ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓުތައް ހަރުކުރުމަށް ކުރިއަށް ގެންދާ މަޝްރޫއު ނިމުމުން ހިޔާ ފަލެޓްތަކަށް ބަލިމީހުން އެރުވުމާއި އަދި ބޭލުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އާންމުންގެ ސުވާލުތަކަަށް ޖަވާބު ދެއްވުމަށް ސިލްސިލާކޮށް ކުރިއަށްގެންދާ "ރައީސްގެ ޖަވާބު" ގައި ގދ. ގައްދޫ، ކައިރުގޭ، މުހައްމަދު ލަބީބު، ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓުތަކެއް ހަރުކުރާ އިރު ބަލިމީހުން އުފުލައި، ބާލަން ފަސޭހަ އިންތިޒާމެއް ހަމަޖެހޭނެތޯ ކުރި ސުވާލަކަށް ޖަވާދު ދެއްވަމުން ރައީސް ވިދާޅުވީ، މިހާރު ހަރުކުރަމުންދާ ލިފްޓްތައް ހަރުކުރާ އިރު އޭގެ ތެރޭގައި ސްޓްރެކްޗާ އެރުވޭ ލިފްޓްވެސް ހިމެނޭނެ ކަމަށެވެ.

އެހެންކަމުން ހިޔާ ފަލެޓްތަކުގައި ހަރުކުރާ ލިފްޓްތަކުގެ މަޝްރޫއު ނިމޭއިރު އެކަންތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ހިޔާ ފްލެޓްތަކުގެ ހުރިހާ ޓަވަރެއްގައި އިތުރު ލިފްޓް ހަރުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދު ފުޅެކެވެ. އެކަމަށްޓަކައި މިއަހަރުގެ ބަޖެޓުގައި 200 މިލިޔަން ރުފިޔާވެސް ވަނީ ހިމަނައިފައެވެ.

ހިޔާ ފުލެޓުތަކުގައި އިތުރު ލިފްޓެއް ހަރުކުރުމުގެ މަސައްކަތް މިދިޔަ މަހު ހަވާލު ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޝެންޔަންގް ޔުއާން އިންޓަލެކްޗުއަލް ގްރޫޕާއެވެ.

ލިފްޓު ހަރުކުރުމުގެ މަސައްކަތް މިދިޔަ މަހު ފެށި އިރު، 32 އާ ލިފްޓު ބެހެއްޓިގެންދާނެއެވެ. އެއީ ކޮންމެ ފުލެޓަކަށް އިތުރު ޕެސެންޖާ އަދި ސްޓެރެޗާ ލިފްޓެކެވެ. މި މަސައްކަތް އެއް އަހަރު ދުވަސް ތެރޭ ނިމިގެންދާނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.