ރޯދައިގެ ހިކުމަތަކީ މާތްﷲ އަށް ބިރުވެތިވެ ތަގުވާވެރިވުން ކަމަށާއި ރޯދައަކީ ދުނިޔޭގެ އެދުންތަކުން ނަފްސު ސަލާމަތްކުރުމަށް ދެވޭ ތަރުބަވީ ފިލާވަޅެއް ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާގައި ބުނީ ރޯދައިގެ ނަތީޖާއަކަށް ވަނީ، ނުބައި ކަންތައްތަކަށް އަރައިގަތުމާ ދުރުހެލިވެ، ދުލުން ހަޑި ހުތުރު ބަސްތައް ބުނުމާއި، މީހުންނާ ޒުވާބުކުރުން ހުއްޓުވުން ކަމަށާއި ފަގީރުންނާއި ނިކަމެތީންގެ ހާލަތު އިހުސާސްވެ، އަދި އެފަދަ މީހުންނަށް އެހީތެރިވުމަށް ހިތްވަރު ލިބުން ކަމަށެވެ. އަދި ރޯދައަކީ ހުރިހާ މާނައެއްގައި ވެސް ރައްކާތެރި ކަމެއް ކަމަށް ހުތުބާގައި ބުންޏެވެ.
"ރޯދައިގެ ހިކުމަތަކީ، މާތްﷲ އަށް ބިރުވެތިވެ، ތަގުވާވެރިވުމެވެ. ކުރުމަށް އާދަވެފައިވާ ކަންތައްތަކުން ދުވަސްކޮޅަކަށް ނަމަވެސް އެއްކިބާވެ ހުރުމީ، ދުނިޔޭގެ އެދުންތަކުން ނަފްސު ސަލާމަތްކުރުމަށް ދެވޭ ތަރުބަވީ ފިލާވަޅެކެވެ. މުޅި ދުވާލު ކެއިން ބުއިމުން އެއްކިބާވެ ހުރުމުގެ ސަބަބުން، ޝަހުވަތްތެރިކަމާއި، ދުނިޔޭގެ ދަހިވެތިކަން ތިމާގެ ހިތުތެރެއިން ކުޑަވެ، ރޫހާނީބައި އިތުރުވެއެވެ..،" ހުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނީ ރޯދަ ފަރުޟު ކުރެއްވުނު ހިކުމަތާއި، އޭގެ ފައިދާ ހާސިލުކުރެވޭނީ މާތްﷲ އެންގެވިގޮތަށް ރޯދަ ހިފައިގެން ކަމަށާއި ރޯދަ ހިފުމުގައި ކީރިތި ރަސޫލާގެ ސުންނަތަށް ތަބާވެގެން ކަމަށެވެ. އަދި ރޯދައިގެ ހިކުމަތްތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ކަމަކީ ސިއްރާއި ފާޅުގައި، ތިމާ ކުރާ އަމަލުތައް ﷲ ބައްލަވައި ވޮޑިގެންވާކަން ދަނެ، ތިމާގެ ނަފުސު ތަހުޛީބު ކުރުން ކަަމަށް ހުތުބާގައި ބުންޏެވެ.
"ރޯދައަކީ، ރޯދަވެރިޔާއާއި އޭނާގެ ވެރި ރަސްކަލާނގެއާ ދެމެދުގައިވާ ސިއްރެކެވެ. ރޯދަވެރިޔާ ރޯދަގެއްލޭ ކަންތައްތަކުން ދުރުހެލިވެ ހުންނަނީ، މާތްﷲ ގެ ރުހިވޮޑިގަތުން ލިބިގަތުމަށެވެ. އެހެނީ ރޯދައަށް ހުރެ ސިއްރިޔާތުގައި ކައިބޮއި އުޅުނަސް، މީހަކަށް އެކަމެއް ނޭނގޭނެއެވެ. ރޯދަވެރިޔާއަށް އޭގެ މިންވަރު ނޭނގޭ ގިނަގުނަ ދަރުމަ ދެއްވުމަށް މާތްﷲ ވައުދު ކުރައްވާފައި ވަނީ، މި އަޅުކަމުގައި ހުރި އިހުލާސްތެރިކަމުގެ ބޮޑުކަމުންނެވެ..،" ހުތުބާގައި ބުންޏެވެ.
ހުތުބާގައި އިތުރަށް ބުނީ ރޯދައިގެ ހިކުމަތްތަކުގެ ތެރޭގައި، އެތައް އެތައް ކަމެއް އިލްމުވެރިން ބަޔާންކުރައްވާފައިވާ އެ ހުރިހާ ކަންކަމަކީ ވެސް ތަގުވާވެރިކަން ހާސިލުކޮށްދޭ ކަންކަން ކަމަށެވެ. އަދި ރޯދައިގެ ހިކުމަތްތަކުގެ ތެރޭގައި، ﷲ ދެއްވި ނިއުމަތްތަކަށް ޝުކުރުވެރިވާން ދަސްކޮށްދިނުން ހިމެނޭ ކަމަށް ހުތުބާގައި ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު