ހެއިޓީގެ ގޭންގުތަކުގެ ނުރައްކާ ބޮޑުވުމުން އެ ގައުމުގެ ބޮޑުވަޒީރު އަރިއެލް ހެންރީ އިސްތިއުފާ ދެއްވައިފިއެވެ.

ހެއިޓީގެ އެކި ހިސާބުތަކުގެ ކޮންޓްރޯލް އެ ގައުމުގައި ހަރަކާތްތެރިވާ ގޭންގުތަކުން ނަގައި ސަރުކާރުގެ އިމާރާތްތަކަށް ގެއްލުންދީ ބޮޑެތި ހަމަނުޖެހުން ދަނީ ހިންގަމުންނެވެ.

ވީޑިއޯއެއް މެދުވެރިކުރައްވައި އިސްތިއުފާ އިއުލާން ކުރައްވަމުން އަރިއެލް ހެންރީ ވިދާޅުވީ ގޭންގުތަކުން ހިންގަމުންގެންދާ ޖަރީމާތައް ނުހުއްޓުވި ގައުމަށް އިތުރަށް ލިބިދާނެ ގެއްލުމަކަށް ބަލައި އެންމެ ރަނގަޅު ގޮތަކީ އިސްތިއުފާ ދިނުން ކަމަށެވެ. އަދި ހެއިޓީއަށް ހަމަޖެހުން ގެންނަށް ބޭނުން ކަމަށާއި އިސްތިއުފާ ދިނުމަކީ މި ދަނޑިވަޅުގައި ގައުމަށް އޮތް އެންމެ ރަނގަޅު ގޮތް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.

އަރިއެލް ހެންރީ އިސްތިއުފާ ދެއްވުމުން ހެއިޓީގެ އާ ސަރުކާރު އެކުލަވާލުމަށް ކެރީބިއަން ގައުމުތަކުން ޖަމައިކާގައި ވަނީ މަޝްވަރާކޮށް ޓްރާންސިޝަނަލް ކޮމެޓީއެއް އެކުލަވާލަން ނިންމައިފައެވެ.

ގޭންގުތަކުން ހެއިޓީގައި ހަމަނުޖެހުން ހިންގަން ފެށި އިރު، އަރިއެލް ހެންރީ ހުންނެވީ ގައުމުން ބޭރުގައެވެ.