"މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސޯދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅު ރަށްރަށް ދޫކުރުމާ ބެހޭ ގަވާއިދު" ގެ ނަމުގައި މިދިޔަ އަހަރު ގެޒެޓް ކުރި ގަވައިދުގެ ދަށުން ފަޅު ރަށްތައް ދޫކުރެވޭ މުއްދަތަކީ 21 އަހަރު ކަމުގައި ކަނޑައަޅައި، ގަވާއިދަށް ބަދަލު ގެނެސްފިއެވެ.

މި ގަވައިދުގެ ދަށުން ކުރިން ފަޅު ރަށްތައް ދޫކުރަނީ 25 އަހަރަށެވެ.

މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމެންޓުން މިދިޔަ ބުރާސްފަތި ދުވަހު ގެޒެޓުކުރި ގަވައިދުގައިވާ ގޮތުން، ކައުންސިލުތަކަށް ފަޅު ރަށް ދޫކުރުމަށް ވާ އެއްބަސްވުމުގެ މުއްދަތަކަށް ކަނޑައަޅަންވާނީ 21 އަހަރު ދުވަހުގެ މުއްދަތަށެވެ. އަދި އެ މުއްދަތު އިތުރުކުރަން ބޭނުން ނަމަ މުއްދަތު ހަމަވުމުގެ އެއް އަހަރު ކުރިން އެކަމަށް އެދި ހުށަހެޅުމުން ގިނަވެގެން ހަތަރު އަހަރަށް އެ މުއްދަތު އިތުރުކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ހައުސިން މިނިސްޓްރީން ބުނި ގޮތުގައި އެ ރަށްތައް ދޫކުރަން ހަމަޖައްސާފައިވަނީ ރަށް ތަރައްގީކުރުމަށް ކައުންސިލުތަކުން އެ މިނިސްޓްރީއަށް ހުށަހަޅާ ޕްރޮޕޯޒަލްތައް ވަކި ކޮމިޓީއަކުން ވަޒަންކޮށް، މާކްސްދިނުމަށް ފަހުގައެވެ.

ހައުސިން މިނިސްޓްރީން ވަނީ ކައުންސިލްތަކަށް ދޫކުރަން 25 ރަށެއް ހުޅުވާލައިފައެވެ.