ސައިޕްރަސް އިން ކަނޑުމަގުން ގާޒާއަށް އެހީގެ ތަކެތި ފޯރުކޮށްދީފިއެވެ.

އިޒްރޭލުން ފަލަސްތީނުގައި ހިންގަމުން ގެންދާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި ޖަމާއަތްތަކުން ދަނީ އެކި ގޮތް ގޮތުން މަސައްކަތް ކުރަމުންނެވެ.

އެއްގަމު މަގުން ގާޒާ އަށް އެހީގެ ތަކެތި އެތެރެކުރާ ބޯޑަރުތައް އިޒްރޭލުން ކޮންޓްރޯލް ކުރުމާއެކު ވައިގެ މަގުންނާއި ކަނޑުމަގުން އެހީގެ ތަކެތި ދަނީ ފޯރުކޮށްދެމުންނެވެ.

ސައިޕްރަސްގައި ހަރަކާތްތެރިވާ އެމެރިކާ އަށް ނިސްބަތްވާ ވޯލްޑް ސެންޓްރަލް ކިޗަން ނަމަކަށް ކިޔާ ޗެރިޓީ ޖަމިއްޔާއަކުން ވަނީ 200 ޓަނުގެ ކާބޯތަކެތި ކަނޑުމަގުން ގާޒާއަށް އެތެރެކޮށްފައެވެ.

ކަނޑުމަގުން ގާޒާއަށް ބަނދަރު ކުރި ކާބޯތަކެތީގެ އެހީގެ ސާމާނު ވޯލްޑް ފުޑް ޕްރޮގްރާމްގެ އެހީގައި ޓްރަކް ތަކުގައި އާންމުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް އަންގާރަ ދުވަހު ކޮށްފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

އދ. އިން ވަނީ 300،000 އެއްހާ މީހުން އުތުރު ގާޒާގައި ކާބޯތަކެތި ނުލިބި ހާލުގައި ޖެހިފައިވާ ކަމަށް ބުނެފައެވެ. އަދި ބަނޑުހައި ކަމުގައި 1.1 މިލިއަން މީހުން ގާޒާގައި ތިބި ކަމަށް ވެސް އދ. އިން ބުނެއެވެ.