ރާއްޖޭގެ އެކިކަންކޮޅުތަކުގައި މަސްތުވާތަކެތި ވިއްކުމާއި ޓްރެފިކް ކުރުން ހުއްޓުމުގެ ގޮތުން ކަނޑުދަތުރުފަތުރު ކުރާ އުޅަނދުފަހަރުގައި "ވެސެލްސް ޓްރެކިން ޑިވައިސް" ހަރުކޮށް މޮނިޓާކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފައާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރައީސް އޮފީހުން ބުނީ ރައީސް އެގޮތަށް ނިންމެވީ މިއަދު ރައީސް އޮފީހުގައި ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓްރީން ހުށަހެޅި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު ކަމަށެވެ.
ވެސެލް ޓްރެކިން ޑިވައިސްއެއް ހަރުކޮށް މޮނިޓާކުރުމަށް ނިންމަވާފައިވަނީ މަސްތުވާތަކެތި ވިއްކުމާއި ޓްރެފިކް ކުރުމަކީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ކުރާ ވިޔަފާރިއަކަށް ވެފައި އަދި ފުލުހުންނަށް އެކަން ހުއްޓުވުމުގެ އޮޕަރޭޝަންތައް ހިންގުމަށް ފަސޭހަކުރުމަށްޓަކައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ވަޒީރުންގެ މަޖިލީހުގެ ލަފައާއެކު ރައީސް ވަނީ ކަނޑުދަތުރުކުރާ އުޅަނދުފަހަރުގައި ޓްރެކިން ޑިވައިސްއެއް ހަރުކުރުމަށް ލާޒިމުކުރުމަށް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަންދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދު (2015/R-229) އަށް އިސްލާހު ގެންނެވުމަށްވެސް ނިންމަވައިފައެވެ.
އޭގެ އިތުރުން އެ ޑިވައިސް ހަރުކުރާ އުޅަނދުތަކުގެ ހަރަކާތްތައް މޮނިޓާ ކުރުމުގެ އިންތިޒާމު ދިވެހި ފުލުހުންގެ ހިދުމަތުގެ މެރިޓައިމް އޮޕަރޭޝަން ސެންޓަރުގައާއި އަދި އެމްއެންޑީއެފްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަންގައި ހަމަޖެއްސެވުމަށްވެސް މިއަދުގެ ވަޒީރުންގެ މަޖިލީހުގައި ވަނީ ނިންމަވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު