ފުވައްމުލަކު ސިޓީގައި ޓޫރިޒަމް ޒޯނެއް ތަރައްގީ ކުރުމަށާއި އެ ޓޫރިޒަމް ޒޯން ތަރައްގީކޮށްދޭނެ އިންވެސްޓަރުން ހޯދުމާ ބެހޭ އެއްބަސްވުމެއްގައި ރީޖަނަލް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) އާއި ފުވައްމުލަކު ސިޓީ ކައުންސިލާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

އާރްއޭސީއެލުން މީޑިއަތަކަށް ފޮނުވި ނޫސްބަޔާނެއްގައި ބުނީ އެކަމުގެ އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން ކަމަށެވެ. ފުވައްމުލަކު ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ މޭޔަރު އިސްމާއީލް ރަފީގު ކަމަށެވެ.

"އެމްއޯޔޫގައި ސޮއިކުރެވިފައިވަނީ އެއާޕޯޓް އިންވެގެން އޮތް ހުސްބިން ކަމުގައިވާ (ބިޅިފޭށި) ގައި ޓުއަރިޒަމް ޒޯނެއް ތަރައްގީކުރުމަށާއި، އަދި އާރްއޭސީއެލްގެ ފަރާތުން ޓުއަރިޒަމް ޒޯން ތަރައްގީކުރުމަށް ބޭނުންވާ ފަންޑިން ނުވަތަ އިންވެސްޓަރުން ހޯދުމަށެވެ. މި ސަރަހައްދު ތަރައްގީ ކުރުމުގައި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އަދި ފުވައްމުލަކު ސިޓީ ކައުންސިލްގެ ވިސްނުމާ އެއްގޮތަށް މިހާރުވަނީ ކޮންސެޕް ޑްރޮއިން ވެސް ހަދާ ނިމިފައެވެ. ކޮންސެޕް ޑްރޮއިންގްގައި ވާގޮތުގެ މަތިން 108 ގެސްޓް ރޫމް މި ސަރަހައްދުގައި އެޅިގެން ދާނެއެވެ" އާރްއޭސީއެލުން ބުންޏެވެ.

އާރްއޭސީއެލުން ބުނީ އެ މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ޓޫރިޒަމް ޒޯން ތަރައްގީކުރަން ނިންމާފައިވާ ބިމަކީ މިވަގުތު އެއްވެސް ބޭނުމެއް ނުކުރާ ބިމަކަށްވުމުން، އެ ބިމުން ފުވައްމުލަކުގެ ރައްޔިތުންނަށް މަންފާކުރާނެ މަޝްރޫއެއް ކުރިއަށް ގެންދިޔުން ކަމަށެވެ. އެ މަޝްރޫއުގެ ސަބަބުން ފުވައްމުލަކުގައި މިހާރު ހިންގަމުންދާ ގެސްޓްހައުސްތަކަށް ފައިދާވެ، ފުވައްމުލަކު ދުނިޔޭގައި މާކެޓްވެގެންދާނެ ކަމަށެވެ.

އެ މަޝްރޫއުގެ ސަބަބުން ފުވައްމަލަކު އެއާޕޯޓުގެ މޫވްމެންޓްސް އިތުރުވެ، ފުވައްމުލަކަށް އިގުތިސޯދީ ކުރިއެރުން ލިބި، ވަޒީފާގެ ފުރުސަތުތައް އިތުރުވެގެންދާނެ ކަމަށްވެސް ބުންޏެވެ.