ކުރީގެ ރައީސް އަބްދުﷲ ޔާމީން މިހާރު ގެންދަވަނީ އެ މަނިކުފާނަށް އަނިޔާދިން އެމްޑީޕީ މީހުންގެ ބަސް ގަބޫލުކުރައްވަމުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު، ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު، ނ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު މަނަދުއަށް މިރޭ ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގެ އިސްވެރިން އަމިއްލައަށް ކުރި ކަންކަމުގެ ޒިންމާ މި ސަރުކާރުގެ ބޮލުގައި އަޅުވައި ވާހަކަދައްކަމުންދާ ކަމަށެވެ.

"އަޅުގަނޑު ދަންނަވަން މި އުޅޭ ވާހަކައަކީ ރައީސް އަބްދުﷲ ޔާމީން އަބްދުއްގައްޔޫމް އެ މަނިކުފާނުގެ ވެރިކަން ނިމުމާއެކީގައި އެ މަނިކުފާނަށް އަނިޔާ ދިނީ ކޮން ބައެއްކަން ހަމަ ގައިމުވެސް މި ރާއްޖޭގެ ރައްޔިތުން ދަންނާނެ. އެއިރު ވެރިކަމުގައި ހުންނެވީ ކޮން ބޭފުޅެއްކަން އަޅުގަނޑުމެން ދިވެހި ރައްޔިތުންނަށް ނޯޅޭނެ. އެކަމަކު އެ ބޭފުޅުން މިއަދު ނިކުމެވަޑައިގެން އެބަ ވިދާޅުވޭ ރައީސް ޔާމީން މިނިވަންވުމަށް ހުރަސް އަޅުއްވަނީ ޑރ. މުއިއްޒޭ، ވިދާޅުވާތީ އަޅުގަނޑު މި ދަންނަވަނީ މިވަރު ނޭނގޭ ކުޑަކުދިންހޭ ރާއްޖޭގައި މި ތިބީ، ކީއްކުރަންތޯ މި އުޅެނީ. މީގެ ހިތާމައަކީ އެ އަނިޔާދިން މީހުންގެ ވާހަކަ އެ އަނިޔާ ލިބުނު މީހުންނަށް މިއަދު ގަބޫލުކުރެވޭތީ،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ "އެ އަނިޔާދިން މީހުންގެ ވާހަކަ އެ އަނިޔާ ލިބުނު މީހުންނަށް ގަބޫލުކުރެވިގެން އަޅުގަނޑު ކުރީ ރޭ ދަންނަވާލިހެން އެންމެން އެކީގައި އެއްބައިވެގެން މި ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރަމުންދަނީ" ކަމަށެވެ.

ސަރުކާރުން ވައްޓާލުމަށް ބަޔަކު ކުރަމުންދާ މަސައްކަތަށް ހެއްލިގެން ރައްޔިތުން އެފަދަ ކަމެއް ކޮށްގެން ނުވާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ. މި ސަރުކާރު ވެއްޓިއްޖެނަމަ ރައްޔިތުންނާއި ގައުމަށް ގެއްލުންތަކެއް ލިބޭނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.

ރާއްޖޭގައި ރިޔާސީ ނިޒާމެއް އޮންނަކަމަށް ބަޔާންކޮށްފައި ވިޔަސް، ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާގެ ހަތަރެސްފައި ބަނުމުގެ ބާރު ލިބިގެންވާ ކަމަށް އަދުރޭ ވިދާޅުވިއެވެ. ރިޔާސީ ނިޒާމެއްގައި އެކަން އެގޮތަށް ކުރެވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އެހެންކަމުން ގާނޫނުއަސާސީ ބަދަލުކުރެވެން އޮތީ ރައީސް މުއިއްޒަށް، ތާއީދުކުރައްވާ މަޖިލީހެއް ލިބިގެން ކަމަށް އަދުރޭ ވިދާޅުވިއެވެ.