭނާ މަގާމުން ސަސްޕެންޑްކޮށްފައި ބެހެއްޓުމަށްފަހު، 24 އޯގަސްޓް 2022 ގައި މަޖިލީހުން ވޯޓު ނަގައިގެން އޭނާ މަޖިލީހުން ވަކި ކުރުމާ ގުޅިގެންނެވެ.

އޭރު އޭނާ ސަސްޕެންޑް ކުރީ މަޖިލީހުން އޭނާގެ މައްސަލައެއް ބަލަމުންދާތީއެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް މަޖިލީހުން ހާމަކޮށްފައެއް ނުވެއެވެ.