ރައީސުލްޖުމްހޫރިއާއަށް އިންތިހާބު ވެވަޑައިގަންނަވާ ބޭފުޅަކު އުފައްދަވާ މިނިސްޓްރީތަކާއި އެ މިނިސްޓްރީތަކުގެ މަސައްކަތްތަކަށް ބޭނުންވާނެ ސިޔާސީ މުވައްޒަފުންގެ އަދަދު، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޖިލީހުގެ ރުހުން ހޯދަންޖެހޭ ގޮތް ހަދަން މަޖިލީހަށް ބިލެއް ފޮނުއްވައިފިއެވެ.
މި ބިލު މަޖިލީހަށް ފޮނުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ އެވެ.
މި ބިލު ހުށަހެޅުމުގެ ބޭނުމެއް ކަމަށް އެ ބިލުގައި އީވާ ވިދާޅުވެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ އެކުލަވާލާ މިނިސްޓްރީތަކުގެ އަދަދާއި އެ މިނިސްޓްރީތަކުގެ މަސައްކަތުގެ ދާއިރާތަކާއި އެ މިނިސްޓްރީގެ މަސައްކަތްތަކަށް ބޭނުންވާނެ ސިޔާސީ މުވައްޒަފުންގެ އަދަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި ގާނޫނުއަސާސީއަށް އިސްލާހު ގެނައުން ކަމަށެވެ.
އީވާ އިސްލާހު ހުށަހަޅުއްވާފައި ވަނީ ސަރުކާރުގެ މިނިސްޓްރީތައް ހިމެނޭ ގާނޫނުއަސާސީގެ 116 ވަނަ މާއްދާއަށެވެ.
އެ މާއްދާގެ (ހ) މިހާރު އޮންނަނީ ސަރުކާރުން އުފައްދަން ބޭނުންވާ އެންމެހައި މިނިސްޓްރީތަކާއި އެ މިނިސްޓްރީތަކުގެ މަސައްކަތުގެ ދާއިރާތައް ކަނޑައެޅުމުގެ އިހުތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ކަމަށެވެ. އަދި ސަރުކާރުން އުފައްދާ މިނިސްޓްރީތަކާއި އެ މިނިސްޓްރީތަކުގެ މަސައްކަތުގެ ދާއިރާތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ރައީސުލްޖުމްހޫރިއްޔާ، އެ މަޖިލީހަށް ހުށަހަޅަންވާނެ ކަމަށެވެ.
އަދި (ށ) ގައި ބުނަނީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ސަރުކާރުން އުފައްދާ މިނިސްޓްރީތަކާއި އެ މިނިސްޓްރީގެ މަސައްކަތުގެ ދާއިރާތައް ކަނޑައަޅާފައިވާ ގޮތާމެދު ރައްޔިތުންގެ މަޖިލީހަށް ފެންނަ ހިޔާލާއި މަޝްވަރާ ރައީސުލްޖުމްހޫރިއްޔާއަށް ދެވިދާނެ ކަމަށެވެ.
ނަމަވެސް އެ މާއްދާ ބަދަލުކުރަން އީވާ ހުށަހަޅުއްވާފައިވާ ބިލުގައި، އެ މާއްދާގެ (ހ) ގައި ބުނަނީ ސަރުކާރުން އުފައްދާން ބޭނުންވާ އެންމެހައި މިނިސްޓްރީތަކާއި އެ މިނިސްޓްރީތަކުގެ މަސައްކަތުގެ ދާއިރާތައް ކަނޑައެޅުމުގެ އިހުތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ކަމަށެވެ. އަދި ސަރުކާރުން މިނިސްޓްރީތައް އުފައްދާ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި އެ މިނިސްޓްރީތަކުގެ އަދަދާއި އެ މިނިސްޓްރީތަކުގެ މަސައްކަތުގެ ދާއިރާތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ރައީސުލްޖުމްހޫރިއްޔާ، އެ މަޖިލީހަށް ހުށަހަޅަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
އެ މާއްދާގެ (ށ)އަށް ގެންނަން ހުށަހަޅުއްވާފައިވާ އިސްލާހުގައި ބުނަނީ މި މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ސަރުކާރުން އުފައްދާ މިނިސްޓްރީތަކާއި އެ މިނިސްޓްރީތަކުގެ މަސައްކަތުގެ ދާއިރާތައް ކަނޑައަޅާފައިވާ ގޮތާމެދު ރައްޔިތުންގެ މަޖިލީހަށް ފެންނަ ހިޔާލާއި މަޝްވަރާ ރައީސުލްޖުމްހޫރިއްޔާއަށް ދެވިދާނެ ކަމަށެވެ.
މި މާއްދާއަށް (ނ) ގޮތުގައި އިތުރުކުރަން އީވާ ހުށަހަޅުއްވާފައިވާ އިސްލާހުގައި ބުނެފައިވަނީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އުފައްދާ ސަރުކާރުގެ މިނިސްޓްރީޓައް އުފައްދާ ތާރީހުން ފެށިގެން 14 ދުވަހުގެ ތެރޭގައި އެ މިނިސްޓްރީތަކުގެ މަސައްކަތްތަކަށް ބޭނުންވާނެ ސިޔާސީ މުވައްޒަފުންގެ އަދަދު، ރައީސުލްޖުމްހޫރިްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އެ މަޖިލީހުން ފާސްކުރަންވާނެ ކަަމަށެވެ.
މިދިޔަ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ބިލުގެ ފުރަތަމަ ކިޔުން ވަނީ އިއްވައިފައެވެ. ދެން އޮންނާނީ މަޖިލީހަށް ބިލު ހުށަހަޅައި ބަހުސް ކުރިއަށް ގެންދިއުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު