ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި އަދިވެސް އޮންނަނީ ރަސްކަމެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރަސްކަން ހިނގާ 43 ގައުމެެއް އެބައޮތެވެ. އޭގެތެރެއިން 13 ގައުމެއް ނިސްބަތްވަނީ އޭޝިއާއަށެވެ. ޔޫރަޕުގައި 12 ގައުމެވެ. އުތުރު އެމެރިކާ އާއި ދެކުނު އެމެރިކާއަށް ނިސްބަތްވާ 9 ގައުމެވެ. އޯޝޭނިއާއަށް ނިސްބަތްވާ 6 ގައުމެވެ. އެފްރިކާއަށް ނިސްބަތްވާ 3 ގައުމެވެ. އޭޝިއާއަކީ ދުނިޔޭގެ ބައްރުތަކުގެ ތެރެއިން ބިމުގެ ގޮތުންނާއި ވަސީލަތްތަކުގެ ގޮތުން އެންމެ ބިޔަ ބައްރެވެ. އެ ބައްރުގައި މުޅިޖުމްލަ 48 ގައުމު ހިމެނޭއިރު ކުރިންވެސް ދެންނެވި ފަދައިން އޭގެތެރެއިން 13 ގައުމެއްގައި އޮންނަނީ ރަސްކަމެވެ. އޭޝިއާ ބައްރުގެ އެންމެ މުއްސަނދި ރަސްރަސްކަލުންނަކީ ކޮބައިބާވައެވެ. އޭޝިއާގެ އެންމެ މުއްސަނދި ފަސް ރަސްކަލުންގެ މިލްކިއްޔާތުގެ އަގު ޖުމްލަކޮށްލީމާ 108 ބިލިޔަން އެމެރިކާ ޑޮލަރަށް އަރައެވެ. މިދެންނެވި ފަސް ރަސްކަލުންގެ ވަނަވަރަށް ބަލައިލަމާބަހީއެވެ.

ލިސްޓުގެ އެއްވަނައަށް އަރަނީ ތައިލެންޑުގެ ރަސްގެފާނު ވަޖިރަލޮންގްކޯންގެ ނަންފުޅެވެ. އޭނާގެ މިލްކިއްޔާތުގެ އަގުކަމަށް އަންދާޒާ ކުރެވޭ މިންވަރަކީ 43 ބިލިޔަން އެމެރިކާ ޑޮލަރެވެ. މައިގަނޑު ގޮތެއްގައި މިއީ އޭނާއަށް އަމިއްލަފުޅު ވެގެންވާ ބިންބިމުގެ އަގެވެ. ތައިލެންޑުގެ އެކި ކަންކޮޅުތަކުން އޭނާއަށް 66 އަކަ ކިލޯމީޓަރުގެ ބިން މިލްކުވެގެންވެއެވެ. ވެރިރަށް ބެންކޮކްގެ އެންމެ އަގުބޮޑު ސަރަހައްދުތަކުން އޭނާއަށް މިލްކުވެގެންވާ ބިންބިމުގެ އަގު އެކަނިވެސް 30 ބިލިޔަން ޑޮލަރަށް އަރައެވެ. ތައިލެންޑުގެ ދެވަނައަށް އެންމެ ބޮޑު އިންވެސްޓްމަންޓް ބޭންކް ކަމަށްވާ ސިއާމް ކޮމާޝަލް ބޭންކުގައި ރަސްގެފާނު ވަޖިރަލޮންގްކޯންގެ 23 ޕަސަންޓް ހިއްސާ އެބައޮތެވެ. ތައިލެންޑުގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ސިއާމް ސިމެންތި ގްރޫޕްގައި އޭނާގެ 33 ޕަސަންޓް ހިއްސާ އެބައޮތެވެ. އެއީ ގާތްގަޑަކަށް 9 ބިލިޔަން ޑޮލަރުގެ ހިއްސާއެވެ. އޭނާގެ މިލްކިއްޔާތުގެ ތެރޭގައި 38 މަތިންދާބޯޓުވެސް ހިމެނެއެވެ.

ލިސްޓުގެ ދެވަނައަށް އަރަނީ ބުރޫނާއީގެ ރަސްގެފާނު ހަސަނުލް ބުލްގިއާގެ ނަންފުޅެވެ. އަންދާޒާ ކުރެވޭގޮތުން އޭނާގެ މިލްކިއްޔާތުގެ އަގަކީ ގާތްގަޑަކަށް 28 ބިލިއަން އެމެރިކާ ޑޮލަރެވެ. މީގެތެރެއިން 5 ބިލިޔަނަކީ އޭނާގެ އަމިއްލަފުޅު އުޅަނދުތަކުގެ އަގެވެ. ދުނިޔޭގެ އެންމެ އަގުބޮޑު ކާރުތަކުގެ ތެރެއިން ހަސަނުލް ބުލްގިޔާގެ ކަލެކްޝަނުގައި 600 ރޯލްސް ރޯއިސް އެބައޮތެވެ. ފެރާރީގެ 450 އުޅަނދު އެބައޮތެވެ. އަދިކިޔެއްތަ، 380 ބެންޓްލީވެސް އެބައޮތެވެ. ބުލްގިޔާގެ ގަނޑުވަރު އިސްތާނާ ނޫރުލް އީމާނަކީ ރަސްކަލަކު ދިރިއުޅުއްވާ އެންމެ ބިޔަ ގަނޑުވަރެވެ. އެ ގަނޑުވަރުގައި 1700 ކޮޓަރި ހުރެއެވެ. ބުލްގިޔާގެ މުއްސަނދިކަމުގެ އަސްލަކީ ބުރޫނާއީއަށް ލިބިގެންވާ ތެލާއި ގޭހުގެ ގުދުރަތީ މުއްސަނދިކަމެވެ. ބުރޫނާއީއަށް 1984 ވަނަ އަހަރު މިނިވަންކަން ލިބުނީއްސުރެ މިއަދާ ހަމައަށްވެސް އެގައުމުގައި ވެރިކަން ކުރައްވަމުން ގެންދަވަނީ ބުލްގިޔާއެވެ. ރަސްކަލަކީވެސް ބޮޑުވަޒީރަކީވެސް އަދި ސިފައިންގެ ވެރިޔަކީވެސް އެއީއެވެ.

ލިސްޓުގެ ތިންވަނައަށް އަރަނީ ސައޫދީ އަރަބިއާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒުގެ ނަންފުޅެވެ. އޭނާގެ އަމިއްލަފުޅު މުއްސަނދިކަން 17 ބިލިޔަން އެމެރިކާ ޑޮލަރަށް އަރާކަމަށް އަންދާޒާ ކުރެވިފައިވެއެވެ. ސައޫދީ އަރަބިއާގެ ވެރިކަމުގެ ބާރުތައް މިހާރު އޮތީ ރަސްގެފާނުގެ ދަރިކަލުން އަދި ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ސަލްމާނުގެ އަތްޕުޅުގައެވެ. އެހެންވީމާ ރަސްގެފާނުގެ މުއްސަނދިކަމަށް ލިބޭ ސަމާލުކަމަށްވުރެ މިހާރުބޮޑީ ވަލީއަހުދު ޕްރިންސް މުހައްމަދުގެ އާރާއި ބާރާއި ކުރައްވާ ކަންކަމަށް ލިބޭ ސަމާލުކަމެވެ. ރަސްގެފާނު ސަލްމާނުގެ މިލްކިއްޔާތުގެ ތެރޭގައި ސުވިޒަރލެންޑް، ފްރާންސް އަދި އެމެރިކާގައިވާ އެތަކެއް ބިންބިމާއި ބޮޑެތި ގަނޑުވަރުތައް ހިމެނެއެވެ. ސަލްމާނުގެ މުއްސަނދިކަމުގެ އަސްލަކީ ސައޫދީ އަރަބިއާއަށް ލިބިގެންވާ ތެލުގެ މުއްސަނދިކަމެވެ. ސަލްމާނަށް ރަސްކަން ލިބިވަޑައިގަތީ އޭނާގެ ބޭބޭފުޅު އަބްދު ﷲ ރަސްގެފާނު އަވަހާރަވުމުންނެވެ.

ލިސްޓުގެ ހަތަރުވަނައަށް އަރަނީ ދުބާއީގެ އަމީރު ޝައިޚު މުހައްމަދު ބިން ރާޝިދު އާލް މަކްތޫމުގެ ނަންފުޅެވެ. އޭނާގެ މިލްކިއްޔާތުގެ އަގުކަމަށް އަންދާޒާ ކުރެވެނީ 14 ބިލިޔަނާއި 18 ބިލިޔަން ޑޮލަރާ ދޭތެރޭގެ މިންވަރެކެވެ. ދުބާއީއަކީ ވަކި ގައުމެއް ނޫނެވެ. އެއީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި ހިމެނޭ 7 އެމިރޭޓްސްގެ ތެރެއިން އެމިރޭޓެކެވެ. މިއިން ކޮންމެ އެމިރޭޓެއްގައި ވަކި ރަސްކަލަކު ނުވަތަ އަމީރަކު ހުންނަވައެވެ. ޔޫއޭއީގެ ރައީސަކީ މި ހަތް ރަސްކަލުންގެ ތެރެއިން އެއްބަސްވެވޭ ބޭފުޅެކެވެ. ޔޫއޭއީއަށް މިނިވަންކަން ލިބުނީއްސުރެ ގައުމުގެ ރައީސަކީ އަބޫދާބީ އެމިރޭޓުގެ ވެރިޔާއެވެ. ނުވަތަ އަމީރެވެ. ދުބާއީގެ އަމީރަކީ ގައުމުގެ ދެވަނަ ލީޑަރެވެ. ކޮންމެއަކަސް ދުބާއީއަކީ މުއްސަނދިކަމާއި ސައިޒުގެ ގޮތުން ޔޫއޭއީގެ ދެވަނަ އެމިރޭޓެވެ. ޝައިޚު މުހައްމަދު ބިން ރާޝިދު އާލް މަކްތޫމުގެ މުއްސަނދިކަމުގެ އަސްލަކީ ދުބާއީގެ ތެލުގެ ސިނާއަތުގެ މުއްސަނދިކަމެވެ. އޭނާއަކީ އައު ޚިޔާލުތަކާއެކު ދުބާއީ ތަރައްގީ ކުރެެއްވުމުގެ ބާނީއެވެ.

ލިސްޓުގެ ފަސްވަނަ އަދި އެންމެ ފަހު ބޭފުޅަކީ ގަތަރުގެ އަމީރު ޝައިޚު ތަމީމް ބިން ހަމަދު އާލް ޘާނީއެވެ. އޭނާގެ މިލްކިއްޔާތުގެ އަގުކަމަށް އަންދާޒާ ކުރެވިފައިވާ މިންވަރަކީ 2 ބިލިއަން އެމެރިކާ ޑޮލަރެވެ. އިނގިރޭސިވިލާތުގެ ލަންޑަނުގެ ޝާރޑް ހޮޓަލާއި އެމެރިކާގެ ނިއުޔޯކްގެ އެމްޕަޔަރ ސްޓޭޓް ބިލްޑިންގަކީ ޝައިޚު ތަމީމުގެ ތަންތަނެވެ. ފްރާންސްގެ އެންމެ ވަރުގަދަ އަދި ކާމިޔާބު ފުޓްބޯޅަ ކުލަބުކަމަށްވާ ޕީއެސްޖީގެ މިލްކުވެރިޔަކީވެސް އޭނާއެވެ. ޝައިޚު ތަމީމުގެ މުއްސަނދިކަމުގެ އަސްލަކީ ގަތަރަށް ލިބިގެންވާ ތެލާއި ގޭހުގެ މުއްސަނދިކަމެވެ. އުމުރުފުޅުން 43 އަހަރުވީ ޝައިޚު ތަމީމު ގަތަރުގެ ވެރިކަން ކުރައްވަމުން ގެންދަވަނީ 2013 ވަނަ އަހަރުން ފެށިގެންނެވެ. އޭނާއަށް ވެރިކަން ލިބިވަޑައިގަތީ ބައްޕާފުޅު ޝައިޚު ހަމަދު ބިން ޚަލީފާ އާލް ޘާނީ އަމިއްލަފުޅަށް ތަޚުތު ދޫކޮށްލައްވައި ދަރިކަލުންނާ ވެރިކަން ހަވާލު ކުރެެއްވުމުންނެވެ.