އިދިކޮޅަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ދީފިއްޔާ ގޯއްޗާއި ފުލެޓުތައް ހަވާލުކުރާނަމޭ ބުނަމުން ދިޔަޔަސް، އެ ވާހަކަތަކަށް ރައްޔިތުން ނުހެއްލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވިލުފުށި ދާއިރާއަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ހަސަން ވަހީދުގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ހުޅުމާލޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކުރީ ސަރުކާރުން ދޭން ބުނި ފުލެޓުތަކާއި ގޯތިތައް ދޭނަމޭ ބުނެ، އިދިކޮޅަށް މެޖޯރިޓީ ދިނުމަށް އެދި ވާހަކަ ދައްކަމުންދާ ކަމަށާއި މިހާރު ވެސް މެޖޯރިޓީ އޮތީ އެ ޕާޓީގެ އަތުގައި ކަމަށެވެ.

"އަޅުގަނޑުމެންގެ ވެރިކަން ފެށިގެން އައި ދުވަހު ވެސް އެ މެޖޯރިޓީ އޮތީ އެމްޑީޕީ އަތުގައި، ސުޕަ މެޖޯރިޓީ. ހަތަރު މަސް ވެގެންދިޔައީ، ހަމަ އެއް ކަމެއްވެސް ނުކުރައްވައެއް ނޫންތޯ. އެބޭފުޅުން އެހާ އިހުލާސްތެރި ބައެއް ނަމަ، ކޮންމެހެން އަނެއްކާ އިންތިހާބަކުން މެޖޯރިޓީ ހަވާލުކުރީމަތޯ، އެ ވިދާޅުވާ މިހާރު ނުކުރެވި އޮތް ކަންތައް ކުރެވެން އަންނަނީ. ދިވެހި ރައްޔިތުން އެބަޖެހޭ ވިސްނައިވަޑައިގަންނަވަން، މި ދައްކަނީ ކޮން ވާހަކައެއްތޯ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެއީ އެއް ގޮތަކަށް ވެސް އިހުލާސްތެރިކަމާއެކު ދެކެވޭ ވާހަކައެއް ނޫންކަން ވަރަށް ފަސޭހައިން ފަހުމުވާ ކަމަށާއި މިހާރު ވެސް އެ މެޖޯރިޓީން އެކަން ކުރެވޭ ނަމަ، އެކަން ކުރާނެ ކަމަށެވެ. އެހެންކަމުން އިދިކޮޅުން އެ ދައްކަނީ ދެކޮޅު ޖެހޭ ވާހަކައެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެހެންވީމާ އެބޭފުޅުންގެ އަތުގައި އޮތް މެޖޯރިޓީއަކުން ވެސް ވަކި އިތުރަށް ކުރެވޭނެ ކަމެއް އޮތް ނަމަ، މިހާރު ވެސް ކުރައްވަންވީ. އެކަމަކު ނުކުރައްވަވާ. އެހެންވީމާ މަޖިލީހުގެ ގޮނޑިތައް ކާމިޔާބުކުރުމުގެ ދަހިވެތިކަމުގައި، އެއްވެސް އިހުލާސްތެރިކަމެއް ނެތި، ތެދުވެރިކަމެއް ނެތި ދައްކާ ވާހަކަތަކަށް ދިވެހި ރައްޔިތުން ހެއްލިގެން ނުވާނެ. ޓްރެކް ރެކޯޑު ބައްލަވައިލައްވަންވީ، މިދިޔަ ފަސް އަހަރު މިސްރާބު ހުރީ ކޮން މަގަކުންކަން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް މިހާރު ވެސް ކުރައްވަމުން ގެންދަވާ ކަމަށާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފާހަގަކޮށްފައިވާ މައްސަލަތައް ބެލުމަށްފަހު ފުލެޓުތައް ވެސް ހަވާލުކުރާނެ ކަމަށެވެ. އަދި މާލޭގެ ހުރިހާ ރައްޔިތުންނަށާއި މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ވެސް މާލޭ ސަރަހައްދުން ގޯއްޗާއި ފުލެޓު ހަމަޖައްސަވައިދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.