މި ސަރުކާރުގެ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ "ރަސްމާލެ" އާ ގުޅުންހުރި މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަން ފަށައިފިއެވެ.
އޭސީސީގެ މީޑިއާ އޮފިޝަލް "ވަން" އަށް މިއަދު ވިދާޅުވީ ރަސްމާލެ މަޝްރޫއުއާ ގުޅޭ މައްސަލައެއް އެ އިދާރާއަށް ހުށަހަޅާފައިވުމުން އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.
"މަޝްރޫއު އެވޯޑް ކުރުމުގައި ޕްރޮސެސްއާ ހިލާފުވި މައްސަލައެއް ބަލަމުންދަނީ،" މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ފުށިދިއްގަރުފަޅު ހިއްކައިގެން ހަދާ ރަސްމާލެ މަޝްރޫއުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް އެމްޑީޕީން ވަނީ މީގެ ކުރިން ތުހުމަތުކޮށްފައެވެ. އަނަން މަހު ބާއްވާ މަޖިލިސް އިންތިހާބުގެ އެމްޑީޕީގެ ކެމްޕޭން ސްޕޯކްސްޕާސަން ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ ވިދާޅުވެފައިވަނީ ރަސްމާލެ ހިއްކަނީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ)އަށް 70 ހެކްޓަރުގެ ބިން ގްރޭޓާ މާލެ ސަރަހައްދުން ދީގެން ކަމަށެވެ.
"މިއީ ސިއްސައިގެން ދާވަރުގެ ބޮޑު ކޮރަޕްޝަނެއް އެކުލެވޭ މަޝްރޫއެއް ކަމަށް އަޅުގަނޑުމެން ތަކުރާކުކޮށް ބުނަމުން މިދަނީ،" އީސަ ވިދާޅުވެފައިވެއެވެ.
ގްރޭޓާ މާލެ ސަރަހައްދުން އެންމެ ކުޑަ ރޭޓުން ވެސް ބިން ވިއްކާފައިވަނީ އަކަފޫޓަކަށް 6500 ރުފިޔާގެ ރޭޓުން ކަމަށް އީސަ ވިދާޅުވެފައިވެއެވެ. އެމްޑީޕީގެ ވެރިކަމުގެ އެންމެ ފަހު ދުވަސްތަކުގައި ހުޅުމާލޭ ބީޗު ސަރަހައްދުން ވިއްކި ބިންތަކުގެ އަގު އަކަފޫޓަކަށް 10،200 ރުފިޔާއަށް އަރާފައި ހުރި ކަމަށް އީސަ ވިދާޅުވެފައިވެއެވެ.
ރަސްމާލެ ހިއްކުމުގެ މަސައްކަތް އެޗްޑީސީން، ސީއެމްސީއާ ހަވާލުކުރީ ބިޑަށް ހުޅުވާލުމެއް ނެތިއެވެ. އެޗްޑީސީން ބުނެފައިވަނީ އެ މަޝްރޫއު ސީއެމްސީއާ ހަވާލުކުރީ ހުޅުމާލެއިން 10 ހެކްޓަރުގެ ބިން އަދި ރަސްމާލެއިން 60 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދޭ ގޮތަށް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު