ރޯދަ މަހަށް ހާއްސަކޮށްގެން ޓީވީ މޯލްޑިވްސް އިން ގެނެސްދޭ "އިހްސާސް" ސިލްސިލާގެ މި އަހަރުގެ ފުރަތަމަ ޕްރަގްރާމްގައި ޕްރަގްރާމްގެ ޕްރެޒެންޓަރު ދެއްކި ބައެއް ވާހަކަތަކަށް ފާޑުކިޔުން އަމާޒުވުމުން ސެންސިޓިވް ކޮންޓެންޓް ހިމެނޭ ހުރިހާ ޕްރަގްރާމެއްވެސް ކޮންޓެންޓު ކޮމިޓީން ވަރަށް ރަނގަޅަށް ބެލުމަށް ފަހު ނޫނީ އޮން އެއާ ނުކުރަން ނިންމައިފިއެވެ.

ޕަބްލިކް ސާވިސް މީޑިއާ (ޕިއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު "ވަން" އަށް މިރޭ ވިދާޅުވީ، ސެންސިޓިވް ކޮންޓެންޓް ހިމެނޭ ހުރިހާ ޕްރަގްރާމެއްވެސް މީގެ ފަހުން އޮން އެއާކުރާނީ ކޮންޓެންޓު ކޮމިޓީން ބެލުމަށް ފަހުގައި ކަމަށެވެ.

"އިހުސާސް" ސިލްސިލާގެ މި އަހަރުގެ ފުރަތަމަ ޕްރަގްރާމްގައި ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް ނިސްބަތްކޮށް ދައްކައިގެން ނުވާނެ ފަދަ ވާހަކަތައް އެ ޕްރަގްރާމްގެ ޕްރެޒެންޓަރު، އައިމިނަތު ނަމްޒާ ދައްކާފައިވާ ކަމަށް ބުނެ އާއްމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

"އިހްސާސް" ޕްރޮގްރާމަކީ މީގެ ހަތަރު އަހަރު ކުރިން ފެށި ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމްގައި ގެނެސްދެނީ ކޮންމެވެސް ވޭނެއް ތަހައްމަލުކުރަމުންދާ ފަރާތެއްގެ ވާހަކަތަކެވެ.