ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ ވެރިކަމުގައި ދަނޑުވެރިކަމާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް ދޫކޮށްފައި އޮތް ރ. އުނގުލު، އެ އަތޮޅު އުނގޫފާރަށް ދިނުމުގެ މަސައްކަތްތައް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިިދާޅުވެއްޖެއެވެ.
ބޮޑުމިނުގައި 14.6 ހެކްޓަރުގެ ހުންނަ އުނގުލު، ދަނޑުވެރިކަމާ ގުޅޭ މަސައްކަތްތައް ކުރުމަށް 30 ޖޫން 2016 ގައި ހަވާލުކުރީ ސަން ހިޔާ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއެވެ. އެ ކުންފުންޏާ އެ ރަށް ހަވާލުކުރީ 21 އަހަރަށެވެ.
ރައީސް މުއިއްޒު ރ. އަތޮޅާއި ބ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އުނގޫފާރަށް މިއަދު ވަޑައިގެން، އެ ރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވިދާޅުވީ، އުނގޫފާރަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށާއި މި ސަރުކާރުން އެ މައްސަލައަށްވެސް ހައްލެއް ގެނެސްދެއްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ، އުނގޫފާރުގެ ބިން ހިއްކި ނަމަވެސް އިގުތިސޯދީ އެކި މަސައްކަތް ކުރުމަށް ބިމުގެ ދަތިކަން އޮންނާނެތީ، އެ ރަށާ ކައިރީގައި އޮންނަ އުނގުލު، އުނގޫފާރަށް ހޯދައިދެއްވާނެ ކަމަށެވެ.
"އެއްވެސް ކަހަލަގެ އެގްރީމެއްޓެއް ހަދާފައިވޭތޯ. ނޫނީވިއްޔާ ކޯޓުގައި އެއްވެސް މައްސަލައެއް އޮތްތޯ. ނޫނީވިއްޔާ ކުރީ ސަރުކާރުން އެހެން އެއްވެސް ބަޔަކަށްޓަކައި ކޮށްފައި ބަޔަކާ ގުޅުވާފައިވޭތޯ. އެކަންކަން ބަލަން ޖެހޭނެ. އެކަންކަން ބަލާފައި އެކަންކަމުން އެ ރަށް (އުނގުލު) ސަލާމަތްކޮށްގެން މި ރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށް މި ރަށަށް އެ ރަށް ހަވާލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް ވިދާޅުވިއެވެ.
އުނގޫފާރަކީ އެކިއެކި ބޭނުންތަކަށް މީހުން އަންނަ ރަށެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެއްފަސްކުރުމުގެ ވިސްނުމަކުން ބެލި ނަމަވެސް އުނގޫފާރަކީ މުހިންމު ރަށެއް ކަމަށެވެ. އަދި މި ސަރުކާރުގެ ޕްލޭނަކީ އެ ރަށަކީ އާބަން ސެންޓަރަކަށް ހެދުން ކަމަށް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، އުނގޫފާރަށް ބޭނުންވާ ކަންކަންވެސް ވަކި ތަރުތީބަކުން ކޮށްދެއްވާނެ ކަމަށެވެ. ހާއްސަކޮށް ސްކޫލުގެ މައްސަލައަށް އަވަސް ހައްލެއް ގެނެސްދެއްވާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު