އެމަނިކުފާނުގެ ވައުދުފުޅާ އެއްގޮތަށް އަންނަ ހުކުރު ދުވަހު އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށޭނެ ކަމަށާއި އެ ހިދުމަތް ފެށުމުން ރާއްޖޭގެ ކޮންމެ ރަށަކުން ވެސް މެޑިކަލް އިވެކުއޭޝަން ހެދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ
ނ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މަނަދުއަށް ވަޑައިގެން، މިރޭ އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އަމިއްލައަށް ކަންކަން ކުރެވޭނެ ކެޕޭސިޓީ ގާއިމުކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި އެގޮތުން ކަނޑައަޅާފައިވާ ތާރީހުގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ވެސް ރާއްޖޭގައި ފެށިގެންދާނެ ކަމަށެވެ.
"އެކެއް މާޗްގައި، ހުކުރު ދުވަހު ފަށާނެ އިރާދަކުރެއްވިއްޔާ އަޅުގަނޑު ވައުދުވީ ގޮތަށް ރާއްޖޭގައި އެއާ އެމްބިއުލާންސްގެ ހިދުމަތް. އަޅުގަނޑުމެންގެ މަތިންދާބޯޓެއް ބަދަލުކޮށް، ޑޭޝް 8ގެ މަތިންދާބޯޓެއް ބަދަލުކޮށް ނޭޝަނަލް އެއާ އެމްބިއުލާންސް ސާވިސް އިރާދަކުރެއްވިއްޔާ މާދަން ނޫން އަނެއް ދުވަހު މި ފެށެނީ. އޭރުން އޮންނާނީ އަޅުގަނޑުމެންގެ ފުލްޓައިމް މޯލްޑިވިއަނުން އޮޕަރޭޓުކުރާ، އަޅުގަނޑުމެންގެ އަމިއްލަ ބޯޓެއް،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެއާ އެމްބިއުލާންސް ހިދުމަތުގެ ތެރެއިން ބޭނުންކުރާ މަތިންދާބޯޓު ރާއްޖޭގެ ކޮންމެ އެއާޕޯޓަކުން ވެސް ކުއްލި ހާލަތުގައި ބަލިމީހުން އެއްތަނުން އަނެއް ތަނަށް ގެންދެވޭނެ ކަމަށާއި ސްރީލަންކާއާ ހިސާބަށް ވެސް އޭގެން ދަތުރުތައް ކުރެވޭނެ ކަމަށެވެ. އަދި މަތިންދާބޯޓުގެ އިތުރުން ސީޕްލޭނެއް ވެސް ބޭނުންކުރެވޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"އެތަނަށް (ލަންކާއަށް) މަޑުކޮށްފައި، ތެޔޮ އަޅައިގެން އެއަށްވުރެ ދުރަށް ވެސް އިރާދަކުރެއްވިއްޔާ ދެވޭނެ. އެހެންވީމާ އަޅުގަނޑުމެން މެޑިކަލް އިވެކުއޭޝަން ހެދުމުގައި އަޅުގަނޑުމެންގެ އަމިއްލަ ކެޕޭސިޓީ ބިލްޑްކުރެވެނީ މި. އަދި އޭގެ އިތުރަށް ސީޕްލޭނެއް ވެސް އެއާއެކީގައި ބޭނުންކުރަން ފަށާނެ، އެތެރެ ބަދަލުކޮށްގެން އެއާ އެމްބިއުލާންސްގެ ގޮތުގައި. ސީޕްލޭން ދެން ކޮންމެގޮތެއް ވިޔަސް ދުވާލުގެ ގަޑީގައި ދުއްވާނީ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އެ މަސައްކަތުގައި ބޭނުންކުރާ ސީޕްލޭނަށް ކޮންމެ ރަށެއްގެ ކައިރިއަށް ވެސް ކުއްލި ހާލަތުގައި ކައިރިކުރެވޭނެ ކަމަށާއި ޑޭޝް 8ގެ ބޯޓާއި ސީޕްލޭން ވެސް ބޭނުންކުރެވިގެންދާނީ ބަލިމީހުން އުފުލުމަށް ބޭނުންވާ ބަދަލުތައް ގެނެސްގެން ކަމަށެވެ.
"އެހެންވީމާ ޑޭޝް 8ގެ ބޯޓަކާއި ސީޕްލޭނަކާ ބަދަލުކޮށްގެން އަޅުގަނޑުމެން އިރާދަކުރެއްވީތީ މާދަން ނޫން އަނެއް ދުވަހު މި ފަށަނީ އެއާ އެމްބިއުލާންސްގެ ހިދުމަތް. ފެށީމާ ރާއްޖޭގެ ކޮންމެ ކަންކޮޅަކުން ވެސް، ކޮންމެ ރަށަކުން ވެސް މެޑިކަލް އިވެކުއޭޝަނެއް ހަދަން ވެއްޖެއްޔާ، ހެދުމުގެ ގާބިލުކަން އަޅުގަނޑުމެންގެ އެ ގާއިމުވެގެންދަނީ،" އެމަނިކުފާނު ވިދާޅުވިއެވެ.
އެއާ އެމްބިއުލާންސްގެ ހިދުމަތް ރާއްޖެ އާއި ލަންކާއާ ދޭތެރޭ ވެސް ކުރުމަށް ހަމަޖެހިފައިވާ އިރު، ރާއްޖެއިން އެއާ އެމްބިއުލާންސް އަދި އެ ނޫންވެސް އެމަޖެންސީ ފްލައިޓް އޮޕަރޭޓް ކުރުމަށް ބޭނުންވާ ހުރިހާ ހުއްދައެއް ގިނަވެގެން ދެ ގަޑިއިރު ތެރޭގައި ހަމަޖައްސައިދޭން ލަންކާ ސަރުކާރުން ވަނީ ނިންމައިފައެވެ. މީގެ ކުރިން ރާއްޖެއިން ލައްކާއަށް ބަލި މީހުން އުފުލުމަށް ހޯދަންޖެހޭ ހުއްދަތައް ހޯދުމަށް މަދުވެގެން ހަ ގަޑިއިރާއި އެއް ދުވަހުގެ ވަގުތެއް ހޭދަވައެވެ.
ޚަބަރު
ޚަބަރު
ޚަބަރު