ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުން ގުނަމުން އައި ގޮތާއި ޖަލްސާތަކުގެ ކޯރަމް ކަނޑައަޅާ ގޮތަށް އެ މަޖިލީހުގެ ގަވައިދަށް ގެނައި އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު ބަދަލެއް ކަމަށް ސުޕްރީމް ކޯޓުން ނިންމުމުން، މަޖިލީހުން އިއްޔެ ފާސްކުރި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދަމަހުގެ ފަހުން ބާއްވާ ބިލުގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފެދޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ނ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކެނދިކުޅުދުއަށް ވަޑައިގެން، މިއަދު އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ގާނޫނު އަސާސީއާ ކުޑަ ތަންކޮޅެއްވެސް ހިލާފުވެވަޑައިނުގަންނަވާނެ ކަމަށާއި ގާނޫނު އަސާސީގެ ދަށުން ކަންކަން ހިނގާނަމަ، އެ މަނިކުފާނުގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމަށެވެ.

ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސުޕްރީމް ކޯޓުން މިހާރު ނިންމާފައިވަނީ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދަކީ 87 ކަމަށާއި އެހެންވެ ބަންޑާރަނައިބުގެ ގާނޫނީ ލަފާފުޅަކަށް މިހާރު އެދިވަޑައިގެންފައިވާ ކަމަށެވެ.

"އެއީ މިކަހަލަ ނިންމުމެއް ނިންމީމަ، ސުވާލު އެބަ އުފެދޭ 80 މެންބަރުންނަށް ބަލައިގެން އިއްޔެގެ މައްސަލަ އާއި އޭގެ ކުރިންވެސް އެތައް މައްސަލައެއް ނިންމާފައި ހުރިއްޔާމު، އެ ނިންމުންތަކުގެ ގާނޫނީ ހައިސިއްޔަތާމެދު ސުވާލު އެބަ އުފެދޭ،" ރައީސް ވިދާޅުވިއެވެ.

"އިއްޔެ ނެގި ވޯޓުގައި ލިބުނުކަންނޭންގެ 47 ވޯޓު. އެހެންވިޔަސް އެބޭފުޅުން ބެއްލެވީ މަޖިލީހުގެ އަދަދަކީ 80 ކަމަށް. މިކަމުގައި ބަންޑާރަނައިބު އަޅުގަނޑަށް ގާނޫނީ ލަފައެއް ދެއްވީމާ އަޅުގަނޑު ކުރިއަށްދާނަން. އެއީ އެތައް ރައްޔިތުންނެއްގެ ހައްގެއް މީގައި އެކުލެވިގެންވީމަ،"

ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވީ ރޯދައިގެ ކުރިން އިންތިހާބު ބާއްވަން ކަމަށާއި އެއީ ރޯދަ މަހު އިންތިހާބު ބޭއްވުމުން، ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވާނެތީ ކަމަށެވެ. ނަމަވެސް މިހާރު އޮތް މަޖިލީހުން ރޯދައިގެ ކުރިން އިންތިހާބު ބާއްވަން އެއްބަސްނުވީ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ބޭނުމެއް ނޫން ރޯދަމަހުގެ ތެރޭގައި އިންތިހާބު ބާއްވާކަށް. ރޯދަ މަހަކީ އަޅުކަމުގެ މައްސަރަކަށްވީމަ ނޫންތޯ ކެމްޕޭން ތެރޭގައި ވައުދުވީގޮތަށް މިހާރު ރަސްމީކޮށް އެއޮތީ ފަހު 10 އެއްވެސް ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅާފަ. މިހާރު އަޅުގަނޑުމެންވީ ފަހު 10 ބަންދު ދުވަސްތަކުގެ ގޮތުގައި ކަނޑައަޅައިގެން އަޅުކަމަށް ހާއްސަކުރަންވީ ދުވަސްތަކުގައި އިންތިހާބުގެ ކެމްޕޭންގައި އުޅެންތޯ،" ރައީސް ސުވާލުކުރެއްވިއެވެ.

ރައީސް ވިދާޅުވީ ގާނޫނު އަސާސީ އާއި ގާނޫނާ ހިލާފުނުވާ ނަމަ ރޯދައިގެ ކުރިން އިންތިހާބު ބާއްވައިދިނުމަށް އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންނެވި ކަމަށެވެ. އެގޮތަށް އިލެކްޝަންސް ކޮމިޝަނުން މަޖިލީހުގައި އެދުމުން، އެމްޑީޕީގެ އަޑި ނޭނގޭ ކޮންމެވެސް ސަބަބަކާ ހުރެ ރޯދައިގެ ކުރިން އިންތިހާބު ބާއްވަން އެއްބަސްނުވީ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެބޭފުޅުންނަށް ބާރު ހިންގައި އެބޭފުޅުން އޮޕަރޭޓް ކުރާ އެހެން ފަރާތެއް އެބަ އޮތް. ޖޮއިސްޓިކް އޮތީ އެހެން ފަރާތެއްގައި ޖޮއިސްޓިކް އަނބުރާ ގޮތަށް ޕަޕެޓްތަކެއް ގޮތަށް އެނބުރެމުން މިދަނީ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެންބަރުން،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ބަންޑާރަނައިބު ލަފައެއް ދެއްވުމުން މިއަދު ސުޕްރީމް ކޯޓުން ނިންމި ނިންމުމާ އެއްގޮތަށް ގާނޫނު އަސާސީ އާއި ގާނޫނުތަކާ އެއްގޮތަށް އަމަލު ކުރައްވާނެ ކަމަށެވެ.