ރާއްޖޭގެ އިގުތިސޯދު ރަނގަޅުވަމުން އަންނަ މިންވަރަކުން ސަރުކާރުގެ އެހެން ދާއިރާތަކުގެ މުސާރަތައްވެސް ބޮޑުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ސިލްސިލާކޮށް ގެނެސްދޭ "ރައީސްގެ ޖަވާބު" ގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އެ މަނިކުފާނު ވައުދުވެވަޑައިގެންފައިވާ ގޮތަށް މި ދައުރުގެ ތެެރޭގައި ހުރިހާ ދާއިރާއެއްގެ މުސާރަވެސް ބޮޑުކޮށްދެއްވާނެ ކަމަށެވެ.

"އަޅުގަނޑު ވައުދުވެފައި އޮންނާނީ އިގުތިސޯދު ރަނގަޅުވާ މިންވަރަކުން އާމްދަނީ ލިބޭ މިންވަރަކުން އިގުތިސޯދުގައި ބުންވަރުޖެހޭ މިންވަރަކުން މި ދައުރު ތެރޭގައި ހުރިހާ ސެކްޓާއެއްގެ މުސާރަ ބޮޑުކޮށްދޭނެ ކަމަށް" ރައީސް ވިދާޅުވިއެވެ.

ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކޮށްފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެހެން ދާއިރާތަކުންވެސް ޕޭ ހާމަނައިޒް ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށެވެ.

މި ސަރުކާރުން ވަނީ މި މަހުގެ އެކަކުން ފެށިގެން ފުލުހުންގެ މުސާރަ ބޮޑުކޮށްފައެވެ. ނަމަވެސް އެކަމުގެ އެއްވެސް ތަފުސީލެއް ހާމައެއް ނުކުރެއެވެ.