ދުވަސްވެ ބާވެފައިވާ އާންމުންގެ އުޅަނދުތައް ސަރުކާރުން ގަންނަ ޕްރޮގްރާމެއް އަންނަ އަހަރު ފަށަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން އަމީން މިއަދު ވިދާޅުވީ މާލޭގައި އުޅަނދުތައް ގިނަކަން ފާހަގަވާ ކަމަށާއި އަމިއްލަ ފަރާތްތަކުގެ އުޅަނދުތައް ސަރުކާރުން ގަންނަ ޕްރޮގްރާމް ފަށަނީ މާލޭގައި އުޅަނދުތައް މަދުކުރުމުގެ ބޭނުމުގައި ކަމަށެވެ. އަދި ވިދާޅުވީ ކޮންމެވެސް ވަރަކަށް އާ އުޅަނދުތައް ވެސް ގަންނާނެ ކަމަށެވެ.
އަމީން ވިދާޅުވީ އެ ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް އަންނަ އަހަރުގެ ބެޖެޓަށް 500 މިލިއަން ރުފިޔާ ޓްރާންސްޕޯޓް މިނިސްޓްރީން ހުށަހަޅާނެ ކަމަށެވެ.
"18 ޕަސެންޓާއި 22 ޕަސެންޓާ ދެމެދުގެ ބޭފުޅުން އޮންދަ ސްޕޮޓުގަ އިވެލުއޭޝަން ހަދާފައި ލާރި ދޭނަމަ ދޫކޮށްލަނީ. މިހާރު ކުރިއަށް ގެންދިޔައީމަ ވާގޮތަކީ އިތުރަށް ހާލަތު ގޯސް ނުވެ ހިފެހެއްޓެނީ،" އަމީން ވިދާޅުވިއެވެ.
ސަރުކާރުގެ ވިސްނުމަކީ އެގޮތަށް ގަންނަ އުޅަނދުތައް ބާ ދަގަނޑުގެ ގޮތުގައި ރީ އެކްސްޕޯޓް ކުރުން ކަމަށް އަމީން ވިދާޅުވިއެވެ. ބާ އުޅަނދު ގަނެ، އޭގެ ބައިތައް ރީ އެކްސްޕޯޓް ކުރުމުގެ ކާމިޔާބު ޕްރޮގްރާމްތަކެއް އޮސްޓްރޭލިއާ އަދި ސިންގަޕޫރުން ކުރިއަށް ގެންގޮސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިހާރު ވެސް ދަނީ މާލޭގައި އުޅަނދުތައް މަދުކޮށް، ޓްރެފިކް ތޮއްޖެހުން ހައްލު ކުރުމަށް މަސައްކަތްތަކެއް ކުރަމުން ކަމަށް އަމީން ވިދާޅުވިއެވެ. ޓްރެފިކް ތޮއްޖެހުމަށް އޮތް އެންމެ ރަނގަޅު ހައްލަކީ މަލްޓިސްޓޯ ޕާކިން ބިލްޑިންތައް ކަމަށް އަމީން ވިދާޅުވިއެވެ.
މީގެ ކުރިން ދުވާލެއްގެ މައްޗަށް އެތަކެއް ވެހިކަލެއް ރަޖިސްޓްރީ ކުރެވެމުން ދިޔަ ނަމަވެސް، މިހާރު އެ އަދަދު ވަރަށް ބޮޑަށް ދަށްކުރެވިފައިވާ ކަމަށާއި ސަބަބަކީ މިނިސްޓްރީން ގަރާޖު ސިޓީތަކުގެ ސައްހަކަން ކަށަވަރުކުރާތީ ކަމަށް އަމީން ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު