ދިރާގުގެ އެހީތެރިކަމާއެކު ހއ. އިހަވަންދޫގައި ކުރިއަށްގެންދިޔަ "ޔަންގް ފިޝާސް ކްލަބު"ގެ ޕްރޮގްރާމް ނިންމާލައިފިއެވެ.
ދިރާގުން މިއަދު ބުނީ، އެ ކުންފުނީގެ އެހީތެރިކަމާއެކު އިހަވަންދޫގައި އެ ޕްރޮގްރާމު ގެންދިޔައީ ރާއްޖޭގެ މަސްވެރިންގެ ޖަމިއްޔާއާ ގުޅިގެން ކަމަށެވެ.
އެ ޕްރޮގްރާމުގައި އިހަވަންދޫ ސްކޫލުގެ 25 އަންހެން ދަރިވަރުންނާއި 10 ފިރިހެން ދަރިވަރުން ބައިވެރިވެ، މަސްވެރިކަމާއި ކަނޑުގެ މާހައުލާއި ދެމެހެއްޓެނިވި އާދަކާދަތައް ދަސްކޮށް، އެ ކަންތައްތަކާ ގުޅޭ އަސާސީ މައުލޫމާތު ހޯދައި އަދި އެ އާދަތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމަށް ބޭނުންވާ މައުލޫމާތާއި ހުނަރު ދަސްކޮށްދީފައިވާ ކަމަށް ދިރާގުން ބުންޏެވެ.
އޭގެ އިތުރުން ފެތުމާއި ސްނޯކްލިން އަދި އިސްނެގުމާ އެކުގައި މަސައްކަތް ކުރުން ފަދަ ދިރިއުޅުމުގެ ހުނަރުތަކާ ގުޅޭ މުހިންމު ދާއިރާތަކަށްވެސް އަލިއަޅުވާލާފައިވާ ކަމަށާއި އެ ހުނަރުތައް ދަރިވަރުންނަށް ދަސްކޮށްދީފައިވަނީ އެކަމުގެ އަމަލީ ތަޖުރިބާ ލިބިފައި ތިބި މާހިރުންގެ އިރުޝާދުގެ ދަށުން ކަމަށް ދިރާގުން ބުނެއެވެ.
އެ ރަސްމިއްޔަތުގައި ދިރާގު ކުޅުދުއްފުށީ އޮޕަރޭޝަންސް ސެންޓަރުގެ މެނޭޖަރު އަބްދުﷲ ސާދިގު ވިދާޅުވީ، އެ ޕްރޮގްރާމުން ދަސްވެނިވި 35 ދަރިވަރުންގެ ތެރެއިން 25 ދަރިވަރުންނަކީ އަންހެން ކުދިންކަން ވަރަށް ފަހުރުވެރިކަމާއެކު ފާހަގަކުރައްވާ ކަމަށެވެ.
"މިއީ މި ޕްރޮގްރާމުން ދެ މިންތިއަށް އިސްކަންދޭކަން ދައްކުވައިދޭ އަލިގަދަ ހެއްކެއް. އަދި މަސްވެރިކަން ފަދަ ދިވެހިރާއްޖޭގެ އަސާސީ ސިނާއަތެއްގައި ދެ މިންތީގެ ހަމަހަމަ ބައިވެރިވުމާއި ތަމްސީލުކުރުމަށް މަގުފަހިކޮށްދިނުމަށްވެސް އެޅޭ މުހިންމު ފިޔަވަޅެއް،" ދިރާގުން ބުންޏެވެ.
އިހަވަންދު ސްކޫލުގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މަސްވެރިންގެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ޝާކިރު މުހައްމަދުގެ ވިދާޅުވީ އެ ޕްރޮގްރާމް ފުރިހަމަކުރި ދަރިވަރުން މުސްތަގުބަލުގައި އިހަވަންދޫ ސްކޫލުގައި ހިންގާ ކްލަބުގެ ހަރަކާތްތަކުގައާއި އެހެނިހެން ސްކޫލުތަކުގައި ހިންގާ ޔަންގް ފިޝާސް ކްލަބުގެ ހަރަކާތްތަކުގައި ލީޑަރުންގެ ގޮތުގައި ފެނިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
އެ ރަސްމިއްޔާތުގައި އިހަވަންދޫ ސްކޫލްގެ ޕްރިންސިޕަލް އަހަމަދު ރަޝީދު ވިދާޅުވީ، ޔަންގް ފިޝާސް ކްލަބަކީ އެ ސްކޫލަށް ލިބުނު ރަނުގެ ފުރުސަތެއް ކަމަށާއި ތިމާވެއްޓާއި ކަނޑުތައް ހިމާޔަތްކުރުމަށްޓަކައި މުރަކަ އިންދައި ހައްދާނެ ގޮތާއި ފަރުތައް ހިމާޔަތްކުރުމާއި ގުދުރަތީ ވަސީލަތްތައް ހެޔޮ ގޮތުގައި ބޭނުންކުރާނެ ގޮތްތަކާ މެދު ކުދިންގެ ޝައުގުވެރިކަން އުފެދި، ސްކޫލު ކަރިކިއުލަމް ތަންފީޒުކުރުމަށް އިތުރު ފަސޭހަކަމެއް ލިބިގެންދިޔަ ކަމަށެވެ.
ދިރާގުން އިތުރަށް ބުނީ އެ ސެޝަންތަކުގެ ޒަރިއްޔާއިން ދަރިވަރުންނަށް ރާއްޖޭގެ މަސްވެރިކަމުގެ ތާރީހާއި، ކަނޑުގެ މާހައުލާއި، މޫސުމާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ޑިޒާސްޓާ މެނޭޖްމެންޓާއި ބަޔޯޑައިވާސިޓީ އާއި، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި، ފަސްޓް އެއިޑް، މަސްވެރިކަން މެނޭޖްކުރުމާއި، ޕޯސްޓް ހާބަޓް ޓެކްނޮލޮޖީ އާއި، ނެވިގޭޝަން އަދި ކޮމިއުނިކޭޝަން ސްކިލްސް ދަސްވެގެންދިޔަ ކަމަށެވެ.
އިހަވަންދޫ ޔަންގް ފިޝާސް ކްލަބަކީ 2022 ވަނަ އަހަރުގެ އޮގަސްޓް މަހު ފިޝަމަންސް އެސޯސިއޭޝަނާ ގުޅިގެން އިވަހަންދޫ ސްކޫލުން އުފެއްދި ކްލަބެކެވެ.
ރާއްޖޭގެ ސްކޫލެއްގައި ފުރަތަމަ ފަހަރަށް އުފެއްދި "ޔަންގް ފިޝާސް ކްލަބު"ގެ ހަރަކާތްތައް ކުރިއަށްގެންދަނީ ގާލްގައިޑާއި ސްކައުޓް ހަރަކާތާ ދާދި އެއްގޮތަށެވެ. ދަރިވަރުންނަށް މައުލޫމާތާއި މަސައްކަތް ދަސްކޮށްދިނުމާއި އެކުދިން ކުރާ މަސައްކަތައް ބަލައި ބެޖް ވެސް ދެއެވެ.
އެ ކުލަބުގެ ހަރަކާތްތައް 2022 އަހަރު ފެށީ ގުރޭޑް 7އާއި 8ގެ ދަރިވަރުންނަށެވެ. އެ ހަރަކާތުގައި ފުރަތަމަ ބައިވެރިކުރީ 30 ދަރިވަރެކެވެ.
އެ ކްލަބު އުފެއްދުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ މިހާރަށް ވުރެއިން ފުޅާކޮށް، މަސްވެރިކަމާއި، ތިމާވެއްޓާއި ޓެކްނޮލިޖީއާ ގުޅުން ހުރި ދާއިރާތަކުން ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ އިތުރުން ފެތުމާއި ފަލިޖެހުމާއި ދިވެހިންގެ އެފަދަ އެތައް ހުނަރެއް ދަރިވަރުންނަށް ދަސްކޮށްދިނުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު