ވަގަށް އެތެރެކުރަން އުޅުނު ޖަނަވާރުތަކެއް ސްރީ ލަންކާގެ މައި އެއާޕޯޓުން އަތުލައިގެންފިއެވެ.

ލަންކާގެ ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓުގެ ކަސްޓަމްސް އިން އެ ތަކެތި އަތުލައިގަތީ ތައިލެންޑުން އެ ގައުމަށް އެތެރެވާން އުޅުނު ދެމަފިރިއެއްގެ ލަގެޖުންނެވެ. ރިޕޯޓްތައް ބުނާ ގޮތުން އެ ލަގެޖުން 88 ޖަނަވާރު ފެނިފައިވެއެވެ. އޭގެ ތެރޭގައި ބޮކާއި ކަހަނބާއި ހޯނުގެ އިތުރުން އެކިބާވަރުގެ ކިލާފަންޏާއި މީދާވެސް ހިމެނެއެވެ.

އެ ޖަނަވާރުތަކުގެ އަގު ހަތަރު މިލިއަން ލަންކާ ރުޕީސްއަށް އަރާ ކަމަށް އޮފިޝަލުން ބުނެއެވެ.

އެ ތަކެތި އެތެރެކުރަން އުޅުނު ދެމަފިރިން ހައްޔަރުކޮށް، ތަހުގީގު ވަނީ ފަށައިފައެވެ. ކަސްޓަމްސް އޮފިޝަލުން ވަނީ ތައިލެންޑުން އެހާ ގިނަ އަދަދެއްގެ ޖަނަވާރު ވަގަށް ބޭރުކުރަން އުޅުނުއިރު، އެކަން ބެންކޮކްގެ ކަސްޓަމަށް ނޭންގުމުން ހައިރާންވާންޖެހޭ ކަމަށް ބުނެފައެވެ.