ރާއްޖެއާއި އިންޑިއާއާ ދެމެދު ކުރިއަށްގެންދާ މަތީ ފަންތީގެ ބައްދަލުވުންތަކުގެ ތިންވަނަ ބައްދަލުވުމުން މިއަދު މާލޭގައި ބާއްވައިފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތުގައި ކުރިއެރުންތަކެއް ލިބިފައިވާކަން ދެ ގައުމުންވެސް ފާހަގަކޮށްފައިވާ ކަމަށެވެ. އެ ބައްދަލުވުމުގައި ވިޔަފާރީގެ ގޮތުންނާއި އިގުތިސޯދީ ގޮތުން އަދި ގާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ބޭއްވުމާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އޭގެ އިތުރުން އިންޑިއާއިން، ރާއްޖޭގައި ކުރިއަށް ގެންދާ މަޝްރޫއުތަކުގެ މަސައްކަތް އަވަސް ކުރެވޭނެ ގޮތްތަކަކާއި އަދި މަޝްރޫއުތައް މޮނިޓާ ކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުންވެސް މަޝްވަރާކޮށްފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ދެ ގައުމުގެ ދެމެދުގައި ބާއްވާ މަތީ ފަންތީގެ ހަތަރުވަނަ މަޝްވަރާ ބައްދަލުވުން ދެން ބާއްވާނީ އިންޑިއާގެ ވެރިރަށް ދިއްލީގައި ކަމަށެވެ.

ރާއްޖެ-އިންޑިއާ ބައްދަލުވުންތަކުގެ އެންމެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީވެސް ދިއްލީގައެވެ. ދެވަނަ ބައްދަލުވުން ބާއްވާފައިވަނީ މާލޭގައެވެ. އެ ބައްދަލުވުންތަކުގައި އެންމެ ބޮޑަށް މަޝްވަރާކޮށްފައި ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމާ ގުޅޭ ގޮތުންނެވެ.

އެ ބައްދަލުވުންތަކުގައި ކުރެވުނު މަޝްވަރާގެ ނަތީޖާގެ ތެރެއިން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަންނަ މެއި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ގެންދަން އިންޑިއާ އިން ވަނީ އެއްބަސްވެފައެވެ.