ރޯދަ މަހުގެ ފަހު ދިހައިގެ ދުވަސްތައް މިވަނީ ގުނަން ފަށާފައެވެ. މި އަހަރުގެ ރޯދަ މަހުގެ މިހާތަނަށް އައިއިރު، ފާހަގަވެފައި ވަނީ ބާޒާރުމަތީގައި ތަކެތި ތިޔާގި އަދި އަގުވެސް ހެޔޮ މަހެއްގެ ގޮތުގައެވެ. އެގޮތުން ތަރުކާރީއާއި މޭވާއާއި ފަތްޕިލާވެލީގެ އިތުރުން ފަލަމަޑީގެ ބާވަތްތަކާއި ކާށީގެ އަގުވެސް މި ފަހަރު އެވްރެޖުގޮތެއްގައި ހުރީ ހެޔޮކޮށެވެ. މަސް މާރުކޭޓުގެ އަގުތައް އެއްވަރެއްގައި ހިފެހެއްޓިފައި ހުރިއިރު މަހުގެ އަގުވެސް ހުރީ އަތްފޯރާ ފަށުގައެވެ.
މި އަހަރުގެ ރޯދަ މަހުގައިވެސް އެންމެ ޑިމާންޑު ބޮޑުވި އެކައްޗަކީ ކަނޑޫދޫ މިރުހާއި ކަރައާއި ކުރުނބަލެވެ. މި އަހަރުގެ ރޯދަ މަސް ފެށުނުއިރު، މިރުހުގެ އަގު މިދިޔަ ރޯދަމަހަށް ވުރެ ބޮޑެވެ. އެގޮތުން މިދިޔަ އަހަރުގެ ރޯދަ މަސް ފެށުނުއިރު، ކަނޑޫދޫ މިރުސް ކިލޯއެއް 280-300 ރުފިޔާއަށް ލިބެން ހުރި އިރު މި އަހަރުގެ ރޯދަ މަސް ފެށުނުއިރު، މިރުހުގެ އަގު ހުރީ 700 ރުފިޔާއިން މަތީގައެވެ. ނަމަވެސް މިދިޔަ ރޯދަ މަހާ ހިލާފަށް، މި އަހަރުގެ ރޯދަ މަހުގެ ދުވަސްތައް ފާއިތުވަމުންދިޔަ ވަރަކަށް މިރުހުގެ އަގު ވަނީ ދަށަށް ގޮސްފައެވެ. އެގޮތުން ރޯދަ މަހުގެ ފަހު ދިހައަކަށް އެޅުނުއިރު، ބާޒާރުން މިހާރު ކަނޑޫދޫ މިރުސް ކިލޯއެއް 150-200 ރުފިޔާއަށް ލިބެން އެބަހުއްޓެވެ. ނަމަވެސް މިދިޔަ ރޯދަ މަސް އެއްކޮށް ނިންމާލީ، ކަނޑޫދޫ މިރުހުގެ އަގު 300 ރުފިޔާއަށް ވުރެ ދަށް ނުވެއެވެ. ފަހު ދިހައިގެ ދެތިން ދުވަހު، އަގު އެއަށްވުރެވެސް މައްޗަށް އުފުލުނެވެ.
"އަދިވެސް ހީވަނީ މިރުހުގެ އަގު ދާނީ ދަށަށް ހެން. ކުރިން އަހަރެމެން މި ގަންނަނީ ރަށުން ދަނޑުވެރިން އަގު ކީމަ އެ އަގަކަށް ނަގައިގެން. ނަމަވެސް އެހެން ހެދީމާ ވަނީ ގެއްލުން. ދަތި ނުވެ މިރުސް އެބަ ލިބޭ. މިހާރު މިހަދާ ގޮތަކީ ވިއްކާފަ އަގު މި ކިޔަނީ، މިހާ އަގު ދަށްއިރު އެ ނޫން ގޮތަކަށް ނުވާނެއެއްނު. މިހާރުވެސް މިއޮތީ އިއްޔެ ގެނައި ހަތް ބަސްތާ މިރުސްވެސް އަދި އަތްނުލާ. މިދިޔަ ހަފުތާގައި ގެނައި މިރުސް އަދި ހުސްނުވޭ" ކަނޑޫދޫ މިރުސް ވިއްކާ ވިޔަފާރިވެރިޔަކު "ވަން" އަށް ބުންޏެވެ.
ރޯދަ މަހު، މި ފަހަރުވެސް މާރުކޭޓަށް އެންމެ ގިނައިން ކަރާ ވެއްދީ ތޮއްޑޫންނެވެ. ނަމަވެސް، އެހެން ބައެއް ރަށްރަށުންވެސް ގިނަ އަދަދަކަށް ކަރާ ގެނައެވެ. މިދިޔަ އަހަރުގެ ރޯދަ މަސް ފެށުނުއިރު ބާޒާރުގައި ކަރާ ކިލޯއެއް އުޅުނީ 25-30 ރުފިޔާއަށެވެ. ރޯދަ މަސް ނިމުނުއިރުވެސް އެވްރެޖުކޮށް ކަރާގެ އަގު 20 ރުފިޔާގައި ހުރީ ހިފެހެއްޓިފައެވެ. ނަމަވެސް މި ފަހަރުގެ ރޯދަ މަސް ފެށުނުއިރު، ކަރާ ކިލޯއެއް 25 އަށް ވިއްކި ނަމަވެސް އޭގެ ފަހުން މިވީ ދުވަސް ތެރޭގައި އެ އަގު 20 ރުފިޔާއަށް ދަށަށް ގޮސްފައެވެ. އެގޮތުން ގިނަ ދުވަސް ދުވަހު ކަރާ ކިލޯއެއް ވިއްކާފައިވަނީ 18-20 ރުފިޔާއަށެވެ. ބައެއް ދުވަސް ދުވަހު އެއަށްވުރެވެސް ދަށްކޮށް ވިއްކާފައި އެބަހުއްޓެވެ.
"ކަރާވެސް ބޭނުންވާ ވަރަށް އެބަލިބޭ. މި އަހަރުގެ ރޯދަ މަހު ކަރަލަށް އޮތް ޑިމާންޑު ކުރީ ރޯދަ މަހަށް ވުރެ ދަށް. އެހެންވެ އަގުވެސް ދަށުގަ މިއުޅެނީ. ލިބޭލެއްވެސް ގިނައީ. ބައެއް ފަހަރު ނު އަގުގަވެސް ވިއްކަން ޖެހޭ. މިވަރުން ދަންޏާ ހީވަނީ ނު އަގުގައި ކަރާކޮޅު ދުއްވާލަން ޖެހޭނެހެން. ދެން ހަލާކުވާ ކަރާވެސް މި ފަހަރު ގިނަ." ހަލާކުވެފައި ހުރި ކަރާތަކެއް އެއް އަތުން އެއް ފަރާތްކުރަމުން ވިޔަފާރިވެރިޔަކު "ވަން" އަށް ބުންޏެވެ.
ރޯދަ މަހު ފަނިގިރުމަށް އެންމެ ގިނަ ބަޔަކު ބޭނުންކުރާ ކުރުނބާވެސް މިފަހަރު ހުރީ އަގު ހެޔޮކޮށެވެ. އެގޮތުން ކުރުނބާގެ އަގުތައް ރޯދަ މަސް ފެށުނު ފަހުން އުޅެނީ 25-45 ރުފިޔާއަށެވެ. ނަމަވެސް މިދިޔަ ރޯދަ މަހު ކުރުނބާގެ އަގު 60 އިން މައްޗަށްވެސް އެރިއެވެ.
ރޯދަ މަހު އެންމެ އަސާސީ ބާވަތްތައްކަމުގައިވާ ފިޔާ، ބިސް އަދި އަލުވީގެ އަގުވެސް މި ފަހަރު ކޮންމެވެސް ވަރަކަށް ހެވެވެ. އެގޮތުން ބިހެއް އެވްރެޖު ގޮތެއްގައި 2.30 ރުފިޔާއަށް ލިބޭއިރު، ފިޔާ ކިލޯއެއް 20 ރުފިޔާއަށް އަދި އަލުވި ކިލޯއެއް 20-25 ރުފިޔާއަށް ލިބެން އެބަހުއްޓެވެ. ނަމަވެސް މިދިޔަ އަހަރުގެ ރޯދަ މަހުގެ ފަހު ދިހައަކަށް އެޅިއިރު، އެތަކެތީގެ އަގުވެސް ހުރީ މަތީގައެވެ.
މިދިޔަ އަހަރާ އަޅައިބަލާއިރު، ފަތްޕިލާވެލީގެ ބާވަތްތައް މި އަހަރުވެސް ހުރީ ދާދި އެއް އަގެއްގައެވެ. ބައެއް ދުވަސްދުވަހު ބައެއް ބާވަތްތަކުން ދެތިން ރުފިޔާ އަގު ހެވެވެ. ނަމަވެސް، ލެޓިއުސްގެ އަގު މިއަހަރު ހުރީ މިދިޔަ އަހަރަށްވުރެ ބޮޑަށް އުފުލިފައެވެ. އެއީ ލެޓިއުސް ލިބުން ދަތިވުމުން ކަމަށް ވިޔަފާރިވެރިން ބުންޏެވެ.
މިދިޔަ އަހަރުގެ ރޯދަ މަހާއި އަޅައި ބަލާއިރު، މި އަހަރުގެ ރޯދަ މަހުގެ މިހާތަނަށް އައިއިރު މަދު ބައެއް ބާވަތްތަކުގެ އަގުތައް އުފުލިފައި އެބަހުއްޓެވެ. އޭގެ ތެރޭގައި އޮރެންޖާއި އާފަލާއި މެންޑްރިން ހިމެނެއެވެ. އާފަލާއި އޮރެންޖުގެ އަގު މިދިޔަ އަހަރަށްވުރެ ދެގުނަ ބޮޑެވެ. ލުނބޯގެ އަގު އެއްވަރެއްގައި ހުރިއިރު، ކާށީގެ އަގުވެސް މިފަހަރު ވަނީ ދަށަށް ގޮސްފައެވެ. އެންމެ ބޮޑެތި ކާށީގެ ކާއްޓެއްވެސް މިއަހަރު 35 ރުފިޔާއިން ދަށުން ލިބެއެވެ. ނަމަވެސް މިދިޔަ އަހަރު ކާށީގެ އަގު 50 ރުފިޔާއަށްވެސް އެރިއެވެ.
މި އަހަރުގެ ރޯދަ މަސް ފެށުނުއިރު، މަސް މާރުކޭޓުގައި ކަނޑު މަސް ކިލޯއެއް 25-30 ރުފިޔާއަށް ލިބެން ހުރިއިރު، ކަންނެލި ކިލޯއެއް ހުރީ 30-35 ރުފިޔާއަށެވެ. ނަމަވެސް މިދިޔަ އަހަރުގެ ރޯދަ މަސް ފެށުނުއިރު ކަނޑު މަސް ކިލޯއެއް ލިބެން ހުރީ 30 ރުފިޔާއަށެވެ. އަދި ކަންނެލި ކިލޯއެއް ލިބެން ހުރީ 35-40 ރުފިޔާއަށެވެ.
ފަރު މަސް މި އަހަރުވެސް ހުރީ އެކި އަގުގައެވެ. ކޮންމެ ދުވަހަކަށް ތަފާތު އަގެކެވެ. ނަމަވެސް އެވްރެޖުކޮށް މިދިޔަ އަހަރާ އަޅައި ބަލާއިރު، އަގަށް މާ ބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ.
މި އަހަރުގެ ރޯދަ މަހަކީ، ކާބޯތަކެތި ތިޔާގި، އަގުތައް ހެޔޮ ރޯދަ މަހެކެވެ. އެވްރެޖުކޮށް ގިނަ ބާވަތްތަކުގެ އަގު ދަށުގައި ހުރިއިރު ބައެއް ބާވަތްތަކުގެ އަގު އުފުލިފައިވެސް ވެއެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް