ރޯދައިގެ ފަހުން މަޖިލިސް އިންތިހާބު ބާއްވާ ނަމަ، ރޯދަ މަހުގެ ފަހު 10ގެ އަޅުކަމަށް ހުރަސް އެޅޭނެ ކަމަށާއި އެއީ އެ މަނިކުފާނު ބޭނުންފުޅުވާ ގޮތް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ނ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކެނދިކުޅުދުއަށް ވަޑައިގެން، މިއަދު އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެ މަނިކުފާނު ބޭނުންފުޅުވީ ރޯދައިގެ ކުރިން އިންތިހާބު ބާއްވަން ކަމަށާއި އެއީ ރޯދަމަހު އިންތިހާބު ބޭއްވުމުން، ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވާނެތީ ކަމަށެވެ. ނަމަވެސް މިހާރު އޮތް މަޖިލީހުން ރޯދައިގެ ކުރިން އިންތިހާބު ބާއްވަން އެއްބަސްނުވީ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ބޭނުމެއް ނޫން ރޯދަމަހުގެ ތެރޭގައި އިންތިހާބު ބާއްވާކަށް. ރޯދަ މަހަކީ އަޅުކަމުގެ މައްސަރަކަށްވީމަ ނޫންތޯ ކެމްޕޭން ތެރޭގައި ވައުދުވީގޮތަށް މިހާރު ރަސްމީކޮށް އެއޮތީ ފަހު 10 އެއްވެސް ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅާފަ. މިހާރު އަޅުގަނޑުމެންވީ ފަހު 10 ބަންދު ދުވަސްތަކުގެ ގޮތުގައި ކަނޑައަޅައިގެން އަޅުކަމަށް ހާއްސަކުރަންވީ ދުވަސްތަކުގައި އިންތިހާބުގެ ކެމްޕޭންގައި އުޅެންތޯ،" ރައީސް ސުވާލުކުރެއްވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، އިންތިހާބު ބާއްވާނެ ތާރީހަކަށް އިލެކްޝަންސް ކޮމިޝަނުން އެ މަނިކުފާނުގެ ނުރަސްމީ ލަފަޔަކަށް އެދުމުން ގާނޫނުއަސާސީއާއި ގާނޫނާ ހިލާފުނުވާ ނަމަ ރޯދައިގެ ކުރިން އިންތިހާބު ބާއްވައި ދިނުމަށް އެ ކޮމިޝަނަށް ލަފާ ދެއްވެވި ކަމަށެވެ. ނަމަވެސް އެގޮތަށް އިލެކްޝަންސް ކޮމިޝަނުން މަޖިލީހުގައި އެދުމުން، ''އެމްޑީޕީގެ އަޑި ނޭނގޭ ކޮންމެވެސް ސަބަބަކާ ހުރެ'' ރޯދައިގެ ކުރިން އިންތިހާބު ބާއްވަން އެއްބަސްނުވީ ކަމަށް ވިދާޅުވިއެވެ.

"އެބޭފުޅުންނަށް ބާރު ހިންގައި އެ ބޭފުޅުން އޮޕަރޭޓް ކުރާ އެހެން ފަރާތެއް އެބަ އޮތް. ޖޮއިސްޓިކް އޮތީ އެހެން ފަރާތެއްގައި ޖޮއިސްޓިކް އަނބުރާ ގޮތަށް ޕަޕެޓްތަކެއް ގޮތަށް އެނބުރެމުން މި ދަނީ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެންބަރުން،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ސުޕްރީމް ކޯޓުން މިހާރު ނިންމާފައިވަނީ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދަކީ 87 ކަމަށާއި އެހެންކަމުން 80 މެންބަރުންނަށް ބަލައިގެން އިއްޔެ ފާސްކުރި މަޖިލިސް އިންތިހާބު ފަސްކުރާ ބިލުގެ މައްސަލައާއި އޭގެ ކުރިންވެސް ނިންމާފައި ހުރި އެހެން މައްސަލަތަކުގެ ގާނޫނީ ހައިސިއްޔަތާމެދު ސުވާލު އުފެދޭ ކަމަށެވެ.

"މިއަދު ސުޕްރީމް ކޯޓުން ނިންމި ނިންމުމާ އެއްގޮތަށް ކުރިއަށް ދިއުމުގައި އަޅުގަނޑު ހުރިހާ ކަމެއްވެސް ކުރާނީ ގާނޫނާއި ގާނޫނު އަސާސީއާ އެއްގޮތަށް. ލަފާ ލިބެނީ އިއްޔެ ނިންމު ނިންމުން، ސުޕްރީމް ކޯޓުން އެގޮތަށް 80 މެންބަރުންނަކީ ރައްޔިތުން މަޖިލީހުގެ އަދަދު ނޫން ކަމަށް، އޮރިޖިނަލީ އޮންނަ 87 އަށް ކަމަށް ނިންމި ނިންމުމާ އެއްގޮތަށް ނޫން ގޮތަކަށް އިއްޔެ ނިންމި ނިންމުންވެސް ތަސްދީގުކުރަންޖެހޭ އެއްޗެއް ކަމަށް ލަފާ ލިބެންޏާ ވަގުތުން ތަސްދީގު ކޮށްލާނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މިހާރު މަޖިލިސް އިންތިހާބުގެ ތާރީހު ސާފު ނުވާ ކަމަށާއި އެހެންވެ، ބަންޑާރަނައިބުގެ ލަފަޔަކަށް މިއަދު އެދިވަޑައިގެންފައިވާ ކަމަށެވެ. އަދި އެ ބިލް ގެޒެޓް ކުރަން ލަފާދެއްވައިފިނަމަ އެކަންވެސް ކުރައްވާނެ ކަމަށެވެ.