ށ. ކޮމަންޑޫން (ޢަލީ ޔާމީން، ވަން އޮންލައިން)

މި ރަށާއި، މަތިކޮމަންޑޫ ގުޅާލައި، މި ރަށަށް ދިމާވެފައިވާ ބޮޑެތި މައްސަލަަތަކަށް މި އަހަރުގެ ތެރޭގައި ހައްލެއް ގެނެސްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް، ބޮޑުތިލަދުންމައްޗަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު މެންދުރު މި ރަށަށް ވަޑައިގެން ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ސްކޫލުގައި ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ، މި ރަށުގައި ފަށާފައި ހުރި ތަރައްގީގެ ގިނަ މަޝްރޫއުތައް ހުރީ ހުއްޓިފައި ކަމަށެވެ.

މި ރަށަކީ ވަރަށް ބޮޑަށް ފުރި، ތޮއްޖެހިފައި އޮތް ރަށެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މި ރަށުގެ ބޯހިޔާވަހިކަމުގެ މައްސަލައަށްވެސް މި އަހަރުގެ ތެރޭގައި ހައްލެއް ގެނެސްދެއްވާނެ ކަމަށެވެ.

"ހަމައެއާއެކުގައި ތޮށި ސީވޯލް ޕްރޮޖެކްޓާއި ބަނދަރުގެ މައްސަލަ، ބަނދަރުގެ ބޭރު ތޮއްޓާއި ބަނދަރު ބޮޑުކުރުމާއި ވަރަށް ގިނަ ޕްރޮޖެކްޓް އެބަހުރި. ފެނާއި ނަރުދަމާގެ މައްސަލަތައްވެސް އެބަހުރި ހައްލުކުރަން ޖެހިފައި،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މި ރަށަށް ބޭނުންވާ ބޮޑެތި ހުރިހާ ކަމެއް ނިންމައިދީ އަންނަ އަހަރު ބާކީ ހުރި ކަންކަން ކޮށް، ނިންމައިދެއްވާނެ ކަމަށެވެ.

ރައީސް ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ވައުދުވެވަޑައިގެންނެވި ގޮތަށް ދިގުވެލިދޫގައި އެއާޕޯޓަށް ހަދައިދެއްވާނެކަން ތަކުރާރުކުރައްވައިފައެވެ.

ރައީސް އިތުރަށް ވިދާޅުވީ، މި ރަށުގައި ފަށާފައި ހުރި މަޝްރޫއުތައް ކުރިއަށްގެންދާނީ ރައްޔިތުންގެ ބައިވެރިވުމާއެކު ކަމަށާއި ގެންނަން ޖެހޭ ބައެއް ބަދަލުތައް ގެންނާނެ ކަމަށެވެ.