ފްލައިޓުގެ އިންޖީނަށް ވަކިލާރި އުކާލުމުން ބޮޑު ޑިލޭއެއްވެއްޖެއެވެ.

ޑިލޭ ވި ފުލައިޓަކީ ޗައިނާގެ ސަންހާއިން ބެއިޖިންއަށް ފުރުމަށް ޝެޑިއުލް ކޮށްފައިއޮތް ޗައިނާ ސަދަންގެ ފްލައިޓެކެވެ.

ޗައިނާގެ ނޫސްތަކުން ބުނެފައިވާގޮތުގައި އިންޖީނު ތެރެއަށް އުކާލި ވަކިލާރީގެ އަދަދު ހޯދުމަށް ފްލައިޓުގެ ފަޅުވެރީން އެދުމުން ފަސެންޖަރު ވަނީ ތިނެއް ނުވަތަ ހަތަރު ފައިސާފޮތި އެއްލި ކަމަށް ބުނެފައެވެ.

ފްލައިޓު އިންޖީނަށް ވަކިލާރި އުކާލި މީހާ ފަހުން ވަނީ އެއާޕޯޓު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އެއާލައިނުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު އެ ވަކިލާރިތައް ފެނިފައިވަނީ ފްލައިޓު ފުރުމުގެ ކުރިން ކުރި ސޭފްޓީ ޗެކްގެ ތެރޭގައެވެ.

ފްލައިޓުގެ އިންޖިނިއަރުންގެ އިތުރުން މެއިންޓެނެސްގެ ޓީމެއް ގުޅިގެން ކުރި މަސައްކަތުން ފްލައިޓު އާންމު ހާލަތަކަށް ގެނެސްފައިވަނީ ހަތަރު ގަޑިއިރުގެ ޑިލޭއަކަށްފަހުގައެވެ.