ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ހަދަން ނިންމި އެޕާޓްމަންޓުތައް ގަތުމަށް ފައިސާ ދެއްކި 203 މީހުންނަށް ހިޔާއިން ފުލެޓު ދީފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ވ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ އަތޮޅު ފެލިދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފަޒުލް ވިދާޅުވީ، އޭނާ އެޗްޑީސީއާ ހަވާލުވެވަޑައިގެންނެވިއިރު 203 މީހެއްގެ މައްސަލަ ތަންފީޒުކުރަން އަންގައި ކޯޓު ހުކުމެއް އެޗްޑީސީގެ މައްޗަށް އޮތް ކަމަށެވެ.

"އެ 203 މީހުންގެ ތެރެއިން މިއަދު އަޅުގަނޑު ފަހުރުވެރިކަމާއެކީގަ ރައީސް އެދެއްވި ލަފައާއި އިރުޝާދުގެ އަލީގައި އެކަންކޮށް މިއަދު އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ނިންމައިފިން. މިއަދު އަޅުގަނޑުމެންގެ ބޯޑުން ނިންމާފަވަނީ އެ 203 މީހުންނަށް ހައްލު ހޯދައިދިނުމަށް. ހިޔާ ފުލެޓުގެ މިދިޔަ ސަރުކާރުން ނޫން ކުރީ ސަރުކާރުގައި ބާކީ ފުލެޓުތަކެއް އެބަހުރި، 60 އެއްހާ ޔުނިޓުތައް ހުރި. މިދިޔަ ދުވަސްތަކުގެ ތެރޭގައި މީގެން އެންމެ ފުލެޓެއް ވެސް މީގެ ފަރާތަކަށް ނުދީ ހިފެހެއްޓުމުގެ ބޭނުމަކީ ކޮބައިތޯ އަޅުގަނޑު ސުވާލުކޮށްލަން ބޭނުންވޭ. ރައީސްގެ އިރުޝާދާއެކީގައި އެ ހިޔާ ފުލެޓުން ޖާގަ އަޅުގަނޑުމެން އެ ފަރާތްތަކަށް ދީފިން. އެ މީހުންނަށް ގެދޮރުވެރިކަން ފަހިކޮށްދީފީމު،" ފަޒުލް ވިދާޅުވިއެވެ.

ފަޒުލް ވިދާޅުވީ ކުރީ ސަރުކާރުން ވަނީ ޕޯޓަލެއް މެދުވެރިކޮށް ވިނަރެސްއިން 123 އެޕާޓުމެންޓު ގަތުމަށް ހުޅުވާލާފައި ކަމަށެވެ. ކުރީ ސަރުކާރުން އެކަން އެގޮތަށް ކުރީ ވަކި ބޭނުމެއްގައި ކަމަށާއި އެހެންވެ އެއިރުގެ ސަރުކާރަށް ރައްޔިތުންގެ ފަރާތުން ޕްރެޝަރުތަކެއް ކުރިމަތިވުމުން އެކަން ހުއްޓާލި ކަމަށް ފަޒުލް ވިދާޅުވިއެވެ. އެޗްޑީސީއާ ހަވާލުވެވަޑައިގެންނެވިއިރު އެ 123 އެޕާޓުމެންޓް އެޗްޑީސީގެ ބެލުމުގެ ދަށުގައި ހުރިކަމަށް ފަޒުލް ވިދާޅުވިއެވެ.

ވިނަރެސްއަށް ދައްކަން ޖެހޭ ފައިސާއިން 50 ޕަސަންޓުގެ ޑިސްކައުންޓެއް، އެ އެޕާޓުމެންޓުތައް ގަތް މީހުންނަށް ސަރުކާރުން ހަމަޖައްސައިދީފައިވާ ކަމަށް ފަޒުލް ވިދާޅުވިއެވެ. ސަރުކާރުން އެކަން އެގޮތަށް ނިންމުމަކާއެކު އެޗްޑީސީގެ ބޯޑުން ވަނީ އެގޮތަށް ނިންމާފައި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހިޔާ ފުލެޓުތަކަށް ވެސް ޑިސްކައުންޓް ލިބިގެން ގޮސްފައިވާ ކަމަށް ފަޒުލް ވިދާޅުވިއެވެ.

ސީލައިފުގެ ވާހަކައާއި ޖައުސާ ކޮންސްޓްރަކްޝަން ވާހަކަ އަދި ޖާހު ޕްރައިވެޓް ލިމިޓެޑާއި ކޭ ޕާކު ރެސިޑެންސްގެ ވާހަކަ ރައްޔިތުން ދައްކަމުންދާ ކަމަށް ފަޒުލް ވިދާޅުވިއެވެ. އެއިން ކޮންމެ ކުންފުންޏަކުން ފުލެޓު ގަތް ބަޔަކުވާ ކަމަށް ފަޒުލް ވިދާޅުވިއެވެ. ނަމަވެސް އެ މީހުންނަށް ފުލެޓު ލިބިފައިނުވާ ކަމަށް ފަޒުލް ވިދާޅުވިއެވެ.

"ޖާހުގެ މައްސަލައިގައި ހަގީގަތަކީ އެ މީހުންނަށް އެ މަސައްކަތް ނުކުރެވުނީ. މަސައްކަތް ނުކުރެވުމުން، އަޅުގަނޑު ހުރިނަމަ ހަގީގަތުގައި އެހެން ފަރާތަކާ އެ މަސައްކަތްތައް ހަވާލުކޮށްގެން އެ ރައްޔިތުންތަކަކަށް ހިދުމަތްދިނުން އަޅުގަނޑު އަވަސްކުރީމުސް. ނަމަވެސް މިދިޔަ މެނޭޖުމެންޓުން ނިންމާފަ އޮތީ އެޗްޑީސީގެ މެނޭޖުމެންޓުން ނިންމާފަ އޮތީ، އެޗްޑީސީގެ ފައިސާއިން އަނެއްކާ ވެސް އެ ކުންފުންޏަށް ފައިސާ ދީގެން އެ މައްސަލަ ހައްލުކުރަން. ނަތީޖާއަކީ ކޮބައިތޯ، މީގެ މަގުސަދަކީ ކޮބައިތޯ އަޅުގަނޑުމެން ވިސްނާލަން ޖެހޭ. މީގެ މަގުސަދުގެ ތަފުސީލަކަށް އަޅުގަނޑު ނުދާނަން. ތިބޭފުޅުންނަށް އެކަން އެނގިވަޑައިގަންވާނެ ކަމަށް ނޫނީ ފަހުމު ވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން،" ފަޒުލް ވިދާޅުވިއެވެ.

ޖާހު ކުންފުނިން ފުލެޓު ގަތް މީހުންގެ މައްސަލަ ހައްލުކުރުމަށް އެޗްޑީސީން މިހާރު މަސައްކަތް ކުރަމުންދާ ކަމަށް ފަޒުލް ވިދާޅުވިއެވެ. ޕީޕީއެމްގެ ފުރަތަމަ ވެރިކަމުގައި ފޭސް ދޭއް ހިއްކައިގެން ހިޔާ ފުލެޓާއި ވިނަރެސް މަޝްރޫއުގެ ދަށުން މީހުންނަށް ބޯހިޔާވަހިކަން ލިބިގެންދިޔަ ކަމަށް ފަޒުލް ވިދާޅުވިއެވެ. ނަމަވެސް ކުރީ ސަރުކާރުން ފޭސް ދޭކަށް ބޭނުންވާ އަސާސީ ކަންކަމާއި ޒަރޫރީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ވަނީ އިހުމާލުވެފައި ކަމަށާއި މިހާރު އެކަންކަން ރަނގަޅު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފަޒުލް ވިދާޅުވިއެވެ.

އެޗްޑީސީގެ ދަރަނި 10 ބިލިއަން ރުފިޔާގައި ހުރިއިރު ފާއިތުވި ފަސް އަހަރުގެ ތެރޭގައި ކުންފުންޏަށް ލިބެންޖެހޭ 800 މިލިއަނެއްހާ ރުފިޔާ ހޯދުމަށް ކުރީ ސަރުކާރުން އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށް ފަޒުލް ވިދާޅުވިއެވެ. ކުރީ ސަރުކާރުން ވަނީ އެޗްޑީސީ މެދުވެރިކޮށް އެކި ފަރާތްތަކަށް ނުހައްގުން ހުޅުމާލެ، ހުޅުމާލެ ފޭސް ދޭއް އަދި ތިލަފުށިން ބިން ދޫކޮށްފައި ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތަށް 35 ބިމެއް ދީފައިވާ ކަމަށާއި އެއީ އެއް އަހަރު ދުވަހުގެ މުއްދަތަށް "ޓެމްޕޯރަރީކޮށް" ދޫކޮށްފައިވާ ބިންތަކެއް ނަމަވެސް އެ ބިން ހިފައިގެން އުޅޭ މީހުން ވަނީ އެތަނުގައި އުމްރާނީ މަސައްކަތް ފަށައިފައި ކަމަށެވެ.

ވަގުތީ ބޭނުމަށް އެގޮތަށް ދޫކުރާ ބިންތަކުގައި އިމާރަތް ކުރުމުގެ ހުއްދަ އެޗްޑީސީން ނުދޭނެ ކަމަށާއި ނަމަވެސް އެކަމުގެ ހުއްދަ އެ މީހުންނަށް އަނގަބަހުން، އެޗްޑީސީގެ ކުރީގެ މެނޭޖުމެންޓުން ވަނީ ދީފައި ކަމަށް ފަޒުލް ވިދާޅުވިއެވެ. އެޗްޑީސީން މިހާރު އެތަންތަން ހޯދަން މަސައްކަތް ކުރާއިރު އެ ތަންތަން ކުއްޔަށް ހިފައިފައިވާ ފަރާތްތަކުގެ ހައްގުތަކެއް ގެއްލިގެންދާ ކަމަށާއި އެ ހައްގުތައް ގެއްލިގެންދަނީ އަނގަބަހުން ހުއްދަ ދީފައި އޮތުމުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ. ފަޒުލް ވިދާޅުވީ ބިންތައް ކުއްޔަށް ހިފާފައިވާ ފަރާތްތައް ގާނޫނީ އިމުގެ ތެރެއިން އުސޫލުގެ ތެރެއަށް ފެއްތުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

އެ 35 ބިން އެގޮތަށް ދޫކުރުމުގެ ސަބަބުން އެޗްޑީސީއަށް ލިބެންޖެހޭ ބޮޑު އާމްދަނީއެއް ގެއްލިފައިވާ ކަމަށާއި އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅާނެ ކަމަށް ފަޒުލް ވިދާޅުވިއެވެ.