މެއި ހައެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާ އާއި މި ސަރުކާރުން ތުރުކީން ޑްރޯން ގަތުމަށް ހިންގި މުއާމަލާތުގެ ތަފުސީލު ހޯދަން ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ރައްޔިތުންގެ މަޖިލީހުގެ ސަލަމާތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)އަށް ހާޒިރުކުރަން އެ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

ޑިފެންސް މިނިސްޓަރު ހާޒިރުކުރަން ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ. ތާއީދު ކުރެއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީއެވެ. މި މައްސަލަ ފާސްވީ ކޮމިޓީގައި ތިއްބެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

ކޮމިޓީގެ ނިންމުމުގައިވާ ގޮތުން މަދުވެގެން ފަސް ދުވަހުގެ ތެރޭގައި ނަޝީދުގެ ހަމަލާއާ ގުޅޭގޮތުން އަލަށް ލިބިފައިވާ މައުލޫމާތާއި ޑްރޯންތަކުގެ ތަފުސީލާއެކު ގައްސާން ކޮމިޓީއަށް ހާޒިރުވާން ޖެހޭނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވަނިކޮށް، މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް 2021 ވަނަ އަހަރުގެ މެއި މަހު ހަ ވަނަ ދުވަހުގެ ރޭ ދިން ހަމަލާއާ ގުޅޭ އިތުރު މައުލޫމާތު ދިފާއީ ވުޒާރާއަށާއި ދިވެހި އަސްކަރިއްޔާއަށް މިހާރު ލިބިފައި އެބަހުރި ކަމަށް ގައްސާން އިއްޔެ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ގައްސާން ވިދާޅުވީ މަޖިލީހުން ހޯއްދަވަން ބޭނުންފުޅުވާނަމަ އެ މައުލޫމާތު މަޖިލީހަށް ދެއްވާނެ ކަމަށެވެ.

އެމްއެންޑީއެފް އެއާ ކޯ އުފައްދައި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލުމަށް ބޭނުންވާ ޑްރޯން ގަތުމުގައި ދައުލަތުގެ ބަޖެޓުން ކުރި ހަރަދުގެ ތަފުސީލު ހާމަ ކުރެވޭނީވެސް 241 ކޮމިޓީގައި ކަމަށް ގައްސާން އިއްޔެ ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގެ ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ގައްސާން ވިދާޅުވީ، ދިވެހި އަސްކަރިއްޔާއަށް ހޯދާފައިވާ ޔޫއޭވީތައް ހޯދާފައިވަނީ ގާނޫނުއަސާސީއާއި ގާނޫނުތަކާއި ގަވާއިދުތަކުން ދެފުށް ފެންނަކަން ކަށަވަރު ކުރުމަށް ކަނޑައަޅާފައިވާ ހުރިހާ އުސޫލެއްގެ ތެރެއިން ކަމަށާއި އެކަމުގެ ލިޔެކިޔުންތައް ހުންނާނެ ކަމަށެވެ. އަދި ބަލަން ބޭނުންވާ ތަހުގީގީ އިދާރާތަކުން ބަލަން ބޭނުން ވެއްޖެ ނަމަ އެކަން ކުރެވިދާނެ ކަމަށްވެސް ވިދާޅުވިއެވެ.