އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް މިއަހަރުގެ ތެރޭ ރ. މީދޫގެ ބިން ހިއްކައި ނިންމައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މީދުއަށް ވަޑައިގެން، މިރޭ އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މީދޫއަކީ މިހާރު ބިން ހުސްވެ، ފުރިފައިވާ ރަށެއް ކަމަށާއި ހަގީގަތުގައި ފަޅުގައި ވެސް ބިން ބޮޑުކުރަން މާބޮޑު ޖާގައެއް ނެތް ކަމަށެވެ.

"އެހެންނަމަވެސް އެކަމަކީ މި ރަށުގެ ރައްޔިތުންނަށްޓަކައި، ރައްޔިތުންގެ މުހިންމު ކަންތައްތައް ކުރުމަށްޓަކައި، ހާއްސަކޮށް ގެދޮރުގެ ދަތިކަން ވަރަށް ބޮޑުވެފައިވާތީއާ އެކުގައި ގާތްގަނޑަކަށް އަށެއް ނުވަތަ ދިހަ ވަރަކަށް ހެކްޓަރު ކަމަށް ކައުންސިލުގެ ރައީސް ވިދާޅުވީ ހިއްކެއް އޮތީ. ކޮންމެއަކަސް އަޅުގަނޑު ވައުދުވީ ގޮތަށް ހިއްކެއް އޮތް އެންމެ ބޮޑުމިނަކަށް އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ހިއްކައި ނިންމައިދޭނަން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޓްރާންސިޝަން މުއްދަތުގެ ތެރޭގައި ބަޖެޓުގައި މަޝްރޫއުތަކަށް ފައިސާ ހިމެނުމަށް ދިން ދިހަ ދުވަހުގެ މުއްދަތުގެ ތެރޭގައި މަޝްރޫއުތަކަށް ފައިސާ ހިމަނައިދިނުމަށް ހުށަހަޅާފައިވާނެ ކަމަށާއި ނަމަވެސް ހުށަހެޅި އަދަދުތައް މިދިޔަ ސަރުކާރުން ބަޖެޓުގައި ހިމަނައިދީފައި ނުވާ ކަމަށެވެ.

"މިހާރުވެސް އޮތް މަޖިލީހުން ބަޖެޓު ފާސްކުރީ. ބަޖެޓު ކޮމިޓީގެ ދުވަސްވަރު ވެސް، ކޮމިޓީގެ ތެރޭގައި ވެސް އަޅުގަނޑުމެންނަކަށް ނުދޭ މާބޮޑު ފުރުސަތެއް، އެއްވެސް ފުރުސަތެއް ހަގީގަތުގައި ދަންނަވަންޏާ، އަޅުގަނޑުމެން ވައުދުވީ ކަންތައްތައް ކުރެވޭ ވަރަށް ބަޖެޓު ހަދާކަށް. އެ ކުޑަކުޑަ ދިހަ ވަރަކަށް ދުވަސްތެރޭ އަޅުގަނޑުމެންނަށް ވީވަރަކުން ހުރިހާ ކަމެއް ހިމަނައި، މަޝްރޫއުތައް ހިމަނާފައި ފޮނުވީ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ހިނގަމުންދާ މަޝްރޫއުތައް ފުރިހަމަކުރުމަށާއި، ހުއްޓިފައިވާ މަޝްރޫއުތައް އަލުން ފެށުމަށް ވެސް ބަޖެޓުގައި ފައިސާ ހިމަނައިދީފައި ނުވާ ކަމަށާއި މަަޝްރޫއުތަކަށް ބޭނުންވާ އަދަދާ ގާތްކުރާ އަދަދަކަށް ވެސް ފައިސާ ހިމަނައިދީފައި ނުވާ ކަމަށެވެ. އަދި ބަޖެޓުގައި ފައިސާ ހިމަނާފައިނުވި ނަމަވެސް، އެހެން ގޮތްގޮތުން މަޝްރޫއުތައް ހިންގުމަށް މަގުފަހިކުރަމުން އަންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.