ދޮޅު މިލިޔަނަށްވުރެ ގިނަ މީހުން ދިރިއުޅޭ ސަރަހައްދެއް ބަންދުކޮށް ހަތަރުމަސް ވަންދެން މަތިން ބޮންއަޅައި ގެދޮރުތައް ސުންނާފަތިކޮށް މީސްތަކުން ބަނޑަށް ޖައްސައި ވޭންދެނިވި މަރަކުން މެރުމަކީ މިޒަމާނުގެ ތަހުޒީބުކަމަށް ދައުވާކުރާ ގައުމަކުން ކޮށްފާނެ ކަމެއް ބާވައެވެ. ހައިހޫނުކަމުގައި ތަންދޮރުވަކިނުވާ ހިސާބަށް މީސްތަކުން ގެންދިއުމަށްފަހު ކާނާ ހިފައިގެން ގާފިލާތައް މިފޮނުވަނީއޭ ބުނެ މައިދާނަކަށް މީސްތަކުން ޖަމާކުރުމަށްފަހު ދުރުގައިތިބެ ބަޑިން ހަމަލަދީ އެމީހުން މެރުމަކީ އިންސާނިއްޔަތުގެ ޒައްރެެއްގެ މިންވަރުވެސް ލިބިފައިވާ ބަޔަކު ކޮށްފާނެ ކަމެެއް ބާވައެވެ. މި ދެންނެވި ބީދައިން މީސްތަކުން ގަޔަށް ބަޑިޖަހައި މެރުމަށްފަހު ޓޭންކުތަކާއި ބަޑިހަރުކުރި ބަރު އުޅަނދުތަކުން އެ މައިދާނަށް ވަދެ މަރުވެފައިވާ މީހުންގެ ހަށިތަކުގެ މަތިން ދުއްވައި އެހަަށިތައް ޗިސްޗިސްކުރުމަކީ އިންސާނުންނޭ މިކިޔޭ ބަޔަކާ ލާއިގުކަމެއް ބާވައެވެ. ލާއިގު ވިޔަސް ނުވިޔަސް ގާޒާގެ އުތުރުގައި އިޒްރޭލް ސިފައިން ހުސްވި ހަފުތާގައި މިބީދައިން ގަތުލުއާއްމެއް ހިންގައިފިއެވެ.

ބަނޑަށް ހާންތިވެފައިވާ ގާޒާގެ ރައްޔިތުންނަށް ކާޑުބަހަނީއޭ ބުނެ ގާޒާ ސިޓީގެ ރަށްބޭރަށް އެތައް ސަތޭކަ ބަޔަކު ނެރެ ކިޔޫތަކުގައި ބޭތިއްބުމަށްފަހު އިޒްރޭލް ސިފައިން ދުރުގައިތިބެ އެމީހުންގެ ގަޔަށް ބަޑިޖަހާފައިވަނީ އަމާޒަށް ބަޑިޖެހުމަށް ހިންގާ ތަމްރީނެއް ފަދައިންނެވެ. ވަލުޖަނަވާރުން ގަޔަށްވެސް އެޒާތަށް ބަޔަކު ބަޑިޖެހިކަން އެނގިފައެއް ނެތެވެ. މި ގަތުލުއާއްމުގައި ފަލަސްތީނުގެ ރައްޔިތުންގެ ތެރެއިން 112 މީހަކު ޝަހީދުވެ 800 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ. މި މަންޒަރު ފެނިފައި މުޅި ދުނިޔެއަށްވެސް ލިބުނީ ހައިރާން ކަމެކެވެ. އިޒްރޭލަށް ތާއީދުކޮށް މަދަދުކުރާ ހުޅަނގުގެ ގައުމުތައްވެސް ލަދުން އަވަދިވިއެވެ. މި ގަތުލުއާއްމު މިހާރު މަޝްހޫރުވެފައިވަނީ ކާޑު ގަތުލުއާއްމުގެ ނަމުންނެވެ. ކާޑު ގަތުލުއާއްމުގެ ސަބަބުން އިޒްރޭލުގެ ހުތުރު މޫނުގެ އަނދިރިކަން އިހުނަށްވުރެވެސް ބޮޑުވެގެން ހިނގާއްޖެއެވެ. މި ޖަރީމާގެ ޒިންމާއިން ރެކިގަތުމަށްޓަކައި އެކިކަހަލަ ދޮގުތައް އުފައްދަން އިޒްރޭލުގެ ސަރުކާރުން އަވަސްވެގަތެވެ.

ކާޑުގެ ބާވަތްތަކާއެކު އެހީގެ ގާފިލާއެއް ގާޒާގެ ތެރެއަށް ވެއްދި ވެއްދުމަކީ އިޒްރޭލް ސިފައިން ތައްޔާރުކުރި ދަންތުރައެކެވެ. މި ގާފިލާއަކީވެސް އިޒްރޭލް ސިފައިން އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްގެން އެމީހުންގެ ބެލުމުގެ ދަށުން ވެއްދި ގާފިލާއެކެވެ. ބަނޑަށް ހާންތިވެފައިތިބި ފަލަސްތީނުގެ ރައްޔިތުން އެހީ ލިބިގަތުމަށް އަވަސްވެގަންނާނެކަން އެނގެއެވެ. އަންހެނުންނާއި ކުޑަކުދިންނާއި މުސްކުޅިންވެސް ހިމެނޭގޮތުންނެވެ. ބަޑިޖެހީ އެއްފަހަރަކު ނޫނެވެ. އެންމެ ފުރަތަމަ ބަޑިން ހަމަލަދީ އެތައްބަޔަކު ޝަހީދުކޮށްލީމާ ފަލަސްތީނުގެ ރައްޔިތުން ދުރަށް ޖެހުނު ވަގުތު އެކަން ހުއްޓައިލިއެވެ. ދެވަނަ ފަހަރަށް ބަޑިޖެހީ ގާފިލާގެ ކައިރިއަށް ފަލަސްތީނުގެ ނިކަމެތި ރައްޔިތުން އަނެއްކާވެސް ޖަމާވުމުންނެވެ. ދެންކުރިކަމަކީ މަރުވެފައިވާ މީހުންގެ ހަށިތަކުގެ މަތިން ބަރު އުޅަނދުތައް ދުއްވައި ޗިސްޗިސް ކުރުމެވެ. މިކަން މިމަގުން ހިންގުމަށްފަހު މޫނުމަތި ރީތިކުރުމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން ހަދަންފެށީ އެތައް ދޮގުތަކެކެވެ.

އިޒްރޭލުން އެންމެ ފުރަތަމަ ބުންޏެވެ. ބަޑިއެއް ނުޖަހަމެވެ. ވީކަމެއްވީ ފަލަސްތީނު މީހުންގެ ސަބަބުންނެވެ. އެހީގެ ގާފިލާއަށް އެމީހުން އަރައިގަތީއެވެ. ބަޔަކު މަރުވެފައިވަނީ އެގޮތަށް އަރައިގަތުމުގެ ތެރޭގައި ފިތިގެންނާއި ފައިދަށުވެގެންނެވެ. މީހުން މަރުވީ ފިތިގެން ނޫންކަމާއި ބަޑީގެ ޝިކާރައަކަށް ވެގެންކަން އެކި ވީޑިއޯތަކުންނާއި ފޮޓޯތަކުން ދުނިޔެއަށް ހާމަވެ ބޭޒާރުވީމާ ދެން ބުންޏެވެ. ތިޔަ އުންޑަތައް ފޮނުވީ އަހަރެމެންނެއް ނޫނެވެ. ތިޔައީ އަހަރެމެން ބަދުނާމުކުރަން ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިން ކުރިކަމެކެވެ. މަރުވެފައިވާ މީހުންގެ ހަށިތައް ތޮރުފި ފުރޭންޏަކަށް ވެފައިވަނީ އިޒްރޭލުގެ ސިފައިން ބޭނުންކުރާ ކުދިބޮޑު އެކި ހަތިޔާރުތަކުން އުދުއްސައިލި ވަޒަންތަކުންކަން ފަޅާއެރީމާ ދެންބުންޏެވެ. ތިޔަކަން ހިނގާފައިއޮތީ ތިޔަ ހީކުރާ ގޮތަކަށް ނޫނެވެ. އެހީގެ ގާފިލާއަށް ފަލަސްތީނު މީހުން އަރައިގަނެ މައިދާން ގަޑުބަޑުކޮށް އަހަރެމެންގެ ސިފައިންނަށް ނުރައްކާވީމާ އަމިއްލަ ދިފާއުގައި ބަޑިޖެހީއެވެ.

މިދެންނެވި މަގުން އެއްދުވަހުގެ ތެރޭގައި ހަތަރުފަސްގޮތަށް އިޒްރޭލުގެ ވާހަކަތައް ބަދަލުވިއެވެ. އެއްދޮގު ފަޅާއެރީމާ އަނެއް ދޮގު ހަދަނީއެވެ. އެ ދޮގު ފަޅާއެރީމާ އަނެއްކާވެސް އެހެން ދޮގެކެވެ. މިހާރު ބުނަނީ ބަޑިޖެހީ އަމިއްލަ ދިފާއުގައި ކަމަށެވެ. ތިމަންނާމެންނަށް ކޮޅުނެތްކޮޅަށް ނުރައްކާ ވުމުން ކަމަށެވެ. އެކަމަކު ނުރައްކާވީގޮތެެއް ބުނެއެއް ނުދެވެއެވެ. އަދި ބަޔަކު ފިތި ބާރުވެގެން ފައިދަށުވެގެން އިންތިޒާމުތައް ގެއްލުނީ ބަޑިޖެހުމުގެ ކުރިންކަންވެސް ބުނެއެއް ނުދެވުނެވެ. މަންޒަރުތައް އެހެރީ އެންމެނަށް ފެންނާށެވެ. ފަލަސްތީނުގެ ރައްޔިތުން ކޮޅުކޮޅަށް ދުވަންފެށީ އިޒްރޭލް ސިފައިން ބަޑިޖަހަން ފެށުމުންކަން އެންމެނަށްވެސް އެހެރީ ފެންނާށެވެ. އެމެރިކާ އާއި ޔޫރަޕުގެ މީޑިއާއިން އިޒްރޭލުގެ ބަހަނާތައް ގެނެސްދީ މަތިއޮމާންކުރުމާއިގެން ތެޅިބޭލިއަސް ކަންވީގޮތާއި ކަންކުރިގޮތް އެހެރީ ފެންނާށެވެ. އިޒްރޭލަކީ އިންސާނިއްޔަތަށް ހުރުމަތެއް ނުބަހައްޓާ އަނިޔާވެރި މުޖުރިމު ދައުލަތެއްކަން މުޅި ދުނިޔެއަށް ވަނީ ސާބިތުވެ ނިމިފައެވެ. އުޒުރުދައްކާކަށް ރެކިގަންނާކަށް ފުރުސަތެއް ނެތެވެ.

އިޒްރޭލަށްވުރެ އަނިޔާވެރި މުޖްރިމު ދައުލަތެއް މިއުޑު ދަށުން އެއްވެސް ބަޔަކަށް މިހާތަނަށް ފެނިފައެއް ނެތެވެ. އިޒްރޭލް އުފެދުނީވެސް ގަތުލުއާއްމެއްގެ ތެރެއިންނެވެ. އިޒްރޭލުގެ ދެމިއޮތުމަށް ބޭނުންވާ ހަކަތަ ލިބެނީވެސް ގަތުލުއާއްމު ހިންގައިގެންނެވެ. ނަންހުސްކޮށް އެހިންގަނީ ނަސްލެއް ނައްތައިލުމުގެ މުޑުދާރު އަމަލުތަކެވެ. އެންމެފަހުން އެހިންގީ ދުނިޔޭގެ އެއްވެސް ބަޔަކު މިހާތަނަށް ހިންގާފައިނުވާ ޒާތުގެ ގަތުލުއާއްމެކެވެ. ކާޑު ގަތުލުއާއްމެވެ. މަރާކަށް ވަކި މީހެއް ނެތެވެ. މިއަދު އުފަންވާ ތުއްތު ކުއްޖާވެސް މަރަނީއެވެ. އުފަންވުމުގެ ކުރިން މަންމަގެ ބަނޑުގައި އޮންނަ ކުއްޖާވެސް މަރަނީއެވެ. މަންމަޔާއެކުގައެވެ. ބަލިހާލުގައި ތަންމަތީގައި އޮންނަ އަޖޫޒު މުސްކުޅިޔާވެސް މަރަނީއެވެ. މިޒާތުގެ ބަޔަކަށް ތަހުޒީބު މުޖުތަމައެކޭ ކިޔޭނެ ގޮތެެއް އޮންނާނެ ބާވައެވެ. މިޒާތުގެ ބަޔަކަށް މަދަދުކޮށް ދިފާއުކޮށްދޭ ބައެއްގެ މުޑުދާރު ނިޔަތާއި ހުތުރު މޫނު ގިރިޓީ ކުރެވޭނެ ގޮތެެއް އޮންނާނެ ބާވައެވެ. ހަމައެއްގޮތެއްވެސް ނޯންނާނެއެވެ.