ކުރީގެ ރައީސް އަބްދުالله ޔާމީން އަދިވެސް ބަންދުގައި އެ ހުންނަވަން ޖެހެނީ އެ މަނިކުފާނުގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދުގެ ހީލަތްތެރިކަމުގެ ސަބަބުން ކަމަށް ކުރިން ރައީސް ޔާމީންގެ އެންމެ އަރިސް އެއް ބޭފުޅާ އަދި މިހާރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުالله (އަދުރޭ) ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި މަހިބަދޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް އަހުމަދު ތާރިގުގެ ކެމްޕޭން ފެށުމަށް ރޭ އެ ރަށުގައި ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ ޔާމީނަށް އޭނާގެ ހިތުގައި އަދިވެސް ލޯތްބާއި އިހުތިރާމު އެބަ އޮތް ކަމަށެވެ.

ނަމަވެސް ޕޯޑިއަމްގައި ވާހަކަ ދައްކަން ފުރުސަތު ލިބިވަޑައިގެންފި ނަމަ ހަގީގަތް ހާމަކޮށްދެއްވާނެ ކަމަށް ޔާމީން ވިދާޅުވި ނަމަވެސް, އޭނާއަށްވުރެ ރަނގަޅަށް ކަންތައް ވެގެންދިޔަ ގޮތް އެނގޭނެ މީހަކު ނުހުންނާނެ ކަމަށް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ, ޕީޕީއެމްއަށް 2018 ވަނަ އަހަރުގެ ވެރިކަމާއެކު ރައްޔިތުންގެ މަޖިލިސް ގެއްލިގެން ދިއުމުން ދެން އައި ފަސް އަހަރަކީ ދަތި އުދަނގޫ ދުވަސްތަކެއް ކަމަށެވެ. އެގޮތުން ޕާޓީ އޮތީ މަގުމަތި ވެފައި ކަމަށާއި ދެތިން ހަތަރު މީހުންނާއެކު މުޒާހަރާ ކުރީވެސް ރާއްޖެ އަނބުރާ ހޯދުމަށް ކަމަށް ވިދާޅުވިއެވެ.

އެ ކުރި މަސައްކަތުގެ ތެރެއިން އަނެއްކާވެސް އިތުރު ފަސް އަހަރަށް މަގުމަތީގައި ތިބެންޖެހިދާނެ ކަމަށް ހީވި ކިތަންމެ ފަހަރެއް އައި ކަމަށާއި އެކަން އެގޮތަށް ކުރުވުމަށް ވެރިކަމުގެ ދަހިވެތިކަމުގައި އުޅުނު މީހުން ފެށުނީއްސުރެ މަސައްކަތް ކުރެއްވި ކަމަށްވެސް ވިދާޅުވިއެވެ.

"މިއަދު (ޔާމީންގެ) ވަށައިގެން އެ ތިއްބެވީ އެ ބޭފުޅުން. ހަގީގަތަކީ އެ ބޭފުޅުންގެ ނުބައި ނުލަފާ ރޭވުންތެރިކަމުގެ ދަށުން މިއަދުވެސް އަޅުގަނޑުމެންގެ ކުރީގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަބްދުالله ޔާމީން އަބްދުލްގައްޔޫމް ބަންދުގައި އެހުރީ. ޑރ. ޖަމީލުގެ ހީލަތްތެރިކަމުގެ ދަށުން. ހީލަތްތެރި ރޭވުމުގެ ތެރެއިން. ވެރިކަމަށް އޮތް ދަހިވެތިކަމެއްގެ ބޮޑުކަމުން ގަސްތުގައި އިސްތިއުނާފު ލަސްކުރީ. މިއީ ހަގީގަތަކީ," އަބްދުއްރަހީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ, އެންމެ ފަހު ވަގުތާ ޖެހެންދެންވެސް ޕީޕީއެމްގެ ކެންޑިޑޭޓުގެ ގޮތުގައި ނިންމައިގެން ތިބީ ޔާމީން ކަމަށާއި ނަމަވެސް ސުޕްރީމް ކޯޓުން ކުރިމަތި ނުލެވޭނެ ކަމަށް ނިންމީ ކަމަށެވެ. އެ ނިންމުމާއެކު އިންތިހާބު ބޮއިކޮޓް ކުރަން ޔާމީން އެންގެވި ނަމަވެސް އެކަން ނުކުރެއްވީ ގައުމަށްޓަކައި ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

"ބޮއިކޮޓް ނުކޮށް ރިޔާސީ އިންތިހާބުގައި ކުރިއަށްދާން ނިންމީ އަޅުގަނޑުމެންގެ އޭރުގެ ލީޑަރު ވިދާޅުވި ވިދާޅުވުމާ އެއްގޮތަށް. ދެވަނަ އޮޕްޝަނެއް ހޯދަން ވިދާޅުވީ ޕްލޭން އޭ އާއި ބީ އާއި ސީއާ ލިޔުއްވާފައި ފޮނުވީ އަޅުގަނޑުމެންގެ އޭރުގެ ލީޑަރު. އެއާ އެއްގޮތަށް އަމަލުކުރީ. ހިޔާނާތްތެރިއެއް އަޅުގަނޑުމެން ނުވަން. ބޭވަފާތެރިއެއްވެސް ނުވަން. އިހުލާސްތެރިކަމާއި ތެދުވެރިކަމާއެކު މަސައްކަތް ކުރީ. އެކަމަކު ގައުމު މުހިންމުވީމާ އަޅުގަނޑުމެން މަޖުބޫރުވީ ބޮއިކޮޓް ނުކޮށް ޑރ. މުއިއްޒާއެކު ކުރިއަށްދާން. މިއީ ހަގީގަތަކީ," އަބްދުއްރަހީމް ވިދާޅުވިއެވެ.