އެންވަޔަރަމެންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ރިޕޯޓު ނުހޯދައި، ޅ. ހިންނަވަރު މަގު ހެދުމުގެ ސަބަބުން ކޮންސްޓްރަކްޝަން މިނިސްޓްރީ ޖޫރިމާނާކޮށްފިއެވެ.

އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އީއައިއޭގައިވާ ކޮންސެޕްޓުގައި ހިމެނިފައިނުވާ މަގުތަކުގައި މަސައްކަތް ކުރުމުގެ ސަބަބުން، އީޕީއޭ އިން ވަނީ އެކަން ބަލައިފައި ކަމަށެވެ. އަދި މަގު ހެދުމުގެ މަސައްކަތް ކުރަމުންދާ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އިންނާއި ކޮންސްޓްރަކްޝަން މިނިސްޓްރީއާ ދެމެދު ބަދަލުކޮށްފައިވާ ލިޔެކިޔުންތަކުން އީއައިއޭ ކޮންސެޕެޓުގައި ހިމެނިފައިނުވާ މަގުތަކެއް ހެދިކަން ޔަގީންކުރެވިފައިވާ ކަމަށެވެ.

"އެހެންކަމުން، ޅ. ހިންނަވަރުގެ މަގު ހެދުމުގެ މަޝްރޫއުގެ އީއައިއޭއާ ހިލާފަށް، އީއައިއޭގައިވާ ކޮންސެޕްޓުގައި ހިމެނިފައިނުވާ މަގުތަކުގައި މަސައްކަތްކުރުމާ ގުޅިގެން އެ މަސައްކަތުގެ އެދިޔާރަކީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ ކަމުގައިވާތީ، ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދުގެ 20 ވަނަ މާއްދާގެ (ހ)ގެ 01 ވަނަ ނަންބަރަށް ރިއާޔަތްކޮށް، އެ ގަވާއިދުގެ ޖަދުވަލު(ޖ)ގެ ދަށުން 200،000 ރުފިޔާއިން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކް ވަނީ 12 މާޗު 2024 ގައި ޖޫރިމާނާކޮށްފަ،" އީޕީއޭ އިން ބުންޏެވެ.

އެ ޖޫރިމާނާގެ ފައިސާ 30 ދުވަހުގެ ތެރޭގައި ދައްކަން ޖެހޭނެ ކަމަށްވެސް ކޮންސްޓްރަކްޝަން މިނިސްޓްރީއަށް އަންގާފައިވާނެ ކަމަށް އީޕީއޭ އިން ބުންޏެވެ.

އީއައިއޭއާ ހިލާފުވުމުން މީގެ ކުރިން ވެސް ކޮންސްޓްރަކްޝަން މިނިސްޓްރީ ވަނީ ޖޫރިމާނާކޮށްފައެވެ.