އެއާ އެމްބިއުލާންސް ހިދުމަތް ތައާރަފުކުރުމަށް ފަސޭހަވެގެންދިޔައީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެކަމަށް ތަސައްވަރު ކުރެއްވި ގޮތުން ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

ސިއްހީ އިމަޖެންސީ ހާލަތްތަކުގައި ބަލި މީހުން އުފުލުމަށް އެއާ އެމްބިއުލާންސް ހިދުމަތް ފަށާފައިވަނީ އިއްޔެއެވެ. އެއާ އެމްބިއުލާންސް ހިދުމަތުގެ ދަށުން ފުރަތަމަ ދަތުރު ބާއްވާފައިވަނީ ކުޅުދުއްފުށި ސިޓީއަށެވެ. ބަލި މީހާ ގޮވައިގެން އެއާ އެމްބިއުލާންސް ކުޅުދުއްފުށިން މާލެއަށް އައިސްފައިވަނީ ރޭ މެންދަމު 3:20 ހާއިރެވެ.

ރ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އަލިފުށީގައި މިއަދު ބޭއްވި ބައްދަލުވުމުގައި ހެލްތު މިނިސްޓަރު ހަލީލް ވިދާޅުވީ މީގެ ކުރިން އައި ސަރުކާރުތަކުން އެއާ އެމްބިއުލާންސްގެ ވާހަކަ ދައްކާ އިރަށް، ދިޔައީ ސިއްސައިގެން ކަމަށާއި އެއީ އަގުބޮޑުކަމާއި އެ ހިދުމަތް ތައާރަފުކުރުމުގައި ހުރި އުނދަގޫތަކާއި ހުރަސްތައް ކުރިމަތިވެގެން ކަމަށެވެ.

"އެހެންނަމަވެސް އަޅުގަނޑުގެ ހިތަށް ފިނިކަން އައީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހުގައި އެމަނިކުފާނު އެ ހިދުމަތް ތައާރަފުކުރެއްވުމުގައި ތަސައްވަރު ކުރެއްވި ގޮތް، ހަމައެކަނި އެއީ އެކަން ފަސޭހަވެގެން ތައާރަފުވެގެންދިޔަ މައިގަނޑު ސަބަބަކީ. ރާއްޖޭގައި ވަސީލަތްތައް ހުއްޓޭ، އެކަމަކު މީގެ ކުރިން އަޅުގަނޑުމެންނަކަށް ނުފެނުނޭ،" މިނިސްޓަރު ވިދާޅުވިއެވެ.

ހަލީލް ވިދާޅުވީ އެއާ އެމްބިއުލާންސްގެ ހިދުމަތަކީ ވަރަށް ކުޑަކުޑަ ހަރަދަކުން ވެސް ފެށެން އޮތް ހިދުމަތެއް ކަމަށާއި މިހާ ހިސާބަށް އައި އިރު، އެ ހިދުމަތަށް ދައުލަތުން އެއްވެސް ހަރަދެއް ކޮށްފައިނުވާ ކަމަށެވެ. އަދި ރައީސް މުއިއްޒު ބޭނުންފުޅުވީ ރާއްޖޭގެ ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި އެ ހިދުމަތް ތައާރަފުކުރެއްވުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެހެންވީމާ އަޅުގަނޑުމެންނަށް އެނގޭ ވިސްނުންތެރި ވެރިއެއް ވަޑައިގެންފިއްޔާ މިއިން ކޮންމެ ކަމަކީ ކޮންމެހެން ރޮކެޓް ސައިންސެއް ނޫންކަން. ވަރަށް ސާދާކޮށް، ވަރަށް އާދައިގެ ގޮތަކަށް އެ ވިސްނުންފުޅު ގެންގުޅުއްވައިގެން ކުރެވިދާނެ ކަމެއްކަން އެމަނިކުފާނު ސާބިތު އެ ކޮށްދެއްވީ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރައީސްގެ ވިސްނުންފުޅަކީ އެ ހިދުމަތް ބޭނުންވާ ކޮންމެ ދިވެހި ރައްޔިތަކަށް ވެސް، ހެދިފައި ހުންނަ އެސްއޯޕީގެ ތެރެއިން، ގައިޑްލައިންގެ ތެރެއިން އިންތިޒާމުތައް ހަމަޖެހިގެން ދިއުން ކަމަށެވެ. އަދި މިނިސްޓަރު ހަލީލް ވަނީ އެ ހިދުމަތް ތައާރަފުކުރުމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނާއި އައިލެންޑް އޭވިއޭޝަނާއި އުރީދޫ އަދި މަންތާ އެއާ އިން ފޯރުކޮށްދިން އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފައެވެ.

ހެލްތު މިނިސްޓްރީއާއި އެންސްޕާ އަދި އައިލެންޑް އޭވިއޭޝަން ގުޅިގެން ދޭން ފެށި އެއާ އެމްބިއުލާންސްގެ ހިދުމަތުގައި މިވަގުތު ބޭނުން ކުރަމުންދަނީ މޯލްޑިވިއަނުން ބޭނުން ކުރަމުން އައި ޑޭޝް-8 މަރުކާގެ މަތިންދާބޯޓެކެވެ. އެ ބޯޓުގައި އަވަސް ސިއްހީ ފަރުވާދޭ ވަސީލަތްތައް ގާއިމުކޮށްފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

އެ ހިދުމަތުގެ ދަށުން ސީޕްލޭނެއްވެސް ބޭނުން ކުރާނެއެވެ. ސީޕްލޭން އޮޕަރޭޝަނަށް ގެންނަން ނިންމާފައިވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ.

ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި، އެއާ އެމްބިއުލާންސްގެ ހިދުމަތް ދިނުމަށް ހާއްސަކޮށްގެން 15 ސިއްހީ ހިދުމަތްތެރިއަކު ވަނީ ތަމްރީނުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފަސް ޑޮކްޓަރުންނާއި ފަސް ނަރުހުންގެ އިތުރުން ފަސް އިމަޖެންސީ މެޑިކަލް ޓެކްނީޝަނުންނެވެ.